އެމް.ޑީ.ޕީ އަށް 8 އަހަރު ފުރިގެންދާއިރު ހަނދާނާއި ތާރީޚްގެ ތެރެއިނ


DSC01200

އެމް.ޑީ.ޕީ އަށް 8 އަހަރު ފުރިގެންދާއިރު ހަނދާނާއި ތާރީޚްގެ ތެރެއިން

19 ސެޕްޓްމެބަރ 2003 : މާފުށީ ޖަލުގައި ހުކުމެއް ތަންފީޒު ކުރަމުންދިޔަ އީވާން ނަސީމް އަނިޔާވެރި ގޮތެއްގައި 12 ފުލުހުން ވެގެން މަރާލި. އެމައްސަލައިގެ ޝަކުވާ ފުލުހަށް ކުރުމުން އީވާންގެ މަންމަ އެތަރައް ފަހަރެއްގެ މަތީން ހައްޔަރުކުރި. ފަޅާނާރާ މިފަދަ އެތައް ހާދިސާއެއް، ޖަލުގައި ހިނގާފައިވާ ކަމަށް ގަބޫލުކުރެވޭ.

20 ސެޕްޓެމްބަރ 2003 : އީވާންގެ މަރާއި ގުޅިގެން ޖަލުގެ ގައިދީން ރުޅިގަދަވެ، ޖަލުގެ ގޮޅިތައް ހަލާކުކޮށް ގޮޅިތަކުން ބޭރަށް ނިކުތް. މިހާދިސާ ކޮންޓްރޯލް ކުރުމަށް ގައިދީންގެ ތެރެއިން 22 މީހެއްގެ ގަޔަށް ފުލުހުން ބަޑިޖެހި. މީގެ ތެރެއިން 3 ގައިދީން އެހާދިސާގައި މަރުވި. ހަމަ އެދުވަހު ވެރިރަށް މާލެގެ މަގުމައްޗަށް ނިކުމެ ގިނަ އަދަދެއްގެ ބަޔަކު އަނިޔާވެރިކަމާއި ދެކޮޅަށް މުޒާހަރާތައްކުރި. މި މުޒާހަރާތައް މަތަ ކުރުމަށްޓަކައި، ސަރުކާރުން ސްޓޭޓް އޮފް އެމަޖެންސީ އިއުލާން ކުރި.

17 އޮކްޓޯބަރ 2003 : ބީ.ބީ.ސީގެ ސައުތު އޭޝިޔާކަރޮސްޕޮންޑެންޓް އެޑަމް މައިނޮޓް ރާއްޖެއާބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ޚާއްސާ ރިޕޯޓެއް ބީ.ބީ.ސީ ޓީވީގެ އޭޝިޔާ ޓުޑޭ ޕްރޮގްރާމުން ފޮނުވި. މި ރިޕޯޓްގައި ރާއްޖޭގެ ސަރުކާރުން ހިންގަމުން ގެންދިޔަ ލާއިންސާނީ އަމަލުތަކާއި، ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހުއްޓުވުމަށް ބާރުގެ ބޭނުން ކުރަމުންދާކަމަށް ބުނެފައިވޭ. މިރިޕޯޓާއި ގުޅިގެން ދިވެހި ސަރުކާރުން ހިތްހަމަ ނުޖެހުން ފާޅުކޮށް، ބީބީސީއަށް ސިޓީއެއް ފޮނުވިއެވެ. އެސިޓީގައި ބީބީސީގެ ރިޕޯޓް ދޮގުކޮށް، ބީބީސީން ރާއްޖޭގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ކަމަށްބުނެ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ.

10 ނޮވެމްބަރ 2003 : މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ސިޔާސީ ހަރަކާތް ރަސްމީކޮށް ސްރީލަންކާގައި ފެށުނު. ސްރީލަންކާގައި ހުޅުވުނު އެ.މް.ޑީ.ޕީގެ އޮފީހާއެކު، ރާއްޖޭގައި ހިންގަމުން ގެންދިޔަ ލާއިންސާނީ އަމަލުތަކާއި، ސިޔާސީ ހަރަކާތްތައް ހުއްޓުވުމަށް ސަރުކާރުން ކުރިމަތި ކުރަމުންދިޔަ ފިއްތުންތަކާއި ގުޅޭގޮތުން، ގައުމުތަކަށާއި ބައިނަލްއަޤްވާމީ ޖަމްއިއްޔާތަކަށް މައުލޫމާތު ފޯރުކޮށްދިނުމަށް ލަންޑަންގައިވެސް އެމް.ޑީ.ޕީގެ އޮފީހެއް ހުޅުވުނު. މިހިސާބުން އެމް.ޑީ.ޕީ އަކީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ދުނިޔެއިން ބަލައިގަތް.

9 ޖޫން 2004 : ރާއްޖެއާއި ރާއްޖެން ބޭރުގެ ފިއްތުންތަކާއެކު މައުމޫނުގެ ސިޔާސީ އިސްލާހީ އެޖެންޑާ އިއުލާންކުރި. މި އިސްލާހީ އެޖެންޑާއަކީ ފާއިތުވި ވިއްސަކަށް އަހަރުތެރޭގައި ދިވެހި ރައްޔިތުން އެދިއެދި ތިބި އިސްލާހީ ބަދަލުތައްކަމުން، މައުމުނޫ އިއުލާން ކުރެއްވި އިސްލާހީ އެޖެންޑާ ތަންފީޒު ކުރައްވާނެ ކަމާއިމެދު ރައްޔިތުންދިޔައީ ސުވާލު އުފައްދަމުން.

29 ޖޫން 2004 : ރާއްޖޭގެ ތާރީޚްގައި ފުރަތަމަ ފަހަރަށް ހާމަ ގޮތެއްގައި ސިޔާސީ ބަހުސެއް ބޭއްވުނު. އޮރިއެންޓަލް އެކަޑެމިކްސް ގެ ފައުންޑަރ ނާޒިމް ސައްތާރު އާއި ރައްޔިތުންގެ ޚާއްސަ މަޖްލިސްގެ މާލޭ މެމްބަރ އިބްރާހިމް އިސްމާއީލް އިންތިޒާމް ކުރެއްވި މި ބަހުސްގައި ގިނަ އަދަދެއްގެ އިސްލާހީ ހަރަކާތްތެރީންނާއި، އެމް.ޑީ.ޕީގެ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގަތް.

19 ޖުލައި 2004 : ރައްޔިތުންގެ ޚާއްސަ މަޖްލީސްގެ ރައީސް އަބްދުﷲ ހަމީދު، ޤާނޫނު އަސާސީގެ 133 ވަނަ މާއްދާއާއި ޚިލާފަށް މަޖްލީސް ކުރިއަށް ގެންދަވަން އުޅުއްވާ ކަމަށްބުނެ، އެމަޖްލީސްގެ 23 މެމްބަރަކު ނުރުހުން ފާޅުކޮށް މަޖްލީސް ދޫކުރައްވައި، ނިކުމެވަޑައިގެންނެވެ. އަދި އެބޭފުޅުން ހިންގަވާފަ ރައީސް އޮފީސް ދޮށަށް އެއްވެ، ރައީސް އާއި ބައްދަލުކުރުމަށް އެދުނެވެ.

05 އޮގަސްޓް 2004 : ސިޔާސީ އިސްލާހީ އެޖެންޑާގެ ދަށުން ހުއްދަ ލިބިގެން ބާއްވަމުން ގެންދިޔަ ސިޔާސީ ބަހުސްތައް ބޭއްވުން ސަރުކާރުން މަނާ ކުރުމާއި ގުޅިގެން، “ތިންބާރު ވަކިކުރި ސަރަހައްދު” ގައި އެމް.ޑީ.ޕީން ބައްދަލުވުންތައް ބާއްވަން ފެށިއެވެ. ނަމަވެސް އެސަރަހައްދަށް އެއްވުން 8 އޮގަސްޓްގައި ސަރުކާރުން މަނާކޮށް، ގިނަ އަދަދެއްގެ އިސްލާހީ ހަރަކާތްތެރިން ހިފާ ހައްޔަރުކުރިއެވެ.

11 އޮގަސްޓް 2004 : މަޝްހޫރު ދީނީ އިލްމެރިޔާ ޝޭއިޚް ފަރީދު 2 އަހަރު ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު، ހުކުމް ކުރުމަށްޓަކައި ވަރުގަދަ ސެކިއުރިޓީއާއެކު ކޯޓަށް ހާޒިރިކުރި. ނަމަވެސް އުމުރަށް ޖަލަށް ލުމަށް ފަރީދުގެ މައްޗަށް ކުރަން އުޅޭ ހުކުމާއި ދެކޮޅަށް މާލޭގެ މަގުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ނުރުހުންފާޅުކުރަމުން ދިއުމުގެ ސަބަބުން، އެދުވަހު ހުކުމް ނުކޮށް ފަރީދު ދޫކޮށްލި. އެދުވަހު ޝެއިޚް ފަރީދު ވަނީ މަގުމައްޗަށް ނިކުމެ ތިބި 2000 ވުރެން ގިނަ މީހުންގެ އިސް ލީޑަރެއްގެ ގޮތުގައި ހުރެގެން މާލޭގެ މަގުތަކުގައި އަނިޔާވެރިކަމާއި ދެކޮޅަށް ޝޫޢޫރު ފާޅުކޮށް ހިނގާލުމެއް ބާއްވާފައެވެ. މިހިނގާލުމުގެ ބައިވެރިން އިސްލާމީ މަރުކަޒުގައި އަސްރު ނަމާދު ކުރުމަށްފަހު، ދެން މަޑު ކުރީ ޖުމްހޫރީ މައިދާނުގައެވެ.

12 އޮގަސްޓް 2004 : އަނިޔާވެރިކަމާއި ދެކޮޅު ހެދުމުގެ ގޮތުން ޖުމްހޫރީ މައިދާނަށް އެއްވެތިބި 10000 ހާހަށްވުރެ ގިނަ މީހުން ސަރުކާރުގައި އެދެމުންދިޔައީ، އިސްލާހީ ހަރަކާތްތެރިންގެ އިސް 5 މީހަކު، އެއްވެސް ކުށެއްނެތި އަނިޔާވެރިކަމާއެކު ސަރުކާރުން ހައްޔަރުކޮށްފައިވާތީ އެމީހުން ދޫކޮށްދިނުމަށެވެ. އެއްވުމުގެ ބައިވެރިންގެ ގޮވާލުމަށް އިޖާބަ ދިނުމުގެ ގޮތުން، ބަންދުގައި ހުރި މުހައްމަދު ޔޫސޫފް (ފުޅު) އެރޭ ދަންވަރު ދޫކޮށްލިއެވެ. ނަމަވެސް ނައުޝާދު ވަހީދު، ސަންދާނު އަހުމަދު ދީދީ، މުހައްމަދު ޒަކީ އާއި ފާތުމަތު ނިސްރީން ދޫނުކޮށް ސަރުކާރުން ހިފެހެއްޓިއެވެ.

13 އޮގަސްޓް 2004 : (ހުކުރު) ދުވަހުގެ ހެނދުނު، ބަންދުގައި ތިބި އިސްލާހީ ހަރަކާތްތެރިން ދޫކޮށްލުމާއެކު، ޖުމްހޫރީ މައިދާނުގައި ތިބި އިސްލާހީ ހަރަކާތްތެރިންނާއި އެމީހުން ގުޅުނެވެ. އެހިސާބުން ފުރަތަމަ ފަހަރަށް ސަރުކާރުގެ ވެރިންގެ އިސްތިއުފާއަށް އެއްވުމުގެ ބައިވެރިން ގޮވާލިއެވެ. އެއްވުން ރޫޅާލުމަށްޓަކައި، ސުލްހަވެރި ޒުވާނުންގެ ނަމުގައި، އެއްވުމުގެ ތެރެއަށް ބަޔަކުވަދެ ހަމަނުޖެހުން ހިންގިއެވެ. މިހަމަނުޖެހުމުގައި އީވާން ނަސީމްގެ މަރުގު ތަހުގީގުގައި ބަޔާންދީފައިވާ ހުސެއިން ޔޫސުފްގެ ގަޔަށް ވަޅިން ހަމަލާ ދީފައިވެއެވެ. ބައިނަލްއަޤުވާމީ ނޫސްތަކުން، މިއެއްވުން ދުރަށް ފޮނުވަމުންދިއުމާއެކު، އެއްވުން ރޫޅާލުމަށްޓަކަައި، އިތުރު ހަމަނުޖެހުން ހިންގަމުންގެންދިއައެވެ. އެގޮތުން ސަރުކާރުގެ އިމާރާތްތަކުގައި ރޯކޮށް، ސިފައިންގެ މަރުކަޒަށް ފުޅިތަކަކުން ބަޔަކު (ސުލްހަވެރި ޒުވާނުން) މީހުންދިޔައީ، ހަމަލާ ދެމުންނެވެ. މެންދުރު 2:30 ގައި އެއްވުން ރޫޅާލާނެކަމުގެ އެއްމެ ފަހުގެ އިންޒާރު ސިފައިންގެއިން ދިނެވެ. ދުވަހުގެ އިރު އޮއްސުމާއި ގާތްވެފައި ވަނިކޮށް، ސިފައިންވަނީ އެއްވެ ތިބިމީހުންގެ ތެރެއަށް ވަދެގަނެ ވަރަށް އަނިޔާވެރިކަމާއެކު އެއްވުން ރޫޅާލާފައެވެ. މިދުވަސް “ކަޅު ހުކުރު” ގެ ނަމުން މަޝްހޫރުވެފައިވަނީ، ސުލްހަވެރި ސިޔާސީ ހަރަކާތެއް ރޫޅާލުމަށް ސަރުކާރުން ދެއްކި އަނިޔާވެރިކަމާއި، އެދުވަހުގެ އެއްވުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި 600 އަށްވުރެ ގިނަ އިސްލާހީ ހަރަކާތްތެރިން ހިފާ ހައްޔަރުކުރުމާއި ގުޅިގެންނެވެ.

26 ޑިސެމްބަރ 2004 : އޭޝިއަން ސުނާމީގައި ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއްވެ 82 ދިވެހިން މަރުވެ، 26 މީހަކުވަނީ ގެއްލިފައެވެ. މިހާދިސާއާއި ގުޅިގެން ރާއްޖޭން ބޭރުން ލިބުނު ބައެއް އެހީތައް ބޭނުންކުރުމުގައި، ކޮރޮޕްޝަނަށް މަގުފަހިވާފަދަ އަމަލުތަކެއް ސަރުކާރުން ކޮށްފައިވާކަމަށް ތުހުމަތުކުރެވިފައިވޭ. އަދި ސިޔާސީ ސަބަބުތަކަށްޓަކާ ބައެއް ފަރާތްތަކުން ދިން އެހީ ރާއްޖެއިން ގަބޫލުނުކޮށް ދޫކޮށްލާފައިވެއެވެ. މިހާދިސާއާއި ގުޅިގެން އޭރު ގޭބަންދުކޮށްފައި ތިބި އިސްލާހީ ހަރަކާތްތެރިން ގޭބަންދުން ދޫކުރިއެވެ

22 ޖެނުއަރީ 2005 : މިއިންތިޚާބުގައި އިސްލާހީ ފިކުރުގެ 19 ބޭފުޅުން މަޖްލިސްއަށް އިންތިޚާބުވި. އޭގެތެރޭގައި އައްޑޫ އާއި މާލޭގެ އައްޑޫގެ ގިނަ ގޮނޑި ހިމެނޭ. މިއިންތިޚާބުގައި ސިޔާސީ ޕާޓީތަކުގެ ނަމުގައި ކެންޑިޑޭޓުންނަށް ވާދަނުކުރެވޭތީ، އެކަމާއި ދެކޮޅަށް އިސްލާހީ ހަރަކާތްތެރިން ޝުޢޫރު ފާޅުކުރަމުންގެންދިޔަ.

30 އެޕްރީލް 2005 : އަމިއްލަ ގައުމުގެ ސިޔާސީ މަސްރަހު އޮތްގޮތުން، ގައުމުން ބޭރުގައި 2 އަހަރު ވަންދެން އަރުވާލެވިގެން ހުންނެވުމަށްފަހު، އެމް.ޑީ.ޕީގެ ޗެއާޕާސަން އަލްފާޟިލް މުޙައްމަދު ނަޝީދު ރާއްޖެ ވަޑައިގެންނެވެ. ނަޝީދު އަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ އެމް.ޑީ.ޕީ މެމްބަރުންނާއި، އިސްލާހަށް ތާއީދުކުރާ މީހުން އެއާޕޯޓަށް ދިޔަ. އަދި އެއާޕޯޓުން މާލެ އައިސް ނަޝީދުގެ ސަޕޯޯޓަރުންނާއެކު މާލޭގެ ބޮޑު މަގުތަކުގައި ޝުޢޫރު ފާޅުކުރުމުގެ ހިނގާލުމެއް ބޭއްވި.

26 ޖޫން 2005 : ރާއްޖެއާއި ރާއްޖޭން ބޭރުގެ ފިއްތުންތަކުގެ ސަބަބުން މަޖުބޫރުވެގެން، ދިވެހިރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ރަޖިސްޓްރީ ކުރެވުނު. އޭގެ ފަހުން އޭރުގެ ސަރުކާރު ހިންގާ ޕާޓީގެ ގޮތުގައި ރައީސް މައުމޫނު އިސްކޮށް ހުންނަވައިގެން ދިވެހި ރައްޔިތުންގެ ޕާޓީގެ ނަމުގައި ޕާޓީއެއް ރަޖިސްޓްރީ ކުރި.

12 އޮގަސްޓް 2005 : އެމް.ޑީ.ޕީގެ ލީޑަރު މުހައްމަދު ނަޝީދު ޖުމްހޫރީ މައިދާނުގައި، ކަޅުހުކުރު (2004 އޮގަސްޓް 12، 13) ފާހަގަ ކުރެއްވުމަށް ހުންނަވަނިކޮށް، ފުލުހުން ހައްޔަރުކުރި. އަދި އިތުރު 100 އަށްވުރެން ގިނަ އެމް.ޑީ.ޕީ މެމްބަރުން މިހާދިސާއާއި ގުޅިގެން ހައްޔަރުކުރި.

މަތީގައި މި ފާހަގަކޮށްލެވުނީ ރާއްޖޭގެ ސިޔާސީ ތާރީޚްގައި ޚުދުމުޚްތާރު ވެރިކަމެއް ނިމުމަކަށް ގެނައުމަށްޓަކައި، ދިވެހި ރައްޔިތުން ކުރި މަސައްކަތުގެ ތެރެއިން ހިނގާފައިވާ މުހިއްމު ބައެއް ހާދިސާތަކެވެ.

އެމް.ޑީ.ޕީ އަށް 8 އަހަރު ފުރިގެންދާއިރު، މާޒީއިން އިބްރަތް ހާސިލްކޮށް ކުރިމަގު އުޖާލާކުރުމަށް މަސައްކަތްކުރުމަކީ މިއަދުވެސް ދިވެހި އިސްލާހީ ހަރަކާތްތެރިން ކުރަންޖެހިފައިވާ ކަމެކެވެ.

ޚިޔާލު ފާޅުކުރޭ

This site uses Akismet to reduce spam. Learn how your comment data is processed.