ތަރައްގީ އަކީ ގައުމެއްގެ ހުރިހާ ރައްޔިތުން އެއް ރަށަކަށް ޖަމާކޮށް ކުލީއަޅުންނަށް ހެދުންހެއްޔެވެ؟


ގުދުރަތީ އަޖައިބުން ފުރިފައިވާ މިރާއްޖޭގައި މީހުން ދިރިއުޅެންފެށިތާ 3000 އަހަރު ވެއްޖެއެވެ. ޒަމާންތައް ދައުރުވަމުން ގޮސް މިއަދު މިވަނީ، މިރާއްޖޭގެ މީހުން ދިރިއުޅޭނެ ބިންކޮޅެއް ނެތި ގޮތްހުސްވެފައެވެ! ރަށްތަށް ސިޓީ ފެންވަރަށް ތަރައްޤީވެ، އިގްތިސާދީ ހަރަކާތްތަކަށްވެސް ބޭނުންކުރާނެ ބިންކޮޅެއް ނެތިފައެވެ! އަނެއްކާ މިލިޔެވެނީ ރަނގަޅަށް ހެއްޔެވެ؟ މިހެން ނުލިޔާން އުޅުނަސް، އިވޭ އަޑުތަކާއި، ފެންނަ މަންޒަރުތަކަށް ބުރަވެ ލިޔާނަމަ ލިޔެވޭނީވެސް މިހެންނޫންތޯއެވެ؟

ގާނޫނު އަސާސީގައި، ދިރިހުރުމާއި ދިރިއުޅުމާއި ގުޅޭ އަސާސީ ހައްގުތަކުގެ ވާހަކަ ބަޔާންކޮށްފައިވާ މާއްދާތައް ކިޔާނެ ކަމެއްނެތެވެ. ތަރައްޤީގެ މަންފާ ހުރިހާ ރައްޔިތުންނަށް ހަމަހަމަ އުސޫލުން ފޯރުކޮށްދިނުމަށްޓަކައި، މިރާއްޖެ އެއްފަސްކުރާ ވާހަކަ ނުދައްކާ ދުވަހެއް ނެތެވެ. އެއްމެ ފަހުން، މާލޭ ފިޔަވައި އާބާދީ އެއްމެ ބޮޑު އައްޑޫ ވެސް ސިޓީ އަކަށް ބަދަލުކުރީއެވެ. ސިޓީއެއްގައި ދިރިއުޅޭ ރައްޔިތުން 21 ވަނަ ގަރުނުގައި ފެނާއި ނަރުދަމާއަށް ސަލާންޖެހުން ވާނީ ޖޯކަކަށެވެ.

16 އޮކްޓޯބަރ 1997 ވަނަ ދުވަހަކީ، ރާއްޖޭގެ މީހުން ދިރިއުޅޭނެ ބިންކޮޅެއް ނެތިގެން އޭރުގެ ސަރުކާރުން ހުޅުމާލޭ ފަޅު ހިއްކަން ފެށި ދުވަހެެވެ. ފުރަތަމަ ޕަބްލިކްވޯކްސް އިން ފެށި މަސައްކަތަށް 11 މިލިޔަން ޑޮލަރު ޚަރަދުވިއެވެ. އޭގެ ފަހުން، ބެލްޖިއަމްގެ ކުންފުންޏަކާއި ގުޅިގެން ކުރެވުނު މަސައްކަތަށް 21 މިލިޔަން ޑޮލަރު ޚަރަދުވިއެވެ. މަސައްކަތުގެ ފުރަތަމަ ފިޔަވަހި 2002 ވަނަ އަހަރު ނިމުނިއިރު ޖުމްލަ 32 މިލިޔަން ޑޮލަރު ޚަރަދުވިއެވެ. ހިއްކި ތަން ޕްލޭން ކުރުމަށާއި، އިމާރާތްކުރުމަށް ހިނގި ޚަރަދު އެނގޭނެ ގޮތެއް ނެތެވެ. ނޭނގުނިއްޔާ މާރަނގަޅެވެ. ދެވަނަ ފިޔަވަހި ހިންގަން ފަސޭހަވާނެއެވެ.

ދެންއޮތީ ދެވަނަ ފިޔަވައްސެވެ. ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ “ޔޫތް ސިޓީ” ނުވަތަ “ސްމާޓް ސިޓީ” އެވެ. ބައެއްފަހަރު “އައިޓީ ޕާކް” އޭ ވެސް ކިޔާއުޅެއެވެ. މިސިޓީގެ ހަގީގަތް އެނގޭ މިންވަރަށް އަދި ކަންތައްތައް ތިލަނުވެއެވެ. ނަމަވެސް ދެވަނަފިޔަވަހީގެ ހިއްކުމަށް ސިލޯނު ބޭންކުން 8 ޕަސެންޓް އިންޓްރެސްޓާއެކު، 30 މިލިޔަން ޑޮލަރުގެ ލޯނު ނަގައިފިއެވެ. ޖުމްލަ 50 މިލިޔަން ޑޮލަރު ޚަރަދުވާނެ ކަމަށް ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (މުޅި ދިވެހި ރައްޔިތުންގެ ނަމުގައި ލޯނު ނެގުމުގެ ފަސޭހައަށްޓަކައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމަށް ފަހުން ބަދަލުކޮށްފައި) ބުނެފައިވާއިރު، ބާކީ ފައިސާ ޚަރަދުކުރާނީ އެކުންފުނީގެ ރިޒާވުން ކަމަށްވެސް ބުނެފައިވެއެވެ.

ވިސްނަވާށެވެ. އުޅޭނެ ބިންކޮޅެއް ނެތިގެން ހަމައެކަނި ކަނޑު ހިއްކަން މި ޚަރަދު ކޮށްލަނީ 70 މިލިޔަން ޑޮލަރެވެ. ހިއްކަން މިހާ ބޮޑު ހޭދައެއް ކުރާއިރު، އެތަން އާބާދުކުރުމަށް ކިހާ ޚަރަދެއް ދާނެހެއްޔެވެ؟

ސުވާލަކީ މިހުރިހާ ފައިސާއިން ކަނޑު ހިއްކަނީ ހަމަ ހަގީގަތުގައިވެސް މިރާއްޖޭގައި ދިރިއުޅޭނެ ބިންކޮޅެއް ނެތީމަހެއްޔެވެ؟ ސުވާލަކީ ގާނޫނު އަސާސީގައި ބުނެފައިވާ ދިރިހުރުމާއި ދިރިއުޅުމާއި ގުޅޭ އަސާސީ ހައްގުތައް ރާއްޖޭގެ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްނުދީ، ވަކިތަނަކަށް ވަކި ފަންތިއެއްގެ ރައްޔިތުންގެ އުފަލަށްޓަކައި، ޚަރަދު ކުރުމަކީ ގާނޫނުއަސާސީ އާއި ޚިލާފު ކަމަކަށްނުވާނެ ހެއްޔެވެ؟ މިކަންކަން ގާނޫނުއަސާސީއާއި ޚިލާފުނުވާނަމަ، ޤާނޫނުއަސާސީއެއް އޮތުމުގެ ބޭނުމެއްނެތެވެ.

މިރާއްޖޭގެ ޖަޒީރާ ރަށްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ދިރިހުރުމާއި ދިރިއުޅުމާއި ގުޅިފައިވާ އަސާސީ ހައްގުތަކާއި ޚިދުމަތްތައް ފޯރުކޮށްނުދީ، އެޚިދުމަތްތައް ހޯދުމަށް މާލެއަށް ހިޖުރަކުރަން މަޖުބޫރުކޮށް، އެތަނުގެ ކުލީ އަޅުންނަށް ހަދައި، ދަރަނީގެ ޗޭނަކުން ބަނދެ ކުކުޅު ހާ ގެންގުޅެން ކަމުނުދާ ވަރުގެ ކުދި ކޮށިތަކަށް ލައިގެން، މިރާއްޖޭގެ ރައްޔިތުންގެ މުއްސަނދިކަން ކޮންޓްރޯލް ކުރަމުންދާ ހައެއްކަ މަހުޖަނުންގެ ހިތް ރުއްސުވާ، އެމީހުންގެ އަޅުންގެ ގޮތުގައި ތިބެގެން ކުރާ ވެރިކަމާއި، މިބޮޑު ބޭއިންސާފު ހުއްޓުވަން ރާއްޖެތެރޭ ހުރިހާ ރައްޔިތުން ތެދުވަން ޖެހެއެވެ. އައްޑޫ އާއި ބޮޑު ތިލަދުންމަތިން މިކަމަށް އިސްނަގަން ޖެހެއެވެ.

ތަރައްގީ އަކީ ގައުމެއްގެ އެންމެން އެއެއް ރަށެއްގަ ކުއްޔަށް އުޅެ ނިމިދިޔުމެއް ނޫނެވެ.

ޚިޔާލު ފާޅުކުރޭ

This site uses Akismet to reduce spam. Learn how your comment data is processed.