ތަޢުލީމަށް މަގުފަހިވެފައިވާ ރަށެއްގެ ގޮތުގައި މިރަށް ތަރައްޤީ ކުރެވޭނީ ރައްޔިތުންގެ ބައިވެރިވުމާއެކުގައެވެ


STO Hulhumeedhoo Building

ތަޢުލީމަށް މަގުފަހިވެފައިވާ ރަށެއްގެ ގޮތުގައި ހުޅުދޫ މީދޫ ތަރައްޤީ ކުރެވޭނީ ރައްޔިތުންގެ ބައިވެރިވުމާއެކުގައެވެ.

22 އެޕްރީލް 2009 ވަނަ ދުވަހު ލޯ ކޮލެޖާއި، އެސްޓީއޯ ކޮމްޕްލެކްސްގެ 4 ބުރީގެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވުމަށްފަހު، ހުޅުދޫ އާއި މީދޫގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ހުޅުދޫމީދޫ ބިނާކުރައްވަމުން ގެންދަވާނީ، މަތީތަޢްލީމަށާއި ޢިލްމަށް މަގުފަހިވާ ތަނެއްގެ ގޮތުގައި ކަމަށެވެ.

“އަޅުގަނޑުމެން އެ ފިޠުރަޠުގެ ޙަޤީޤަތް އޮޅުވާލާފައި، ނުވަތަ ފަހަނަޅައިފައި، ފުރަގަސްދީފައި ކަންކަންކުރަން އުޅެގެނެއް، ރިވެތިގޮތަކަށް ލިބޭ ޤުދްރަތީ، ފިޠްރަތީ ތަރައްޤީއެއް އަޅުގަނޑުމެންނަކަށެއް ނުލިބޭނެ. ސަރުކާރުން ގަސްތުކުރީ، މިއިއްޔޭ އަޅުގަނޑުމެންގެ މަތީތަޢްލީމުގެ މައިމަރުކަޒަކީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ހުޅުމީދޫ، އަޅުގަނޑުމެން ބިނާކުރަމުން އަންނާނީ މަތީ ތަޢްލީމަށާއި ޢިލްމަށް ފަހިވާ ތަނެއްގެގޮތުގައި.”ރައީސް ނަޝީދު ވިދާޅުވިއެވެ.

ބިންގާ އެޅިތާ 4 އަހަރު ފަހުން އިއްޔެ ހުޅުވުނު ލޯ ކޮލެޖް ވެގެންދާނީ، މަތީ ތައުލީމަށް މަގުފަހިވެފައިވާ ރަށެއްގެ ގޮތުގައި މިރަށް ތަރައްޤީ ކުރުމަށް އެޅުނު މަތިވެރި ބިންގަލަކަށެވެ. މީގެ އިތުރުން ސ.އަތޮޅު މަދަރުސާގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފެށުން ވެގެންދިޔައީ، މިދެންނެވި އަމާޒަށް ހުޅުމީދޫ ގެންދިއުމަށް އެޅުނު އިތުރު ބާރެކެވެ.

މިހުރިހާ ފުރުސަތުތައް، ހުޅުމީދޫއަށް ހުޅުވިގެންދާއިރު، ރަށުގެ ރައްޔިތުން މިކަންކަން ބަލައިގަންނަ މިންވަރަކުން ނޫނީ އަޅުގަނޑުމެން އެދޭ ގޮތައް މިރަށް ތަރައްޤީއެއް ނުވާނެއެވެ. އެހެންކަމުން، މިހާރުން ފެށިގެން މިރަށަކީ މަތީ ތައުލީމަށް ފުރުސަތު ހުޅުވާލެވިފައިވާ ރަށެއްގެ ގޮތުގައި މުޅި ރާއްޖެއަށް ދެއްކުމަށްޓަކައި ވަރުގަދަ މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ.

މިގޮތުން، ސ.އަތޮޅު މަދަރުސާގައި މިއަހަރު ފެށިގެންދިޔަ މަތީ ސާނަވީ ކްލާސްތައް ދެމެހެއްޓުމަށްޓަކައި، ބެލެނިވެރިންނާއި، މުޅި ސްކޫލް ކޮމިއުނިޓީގެ އެއްބާރުލުން ސްކޫލަށް ބޭނުންވާނެއެވެ. ހަމައެއާއެކު، ލޯ ފެކަލްޓީގައި ކިޔަވަން ބޭނުންވާ ރަށުން ބޭރުގެ ދަރިވަރުންނަށް، އެފުރުސަތު ފަހި ކޮށްދިނުމަށްޓަކައި، މުހިއްމު މަސައްކަތްތަކެއް ކުރަންޖެހެއެވެ. މިކަމުގައި އެއްމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވިދާނެ އެއްބަޔަކީ އެކި ބޭނުމަށްޓަކައި ރަށް ދޫކޮށް އެހެން ރަށްރަށުގައި ވަޒަންވެރިވެގެން އުޅުއްވާ އާއިލާތަކެވެ. އެބޭފުޅުންގެ ގެއެއް ރަށުގައި ހުރިނަމަ ރަށުގެ ތަރައްޤީއަށްޓަކައި، އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް، ރަށުން ބޭރުން ކިޔަވަން އަންނަ އާއިލާތަކަށް ގެ ދޫކުރަން ވީއެވެ. މީގެ އިތުރުން ރަށުގެ ވިޔަފާރިވެރިންގެ ފަރާތުން، ރަށުން ބޭރުން އައިސް ތިބޭ ދަރިވަރުންނަށް ޚާއްސަ ޑިސްކައުންޓް ކާޑެއް ތަޢާރަފު ކުރެވިދާނެއެވެ.

މިދެންނެވި ކަންތައްތަކުގެ އިތުރުން، ރަށުން ބޭރުން ކިޔަވާ ކުދިން ގެނައުމަށްޓަކައި، ކުރަންޖެހޭ އެއްމެ މުހިއްމު ކަމަކީ ހުޅުދޫ މީދޫ އަކީ ކުށްކުރުން މަދު، އަމާން އޮމާން ވެއްޓެއް ގާއިމްވެފައިވާ ރަށެއްގެ ގޮތުގައި ރާއްޖެއަށް ދެއްކުމެވެ. މިކަން ކުރެވޭނީ ރަށުގެ އެއްމެހާ ރައްޔިތުން އެކައްޗެއް ކިޔައިގެން އެއް އަމާޒަކަށް ދިއުމުގެ ވިސްނުން ހުރެގެންނެވެ. އަޅުގަނޑުމެންގެ އަމާޒަކީ ތަޢުލީމަށް މަގުފަހިވެފައިވާ ރަށެއްގެ ގޮތުގައި  އަޅުގަނޑުމެންގެ އުފަން ރަށް ތަރައްޤީ ކުރުން ކަމަށްވާނަމަ، އަމާން ވެއްޓެއް ގާއިމްކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ކުރަން ފަށަންވީއެވެ. މިކަމުގައި، ރަށުގައި ހަރަކާތްތެރިވާ ހުރިހާ ސިޔާސީ ޕާޓީތަކާއި، ކްލަބް ޖަމިއްޔާ ޖަމާއަތްތަކާއި، ސަރުކާރުގެ އިދާރާތައް ގުޅިގެން މަސައްކަތްކުރަންވީއެވެ.

ޚިޔާލު ފާޅުކުރޭ

This site uses Akismet to reduce spam. Learn how your comment data is processed.