ފަސާދައިގެ ޗޭނު ފުނޑާލާނެ ސަރުކާރެއް ބޭނުމެވެ.


picture7

އައު ގާނޫނު އަސާސީގެ ދަށުން އިންތިޚާބު ކުރެވުނު ފުރަތަމަ ރައީސާއެކު ދިވެހި ދައުލަތުގެ ތެރޭގައި ގަތަމުން ދިޔަ ފަސާދައިގެ ޗޭނު ފުނޑާލެވޭނެ ކަމަށް އަހަރެމެން ހީކުރީމުއެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ ހީކުރިގޮތާއި ދިމާ އިދިކޮޅަށެވެ.

ރައީސް ނަޝީދުގެ ވެރިކަން ވެސް ވެގެން ދިޔައީ ޒަމާނުއްސުރެ ދިވެހި ވެރިކަމުގެ ތެރެގައި ގަތަމުންދިޔަ ފަސާދައިގެ ޗޭނަށް އިތުރުވީ ބޮޅަކަށެވެ. މަހުޖަނުންގެ ހިތްހަމަ ނުޖެހުންތަކާއެކު، ބަޣާވާތަކުން ނަޝީދުގެ ވެރިން ވައްޓާލުމަށްފަހު ނަޝީދުގެ ނައިބު ރައީސް ޑރ.މުޙައްމަދު ވަޙީދު ވެރިކަމާއި ހަވާލުވީ ގައުމަށްޓަކާ ދީނައްޓަކާއޭ ބުނަމުންނެވެ. ނަމަވެސް މިފަހަރުވެސް ދިވެހިންނަށް ލިބުނީ ކޮޅު ކެއްސެކެވެ. ވަހީދުގެ ވެރިކަމުން ފެށިގެން ޔާމީން ގެ ވެރިކަން މިއަދާއި ހަމަޔަށް އައިރު ފެނިގެން މިދަނީ ވެރިކަމުގެ ތެރޭގައި މިހާތަނަށް ނުހިނގާވަރުގެ ކޮރަޕްޝަނާއި ފަސާދަ ހިންގަމުންދާތަނެވެ.

މި 4 ރައީސުންގެ ވެރިކަމުގައިވެސް އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައި މިވަނީ، ވެރިކަމުގެ މަތިން ފެށިގެން ގޮސް އެއްމެ ތިރިއަށް ރިޝްވަތާއި، ރެކޯޑް އަދަދުގެ ވައްކަމާއި ރިޝްވަތުގެ ނުބައި އަމަލުތައް ކުރިއަށް ނެރެމުންދިޔަ މަންޒަރެވެ. ވެރިކަމުގެ ބާރު ބޭނުންކޮށްގެން އިންސާނިއްޔަތާއި ޚިލާފް އެތައް އަމަލުތަކެއް އެމީހުން ވަނީ ހިންގާފައެވެ. އަސާސީ ޚިދުމްތައްތައް ލިބިގަތުމަށްޓަކައި އަހަރެމެންގެ ރަށްތަކުން ހިޖްރަކުރުމަށް އެބައިމީހުން އަހަރެމެންނަށް މަޖްބޫރުކުރުވިއެވެ. ގައުމުގެ ފުލުހުން އަހަރެމެން ފެނުނު ކޮންމެ ތަނަކުން ތަޅާ ބުރުއްސަމުން އެދަނީ އަހަރެމެން މިވާހަކަތައް ދައްކާތީއެވެ. އަހަރެމެންގެ ދަރިންނަށް ޑްރަގް ބޯންދީ ޖަލުގައި ހައްޔަރުކޮށް މަރަމުން އެގެންދަނީ އަނިޔާވެރި ވެރިންގެ ދިފާއުގައެވެ. އަހަރެމެންގެ ހައްގުގައި މިއަޑު އުފުލަދޭނެ ނޫސްވެރިޔަކު ހުރިއްޔާ އެދަނީ ގެއްލުވާލަމުންނެވެ.

އަހަރެމެންގެ އެތައްހާސް މީހުންނަށް ވަޒީފާ ނުލިބިވާއިރު، ޤައުމުގެ ވިޔަފާރިވެރިން ބޭނުންވާ ގޮތަށް ގައުމުގެ ހުރިހާ ކަމެއް ބައްޓަންކޮށް، އަހަރެމެންގެ ބިމުގައި ބިދޭސީންނަށްވުރެ އަހަރެމެން ނިކަމެތި ކޮށްފިއެވެ. ސާފު ބޯފެނަށް އަހަރެމެން ސަލާން ޖަހަޖަހާ ތިއްބާ އަގު ބޮޑު ބްރިޖް އަޅައި “ގްރޭޓަރ މާލެ” ތަރައްގީ އެކުރަނީ އަހަރެމެންގެ ޓެކްސް ފައިސާއިންނެވެ. މިހުރިހާކަމާހުރެ އަހަރެމެންގެ ރަށްތައް މިދަނީ ފަޅުވަމުންނެވެ. ރަށުގައި ދިރިއުޅެން މަޖްބޫރުވެފައިވަނީ ނިކަމެތިންނަށެވެ. ނިކަމެތި މަންމައިންނާއި ދަރިންނަށެވެ. ބައްޕައިންނަށް މަޖްބޫރުވެފައިވަނީ އާއިލާއާއި ދުރުގައި އުމުރުދުވަސް ހޭދަކުރުމަށެވެ.

މިދެންނެވި ހާލަތު ބަދަލުކުރުމަށް އަހަރެމެން ދިޔައީ އަބަދުވެސް މަސައްކަތް ކުރަމުންނެވެ. މިހާލަތު ބަދަލުކުރެވޭނީ، އަހަރެމެންގެ މައްޗަށް ވެރިކަން ކުރަން ތިބި މީހުން ބަދަލުކޮށްގެންކަން އަހަރެމެންނަށް ވިސްނުނެވެ. ވެރިކަމަށް މީހަކު އިންތިހާބުކުރާ ކޮންމެ ފަހަރަކު، އަހަރެމެންގެ ހާލަތަށް ވިސްނައި ހަމްދަރުދީ ވާނެ ވެރިއަކު އިންތިޚާބުކުރުމަށް އަހަރެމެން އުއްމީދު ކުރަމެވެ. ކިތަންމެ އުއްމީދާއެކު ވެރިކަމަށް މީހަކު އިންތިޚާބުކުރިޔަސް، އެވެރިން ވެގެންދަނީ މަހުޖަނުންގެ އަޅުންނަށެވެ. ނަތީޖާއަކަށް ވެގެންދަނީ، އަހަރެމެން އިތުރަށް ނިކަމެތިވެ، މަހުޖަނުން އިތުރަށް މުއްސަނދިވުމެވެ.

މިހިތާމަވެރި ހާލަތު ބަދަލު ކުރުމަށްޓަކައި ތެދުވާށެވެ. އަނެއްކާވެސް ހިތްވަރުގެ ކަމަރު ބަނދެލާށެވެ. މާތްﷲ ތަނަވަސް ރަހުމަތްފުޅުން ވެރިކަމުގެ ތެރޭގައި ގަތަމުން އެދާ ފަސާދައިގެ ޗޭނު ފުނޑާލާނެ ވެރިޔަކު އަހަރެމެން ހޯދާނަމެވެ.

ޚިޔާލު ފާޅުކުރޭ

This site uses Akismet to reduce spam. Learn how your comment data is processed.