މިއީ އޭރުވެސް އަޅުގަނޑުމެން ދެއްކި ވާހަކައެވެ.


3432_42_news

މިއީ އޭރުވެސް އަޅުގަނޑުމެން ދެއްކި ވާހަކައެވެ.

ސާކް ސަމިޓަށް ފުލުހުންނާއި ސިފައިން ކުރި މަސައްކަތްތަކަށް އެސް.ޔޫ.އެލް. އިން 30 މިލިޔަން ރުފިޔާ ނެގިވާހަކައާއި، އެކުންފުންޏާއި، ސަރުކާރުގެ އިސް މަޤާމްތަކުގައި ތިއްބެވި ބޭފުޅުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ގަވާއިދާ ޚިލާފަށް މިލިޔަނުން ފައިސާ ދީފައިވާ ވާހަކަ އޮޑިޓް ރިޕޯޓްގައި އޮތުމަކުން އަޅުގަނޑު ހައިރާނެއް ނުވެއެވެ. އަޅުގަނޑު ހައިރާންވަނީ ސާކް ސަމިޓްތެރޭގައި ގަތާލެވުނު ފަސާދައިގެ ޗޭނުގެ ތެރެއިން ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ވެފައިވާ މިންވަރު އޮޑިޓާރ ޖެނެރަލްއަށް ފުރިހަމަޔަށް ހޯދިފައި ނުވާތީއެވެ.

2011 ވަނަ އަހަރު އައްޑޫ ސިޓީގައި ބޭއްވުނު 17 ސާކް ސަމިޓްވެގެން ގޮސްފައިވަނީ އެއްވެސް ޝައްކެތްނެތްގޮތުގައި، އައްޑޫގެ ތަރައްޤީއަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެވިގެންދިޔަ، އަދި ދުނިޔެއަށް އައްޑޫ ސިޓީ ތަޢާރަފްވެގެންދިޔަ މުހިއްމު ތާރީޚީ ސަމިޓެކެވެ. އެއްބަޔަކު ސަމިޓް އައްޑޫގައި ބާއްވާތީ، އޭރުގެ ސަރުކާރަށް ފާޑު ކިޔަމުންދިޔައެވެ. ސާކް ސަމިޓް ބޭއްވުމަށްވުރެން މުހިއްމު އަސާސީ ކަންތައްތައް އައްޑޫގައި ކުރަން ހުރިކަމަށް ބުނަމުންދިޔައެވެ. ނަމަވެސް ފާޑު ކިއުންތަކަށް ބެލުމެއްނެތި ސަރުކާރުންދިޔައީ، ސާކް ސަމިޓް އައްޑޫގައި ބޭއްވުމަށްޓަކައި، ސަރުކާރުގެ ހުރިހާ ވަސީލަތްތަކާއި، ހަކަތަ ބޭނުންކުރަމުންނެވެ.

ސާކް ސަމިޓަށް ތައްޔާރުވަމަށްޓަކައި، އައްޑޫގައި ހިންގި ތަރައްޤީގެ މުހިއްމު ޕްރޮޖެކްޓްތައް ސަރުކާރުން ހަވާލުކުރީ ސަދަން ޔުޓިލިޓީސް ކުންފުންޏާއެވެ. އެކުންފުނީގެ ބޯޑުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ، އައްޑޫއަށް އުފަން އައްޑޫގެ ދަރިންނެވެ. އެހެންކަމުން، ސަރުކާރުންވެސް ވަރަށް ބޮޑު އިތުބާރަކާއެކު، އައްޑޫގެ ތަރައްޤީގެ މަސައްކަތް ސީދާ އައްޑޫ ރައްޔިތުންގެ އަތްމައްޗަށް ދޫކުރިއެވެ. ރައްޔިތުންވެސް ތިބީ ސަރުކާރުގެ ނިންމުމާއި މެދު ހިތްހަމަޖެހިފައެވެ.

ތަރައްޤީގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިޔަށްދިޔައިރު، މީޑިއާގައި އެއްމެ ބޮޑަށް ފާހަގަކުރެވިގެންދިޔައީ އައްޑޫ ސިޓީ ކައުންސިލާއި، އެސް.ޔޫ.އެލް ގެ ދެމެދުގައި މައްސަލަތަކެއް އުޅޭ ކަމުގެ ވާހަކައެވެ. ހަގީގަތަކީވެސް އެއީއެވެ. އައްޑޫގައި ހިންގޭ ތަރައްޤީގެ ހުރިހާ ކަމެއްގައި، އައްޑޫ ރައްޔިތުންގެ ފަރާތުން ބަސްބުނުމުގެ ގާނޫނީ ޒިންމާ ރައްޔިތުން ހަވާލުކޮށްފައި އޮތީ އައްޑޫ ސިޓީ ކައުންސިލާއެވެ. ނަމަވެސް އޭރު އެސް.ޔޫ.އެލް އިން ކުރިއަށް ގެންދިޔަ ޕްރޮޖްކްޓްތަކުގެ ފުރިހަމަ މައުލޫމާތު ކައުންސިލާއި އެފަރާތުން ހިއްސާކޮށްފައި ނުވެއެވެ. ބައެއް ޕްރޮޖެކްޓްތަކުގެ އީ.އައި.އޭ ޕްރޮސެސްގެ ތެރެއިން ކޮންމެވެސް ވަރެއްގެ މައުލޫމާތު ކައުންސިލަށް ލިބުނުކަމުގައިވިޔަސް، އޭރު ކުރިޔަށްދިޔަ އެއްވެސް ޕްރޮޖެކްޓްތަކުގެ ފުރިހަމަ މައުލޫމާތު ކައުންސިލަށް ލިބިފައި ނުވެއެވެ.

އައްޑޫގެ ތާރީޚްގައި ހިންގި ތަރައްޤީގެ އެއްމެ ބޮޑު މަޝްރޫޢުގެ ފުރިހަމަ މަޢުލޫމާތު ކައުންސިލަށް ލިބިފައި ނެތަސް، ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ކައުންސިލް އިންތިޚާބުވުމުގެ ކުރިން އައްޑު އަތޮޅުގައި، ހިންގި ހުރިހާ ތަރައްޤީގެ މަޝްރޫޢުތަކުގެ، ފުރިހަމަ މައުލޫމާތު އޭރުގެ އަތޮޅު އޮފީހަށް ލިބި، ސީދާ އަތޮޅުވެރިޔާގެ ބެއްލެވުމުގެ ދަށުން ނޫން ގޮތަކަށް ތަރައްޤީގެ އެއްވެސް މަޝްރޫޢު އެއް އައްޑޫގައި ހިނގާފައި ނުވާކަމެވެ. އަދި އެމަޝްރޫޢުތަކަށް ގެންނަޖެހޭ ބަދަލުތައް ގެނައުމުގެ ބާރާއި އިޚްތިޔާރު އޭރުގެ އަތޮޅުވެރިޔާއަށް ލިބިގެންވެއެވެ. ނަމަވެސް ސާކް ސަމިޓާއި ގުޅިގެން އައްޑޫގައި ހިންގި އެއްވެސް ޕްރޮޖެކްޓަކަށް ބަދަލުގެ ގެނަމުގެ އެއްވެސް އިޚްތިޔާރެއް ސަރުކާރުން ކައުންސިލަށް ދީފައި ނުވެއެވެ.

އައްޑޫގެ ރައްޔިތުންނަކީ އަބަދުވެސް، އެބައިމީހުންގެ ކަންކަމުގައި ގޮތް ނިންމުމުގެ އިޚްތިޔާރު އެބައިމީހުންގެ އަތްމަތީގައި އޮތުމަށްއެދޭ، އެކަމަށް ވަކާލާތު ކުރަމުންދިޔަ ބައެކެވެ. އެހެންކަމުން، ލާމަރުކަޒީ އުސޫލުން އައްޑޫ ރައްޔިތުން އިންތިޚާބުކުރި ސިޓީ ކައުންސިލަކީ، އެ ރައްޔިތުންގެ ހުރިހާ ކަމެއްގައި އެއްމެ ފަހު ބަސްބުނުމުގެ ބާރާއި އިޚްތިޔާރު ލިބިގެންވާ ބައެއްގެ ގޮތުގައި ރައްޔިތުންދިޔައީ ގަބޫލުކުރަމުންނެވެ. ނަމަވެސް ކަންވެގެންދިޔައީ އެގޮތަކަށް ނޫނެވެ. ސާކް ސަމިޓަށް ތައްޔާރުވަމުން ދިޔައިރު އައްޑޫގައި ސަރުކާރުން ހިންގި ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސްފައިވަނީ ރައްޔިތުން އެއްމެ އެދޭ ގޮތަކަށް ނޫނެވެ.

ހުރިހާކަމެއް ވެގެން ދިޔައިރު، ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ އައްޑޫ ސިޓީ ކައުންސިލް އޮތީ ރައްޔިތުންގެ ޝަކުވާތަކަށް ދޭނެ ޖަވާބެއްނެތި ސަރުކާރާއި ރައްޔިތުންނާއި ދެމެދު ތާށިވެފައެވެ. ގާނޫނުން ކައުންސިލަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރުގެ ތެރެއިން، އޭރު ހިނގަމުންދިޔަ ޕްރޮޖެކްޓްތައް ހަމަ މަގަށް އަޅުވަން މަސައްކަތްކުރާ ކޮންމެ ފަހަރަކު، އައްޑޫ ސިޓީ ކައުންސިލުން އައްޑޫގެ ތަރައްޤީއަށް ހުރަސް އަޅަނީއޭ ބުނެ، ރައްޔިތުންގެ މެދުގައި ކައުންސިލާމެދު ނަފްރަތު އުފައްދަމުން ދިޔައެވެ. އަދި ކައުންސިލާއި ދެކޮޅަށް މުޒާހަރާކުރުވިއެވެ. އެއްމެފަހުން، ކައުންސިލަރު ކަމުން ވަކި ކުރުމަށްޓަކައި، ޕާޓީއިން ވަކިކޮށްލާނެ ކަމުގެ ބިރު ދެއްކިއެވެ. އޭރުވެސް އަދި މިހާރުވެސް ފާޅުގައި، މިވާހަކަތައް އެއްމެ ގިނައިން ދައްކާ މީހަކީ އަޅުގަނޑު ކަމަށްވުމުން އަޅުގަނޑާއި ދެކޮޅަށް ޕެޓިޝަން ހަދަން އެމީހުން އުޅުނެވެ. ނަމަވެސް މާތްﷲ ގެ އިރާދަފުޅާއި، މިންވަރު ފުޅުން ފުނޑިގެންދިޔައީ އެމީހުންގެ ގަތަމުންދިޔަ ފަސާދައިގެ ޗޭނެވެ.

ޚިޔާލު ފާޅުކުރޭ

This site uses Akismet to reduce spam. Learn how your comment data is processed.