އައްޑޫ ސިޓީ ކައުންސިލުން 2011 ނިންމާފައިވާ ބައެއް މުހިއްމު ނިންމުންތައް – 2


city logo

އައްޑޫ ސިޓީ ކައުންސިލުން 2011 ނިންމާފައިވާ ބައެއް މުހިއްމު ނިންމުންތައް (2)

   – ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމަށް މަގުކޮނެ ހޮޅި ވަޅުލުމުގައި ޢަމަލުކުރާނެ އުޞޫލެއް ކަނޑައެޅުން

އެސް. ޔޫ. އެލް. އާއި ބައިވޯޓަރ އިން އައްޑޫ ސިޓީގައި ހިންގަމުންދާ ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ ޕްރޮޖެކްޓްގައި ދިމާވާ ދަތިތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް 2011 ވަނަ އަހަރުގެ އެޕްރީލް މަހުގެ 26 ވަނަ ދުވަހު ކައުންސިލް އިދާރާގައި އެފަރާތްތަކާއެކު ބައްދަލުވުމެއް ބޭއްވުނެވެ. މަގުތަކުގައި ހޮޅި ވަޅުލުމުގެ މަސައްކަތް ކުރުމުގައި ހޮޅިތައް ވަޅުލުމަށްފަހު މަގު ލެވެލް ނުކޮށް އޮތުމުގެ ސަބަބުން ޢާންމު ރައްޔިތުންނަށް މަގު ބޭނުން ކުރުމުގައި އުނދަގޫ ތަކާއި ދަތިތައް ކުރިމަތި ވަމުން ދާތީ، ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ކައުންސިލަށް ހުށަހެޅެމުން ދިއުމާ ގުޅިގެން އެކަމަށް ޙައްލެއް ހޯދުމަށް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވެއެވެ. އަދި މަސައްކަތަށް ބޭނުންކުރެވޭ ވެހިކަލްތައް ޕާކް ކުރުމުގައި މަގު ބޭނުން ކުރާ އެހެން ފަރާތްތަކަށް ދަތިވަމުން ދާ ކަމުގެ ޝަކުވާ ހުށަހެޅިފައި ވުމާއެކު މިކަންކަން ޙައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ މެދު ދެ ފަރާތުގެ ދެމެދުގައި ވާހަކަ ދެކެވި ކުރިޔަށް އޮތް ތާނގައި އެފަދަ ކަންތައް ތަކުރާރުނުވާ ގޮތަށް މަސައްކަތް ކުރިޔަށް ގެންދިއުމަށް ގޮތްތަކެއް ކަނޑައަޅައި ޢަމަލުކުރުމަށް ނިންމުނެވެ.

   – ދަރިވަރުންނަށް އިނާމް ދިނުމުގައި އަމަލުކުރާނެ ގޮތެއް ނިންމުން

އައްޑޫ ސިޓީގެ ކިޔަވާ ކުދިންނަށް އިނާމް ދިނުމުގެ ކަންތައްތައް އިތުރަށް ހަރުދަނާކޮށް ސިޓީ ފެންވަރުގައި ތަޢުލީމީ ރޮނގުން މަތީ ވަނަތައް ޙާޞިލްކުރާ ދަރިވަރުންނަށް އިނާމް ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ ސިޔާސަތު 10 މެއި 2011 ގައި ބޭއްވުނު ކައުންސިލްގެ 15 ވަނަ ބައްދަލުވުމުގައި ކަނޑައެޅުނެވެ. މީގެ ބޭނުމަކީ ޢިލްމީ ގޮތުން ޤާބިލް ޖީލެއް އުފައްދައި، ސިޓީގެ ކިޔަވާ ކުދިންގެ މެދުގައި ޤައުމީ ފެންވަރުގައްޔާއި އަދި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭ ވަނަތައް ހޯދުމަށް ވާދަ ކުރުމުގެ ރޫޙެއް އުފައްދައި، ވާދަވެރި ތަޢުލީމީ ވެއްޓެއް ސިޓީގައި ޤާއިމު ކުރުމެވެ. މިގޮތުން މި ސިޓީގައި ބޭއްވޭ ޤުރުއާން މުބާރާތް ފަދަ ޢިލްމީ އެކިއެކި މުބާރާތްތަކުން ވަނަތައް ހޯދާ ކުދިންނަށް އިނާމާއި ސެޓްފިކެޓް ދިނުމަށްޓަކައި ސިޓީ ފެންވަރުގައި ޖަލްސާ ބޭއްވުމަށާއި، މިގޮތުން ބޭއްވޭ ޖަލްސާތަކަށް ހިނގާ ހުރިހާ ޚަރަދެއް ވެސް ކައުންސިލުން ކުރާ ގޮތަށް ނިންމުނެވެ.

   – ސިޔާސީ ޕާޓީތަކަށް ބިންދޫކުރުން

3000 މީހުން ހަމަވާ އަދި ސިޔާސީ ދާއިރާގައި ޙަރަކާތްތެރިވާ ސިޔާސީ ޕާޓީ އަކުން އެ ޕާޓީއެއްގެ އިދާރީ އޮފީސް ޢިމާރާތް ކުރުމަށް އައްޑޫ ސިޓީ އިން ބިމަކަށް އެދި ހުށަހަޅައިފިނަމަ 4000 އަކަފޫޓަށް ވުރެ ބޮޑު ނޫން ބިމެއް އެފަރާތަކަށް ދޫކުރާގޮތަށް 10 މެއި 2011 ގައި ބޭއްވުނު މި ކައުންސިލްގެ 15 ވަނަ ބައްދަލުވުމުން ވަނީ ފާސްކޮށްފައެވެ.

   – ދަނޑުވެރިކަމަށް ބިންދޫކުރުން

އައްޑޫ ސިޓީގައި ދަނޑުވެރިކަން ކުރާފަރާތްކަށް ބިން ދޫކުރާނެ އުޞޫލެއް ހަމަޖައްސައި އެކަން މޮނިޓަރކޮށް ބެލެހެއްޓުމަށްޓަކައި 5 މެމްބަރުގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް 17 މެއި 2011 ގައި ބޭއްވުނު މި ކައުންސިލްގެ 16 ވަނަ ބައްދަލުވުމުގައި ކަނޑައެޅުނެވެ.

   – އައްޑޫ ސިޓީގައި ބޭނުންކުރެވޭ އެއްގަމު އުޅަނދުގެ ޢަދަދު ވަކި ލިމިޓެއްގައި ހިފެހެއްޓުން

އައްޑޫ ސިޓީގައި ގެންގުޅޭ އެއްގަމު އުޅަނދުގެ ޢަދަދު ވަކި ލިމިޓެއްގައި ހިފެހެއްޓިފައި އޮތުމަކީ ކޮންމެހެން ބޭނުންކަމެއްކަމަށް ފެންނާތީ، 26 މެއި 2011 ގައި ބޭއްވުނު މި ކައުންސިލްގެ 17 ވަނަ ބައްދަލުވުމުގައި މިކަމާމެދު މަޝްވަރާކޮށް ގޮތްތަކެއް ކަނޑައެޅުނެވެ.

   – ތިޖޫރީގައި ކޭޝް ފްލޯޓެއް ބެހެއްޓުން

ކައުންސިލް އިދާރާގެ އޮފީސްތަކަށް ފައިސާ ޖަމާކޮށް އެކިއެކި ފީގެ ގޮތުގައި ފައިސާ ދައްކަން އަންނަ ފަރާތްތަކަށް ފައިސާ މާރުކޮށްދޭން ޖެހޭތީ، ކޭޝް ފްލޯޓްގެ ގޮތުގައި ފައިސާ އާ ބެހޭ ސެކްޝަނުގެ ތިޖޫރީގައި ދާއިމީ ގޮތެއްގައި 3000 ރުފިޔާ ބަހައްޓާގޮތަށް 10 މެއި 2011 ގައި ބޭއްވުނު ކައުންސިލްގެ 15 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. އަދި ހަމަ އެހެންމެ ކައުންސިލަށް ބަލައިގަންނަ ކޮންމެ ފައިސާއެއް ވެސް އެ ފައިސާ ބަލައިގަންނަ ދުވަހާ ވިދިގެން އަންނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ކައުންސިލް އިދާރާގެ އެކައުންޓަށް ޖަމާކުރުމަށާއި، އަދި ކައުންސިލް އިދާރާގެ ޑިޕާޓްމަންޓަކުން ފޮނުވާފައިވާ ބިލަކަށް ފައިސާ ޖަމާކޮށްފިނަމަ ޑިޕޮސިޓް ސްލިޕްގެ ކޮޕީއާއި ފައިސާގެ ތަފްޞީލް އެ ފައިސާއެއް ޖަމާ ކުރާ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން އެ ޑިޕާޓްމަންޓަކަށް ފޮނުވަން ޖެހޭނެކަމަށް ވެސް މި ބައްދަލުވުމުގައި ކަނޑައެޅުނެވެ.

   – ކޮންޓްރޯލް އަގަށް ކާޑުގެ ބާވަތްތައް ވިއްކުމުން ގެއްލުންވާ ކަމަށް ބުނެ ވިޔަފާރި ވެރިން ޝަކުވާކުރަމުން ދާތީ އެކަމާމެދު ޢަމަލު ކުރާނެ ގޮތެއް ނިންމުން

މަޖޫރީއާއި ދަތުރު ފަތުރުގެ އަގު ބޮޑުވެފައިވާތީ ކާޑުގެ ބާވަތްތައް ކޮންޓްރޯލް އަގަށް ވިއްކުމުން ގެއްލުންވާކަމަށް ބުނެ އެކަމަށް ޙައްލެއް ހޯދައި ދިނުމަށް އެދި އައްޑޫ ސިޓީގެ ވިޔަފާރިވެރިންގެ ފަރާތުން ހުށަހެޅުންތައް ލިބެމުންދާތީ 26 މެއި 2011 ގައި ބޭއްވުނު ކައުންސިލްގެ 17 ވަނަ ބައްދަލުވުމުގައި މިކަމާމެދު ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުނެވެ. މިގޮތުން މެމްބަރުންގެ މެދުގައި ބަހުސްކޮށް މަޝްވަރާ ކުރުމަށްފަހު ނިންމަވާފައިވަނީ ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީއަށް މި މައްސަލަ ހުށަހަޅައި، ކޮންޓްރޯލް އަގަށް %10 ގެ ލުޔެއް ލިބޭތޯ މަސައްކަތް ކުރުމަށެވެ.

   – ކުލީ ބިންތަކަށް ދައްކަންޖެހޭ ފީ ނުދައްކާ ފަރާތްތަކާ މެދު ޢަމަލުކުރާނެ ގޮތެއް ނިންމުން

26 މެއި 2011 ގައި ބޭއްވުނު ކައުންސިލްގެ 17 ވަނަ ބައްދަލުވުމުގައި އެގްރިމަންޓްގައިވާ ގޮތުގެމަތިން ފައިސާ ނުދައްކާ ކުލީ ބިންތަކަށް ކުލި ދެއްކުމަށް 15 ދުވަހުގެ ނޯޓިސްއެއް ބިމާ ޙަވާލުވެފައިވާ ފަރާތަށް ދިނުމަށާއި، އެ މުއްދަތުގެ ތެރޭގައި ކުލި ނުދައްކައިފިނަމަ އެގްރިމްންޓް ބާޠިލްކޮށް ބިމުގައި ކޮށްފައިވާ އިންވެސްޓްމަންޓް ކައުންސިލަށް ނަގައި މައްސަލަ ޝަރީޢަތަށް ފޮނުވުމަށް ނިންމުނެވެ.

   – ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިން ފީ ނުދައްކައި ދުއްވާ އުޅަނދު ފަހަރާމެދު ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުން

މި މައްސަލައާމެދު މެމްބަރުންގެ މެދުގައި މަޝްވަރާކޮށް ނިންމާފައިވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ ނަންބަރު 220-EA/CIR/2011/17 ސަރކިއުލަރ ގައިވާގޮތުގެ މަތީން ޢަމަލުކޮށް، ޤަވާޢިދާ ޚިލާފުވާ ފަރާތްތަކާމެދު މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ފިޔަވަޅު އެޅުމަށެވެ. މިގޮތަށް މިކަން ނިންމާފައިވަނީ 26 މެއި 2011 ގައި ބޭއްވުނު ކައުންސިލްގެ 17 ވަނަ ބައްދަލުވުމުގައެވެ.

   – މަގުހެދުމާއި ، މަގުމަގާއި އިޖުތިމާޢީ ސަރަޙައްދުތައް ސާފުކޮށް ބެލެހެއްޓުމުގައި ޢަމަލުކުރާނެ ގޮތުގެ ސިޔާސަތު ކަނޑައެޅުން

މަގުހެދުމަށާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުމަށް ސަދަން ޔުޓިލިޓީޒް ލިމިޓެޑާ އެކު އެއްބަސްވުމެއް ޤާއިމު ކޮށް، އިޖުތިމާޢީ ސަރަޙައްދު ތަކާއި، ގޯތި ގޯއްޗާ އިންވެފައި ނުވާ މަގުމަގާއި ތަންތަން ކައުންސިލުން ބަލަހައްޓަމުންދާއިރު ގޯތި ތަކާ އިންވެފައިވާ ބައެއް މަގުތައް ބެލެހެއްޓެމުން ނުދާތީ އެފަދަ ގޯތިތަކުގެ ވެރިންނަށް އެކަން އަންގައި ޤަވާޢިދަށް ޙުރުމަތްތެރިކޮށް ހިތުމަށް ނަޞީޙަތްތެރިވެ، ޤަވާޢިދާ ޚިލާފުވާ ފަރާތްތަކާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް 31 މެއި 2011 ގައި ބޭއްވުނު ކައުންސިލްގެ 18 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

ޚިޔާލު ފާޅުކުރޭ

This site uses Akismet to reduce spam. Learn how your comment data is processed.