މިރާއްޖޭގެ ހަޤީގީ ވެރިންނަކީ ދިވެހި ރައްޔިތުންނެވެ.


ދިވެހިރާއްޖޭގެ ވެރިކަން:

އެބައިމީހުގެ ވެރިކަމުގައި ނުހައްޤުން ބޮޑެތި އަނިޔާތައް ދެވުނު މީހުންނާއި، އަނިޔާވެރިކަމާއެކު މަރާލެވުނު މީހުންގެ އަދަދު އެއީ އެބައިމީހުންގެ ވެރިކަމުގެ އާރާއި ބާރު ވަޒަން ކުރުމުގައި ގެންގުޅެމުންއައި މިންގަނޑެވެ. މިއީ ޒަމާނުއްސުރެ އަހަރެމެން ދިރިއުޅެމުން މިއަންނަ ޤައުމުގައި ވެރިކަން ކުރި މީހުންގެ ފަރާތުން ފެނިފައިވާ ހަޤީގަތެވެ.

ވެރިކަމުގެ މަތިން ފެށިގެން ގޮސް އެއްމެ ތިރިއަށް ރިޝްވަތާއި، ރެކޯޑް އަދަދުގެ ގިނަ ގާނޫނާއި ޚިލާފް އަމަލުތަކާއި، އިންސާނިއްޔަތާއި ޚިލާފް އަމަލުތައް އެމީހުން ކޮށްފައިވެއެވެ. އަސާސީ ޚިދުމްތައްތައް ލިބިގަތުމަށްޓަކައި އަހަރެމެންގެ ރަށްތަކުން ހިޖްރަކުރުމަށް އެބައިމީހުން އަހަރެމެންނަށް މަޖްބޫރުކުރުވިއެވެ. އެއީ އަހަރެމެންގެ މައްޗަށް ވެރިކަން ހިންގަން ތިބި މީހުންނެވެ.

ގައުމުގެ ފުލުހުން އަހަރެމެން ފެނުނު ކޮންމެ ތަނަކުން ތަޅާ ބުރުއްސަމުން އަހަރެމެންގެ ދަރިން ޖަލުގައި ހައްޔަރުކޮށް މަރަމުން ގެންދިޔައީ މިވާހަކަތައް ދައްކާތީއެވެ. އަހަރެމެންގެ ސަޤާފަތާއި އާދަކާތައް ނައްތާލުމަށްޓަކައި، އަހަރެމެންގެ މާދަރީބަސް (އައްޑޫ-ފުވައްމުލައް-ހުވަދޫ) އަހަރެމެންގެ ސްކޫލްތަކުގައި މަނާކުރިއެވެ. އަހަރެމެންގެ އެއްބައެއްވަންތަކަން ނިގުޅައިގަތުމަށްޓަކައެވެ.

އަހަރެމެންގެ އެތައްހާސް މީހުންނަށް ވަޒީފާ ނުލިބިވާއިރު، ޤައުމުގެ ވިޔަފާރިވެރިން ބޭނުންވާ ގޮތަށް ގައުމުގެ ހުރިހާ ކަމެއް ބައްޓަންކޮށް، އަހަރެމެންގެ ބިމުގައި ބިދޭސީންނަށްވުރެ އަހަރެމެން ނިކަމެތި ކުރުވިއެވެ. ސުނާމީގައި ގެދޮރު ގެއްލުނު އެތައްބަޔަކު ފޭލިގެތަކުގައި ދިރިއުޅެމުން ދިޔައިރު، މާލޭގައި އަގުބޮޑު އެތައް އިމާރާތެއްގެ ބިންގާތައް އެޅިއެވެ.

މިހުރިހާކަމާހުރެ އަހަރެމެންގެ ރަށްތައް ދިޔައީ ފަޅުވަމުންނެވެ. ރަށުގައި ދިރިއުޅެން މަޖްބޫރުވެފައިވަނީ ނިކަމެތިންނަށެވެ. ނިކަމެތި މަންމައިންނާއި ދަރިންނަށެވެ. ބައްޕައިންނަށް މަޖްބޫރުވެފައިވަނީ އާއިލާއާއި ދުރުގައި އުމުރުދުވަސް ހޭދަކުރުމަށެވެ.

އާ ޤާނޫނޫ އަސާސީ:

މިދެންނެވި ހާލަތު ބަދަލުކުރުމަށް އަހަރެމެން ދިޔައީ މަސައްކަތް ކުރަމުންނެވެ. މިހާލަތު ބަދަލުކުރެވޭނީ، އަހަރެމެންގެ މައްޗަށް ވެރިކަން ކުރަން ތިބި މީހުން ބަދަލުކޮށްގެންކަން އަހަރެމެންނަށް ވިސްނުނެވެ. މިކަން ކުރެވެން އޮތީ ރައްޔިތުންގެ ކިބައިން ބާރުތައް ފެށިގެން އަންނަ ގާނޫނު އަސާސީއެެއްގެ ތެރެއިންނެވެ. މިގާނޫނު އަސާސީއަކީ ހަމައެކަނި ފޮތެއްގެ ސިފައިގައި ޗާޕްކޮށްފައި އޮންނަ އެއްޗަކަށްވުރެ ބޮޑަށް، އަހަރެމެންގެ ހާލަތު ބަދަލުކޮށް، ތަރައްޤީއާއި ކުރިއެރުން އަހަރެމެންނަށް ގެނެސްދޭނެ އެއްޗަކަށް ވުމަށް އަހަރެމެން އުއްމީދުކުރީމެވެ.

އައު ވެރިކަމެއް:

ހާލަތު ބަދަލުކުރުމަށްޓަކައި ވެރިކަން ބަދަލުކުރަން ކޮންމެހެން މަޖްބޫރެއް ނޫނެވެ. ހާލަތު ބަދަލުކުރުމަށްޓަކައި ބޭނުންވީ ރައްޔިތުންގެ ކިބައިން ބާރުތައް ފެށިގެން އަނަން ޤާނޫނު އަސާސީއެކެވެ. ވެރިކަމުގައި ތިއްބެވި ވެރިންނަށާއި، ވެރިކަމަށް އަންނަ މަސައްކަތްކުރި ވެރިންނަށް އޮތީ ޤާނޫނު އަސާސީއާއި އެއްގޮތައް ވެރިކަން ކުރުމެވެ. މިދެފަރާތުގެ ވާދަވެރިކަން ނިމިގެންދިޔައީ ވެރިކަމަށް އަންނަން މަސައްކަތްކުރި މީހުންނަށް ކާމިޔާބުލިބިގެންނެވެ. އަލަށް ވެރިކަމާއި ހަވާލުވި ވެރިންނާއި އަހަރެމެން ހަވާލުކުރީ އާ ޤާނޫނު އަސާސީއެކެވެ. އަނެއް ދިވެހިރާއްޖެއަށް ދިއުމަށްޓަކައި، އަމާން ބަނދަރަކަށް ދިއުމަށްޓަކައި ކުރެހި ޗާޓަކީ އެ ޤާނޫނު އަސާސީއެވެ.

އަނެއް ދިވެހިރާއްޖެ:

މިރާއްޖޭގެ ހަޤީގީ ވެރިންނަކީ ދިވެހި ރައްޔިތުންނެވެ. މިރާއްޖޭގައި ހުރިނަމަ ހުރި މުއްސަނދިކަމެއްގެ ވާރުތަވެރިންނަކީ މިރާއްޖޭގެ ރައްޔިތުންނެވެ. މިރާއްޖޭގައި ބާރެއްހުރިނަމަ ހުރި ބާރެއްގެ އަހުލުވެރިންނަކީ މިރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި، އެއްބައެއްގެ ގޮތުގައި ތިބި ދިވެހި ރައްޔިތުންނެވެ. އަހަރެމެން ރައްޔިތުންގެ ބާރަށްވުރެ ބޮޑު ބާރެއް މިރާއްޖޭގެ ކަންކަމުގައި ގޮތްކިޔަން ނޯންނާއެވެ.

އައު ޤާނޫނު އަސާސީއެއްގެ ދަށުން މިޤައުމު މިސްރާބު ޖަހާފައި މިވަނީ ޒަމާނީ ފުރިހަމަ ޑިމޮކްރަސީއަކަށެވެ. މިދަތުރުގައި ރައްޔިތުން އެއްމެބޮޑަށް ފާރަވެރިވާންޖެހެނީ، ރައްޔިތުންގެ ވެރިކަމާއި ހަވާލުވެގެން ތިއްބެވި ވެރިންނާމެދުއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ވެރިންނެވެ. ގައުމު ހިންގުމާއި ހަވާލުވެތިއްބެވި ވެރިންނެވެ. ގައުމުގެ އަދުލުއިންސާފާއި ހަވާލުވެތިއްބެވި ވެރިންނެވެ. މިވެރިންގެ ތެރޭގައި ގިނައިން ހިމެނެނީ ރާއްޖޭގެ ނިސްބަތުން މުއްސަނދިންނެވެ. ނުފޫޒުގަދަ މީހުންނެވެ. އެހެންކަމުން މިފަދަ ވެރިންތަކެއްގެ ބެލުމުގެދަށުން އަނެއް ދިވެހިރާއްޖެއަށް ދިވެހިން ދަތުރުކުރާއިރު ދަތުރުގެ މިސްރާބު ހުރީ ރަނގަޅަށްތޯ ބަލަންޖެހެއެވެ.

ގައުމުގެ ވެރިކަމާއި ހަވާލުވެ ތިއްބެވި ވެރިންގެ އަމިއްލަ ފައިދާއަށްޓަކައި އެއް ރާއްޖެއިން އަނެއް ރާއްޖެއަށް، އެއް ބަނދަރުން އަނެއް ބަނދަރަށް އަހަރެމެން ގޮވައިގެން ދަތުރުކުރާއިރު، އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެއެވެ. މިގައުމުގެ މިނިވަންކަމަށްޓަކައި ޝަހީދުވި ފަޚްރުވެރި ދިވެހިންގެ ޝަރަފުގައި، މިގައުމަށް ޑިމޮކްރަސީ ގެނައުމަށް އެތައް ގުރުބާނީތަކެއްވި ހިތްވަރުގަދަ ދިވެހިންގެ ހައްގުގައި، އަންނަން އޮތް ޖީލަށް މިގައުމު ގެންގޮސްދިނުމަކީ މިއަދު އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެކެވެ. މިމަސްއޫލިއްޔަތުން އެއްކިބާ ވެވޭނެ ހަމައެއްގޮތެއްވެސް މިގައުމުގެ ހަގީގީ ވެރިންނަކަށް ނޯންނާނެއެވެ.

1 comments

ޚިޔާލު ފާޅުކުރޭ

This site uses Akismet to reduce spam. Learn how your comment data is processed.