ހިތްތިރިކަމުން ސަލާމަތްވެގެން ނޫނީ މިޤައުމާއިގެން އަމާން ބަނދަރަކަށް ނުދެވޭނެއެވެ.


ހިތްތިރިކަމުން ސަލާމަތްވެގެން ނޫނީ މިޤައުމާއިގެން އަމާން ބަނދަރަކަށް ނުދެވޭނެއެވެ.

ފައިސާގެ ނުފޫޒު ބޭނުންކޮށްގެން ޤައުމުގައި ހުޅުޖަހަން އުޅޭއެއްވެސް މީހަކު ދޫކޮށްފައި ބެހެއްޓުމަކީ މިޤައުމުގެ އެއްމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސް ނަޝީދު ކޮށްގެންވާނެ ކަމެއް ނޫނެވެ. އެފަދަ މީހުން ހައްޔަރު ކުރެވެން އޮތީ ކުއްލި ހާލަތު އިއުލާންކޮށްގެން ކަމަށްވާނަމަ، އެކަން ކުރައްވައިގެން ނަމަވެސް ފަސާދަވެރިންގެ ކިބައިން މިޤައުމު މިވަނީ މިންޖުކުރަން ޖެހިފައެވެ.

ދައުލަތުގެ މުދަލާއި، ޚަޒާނާއަކީ ތިމަ ތިމާމެންގެ ތަރިކަ މުދާކަމަށް ހަދައިގެން އުޅުނު ބަޔަކު މިޤައުމުގައި 30 އަހަރުވަންދެން ވެރިކަން ކުރިކަމީ ފެންނަން އޮތް ހަޤީގަތެކެވެ. އެވެރިކަމުގައި ވަކިބަޔަކަށް ނޫސް މަޖައްލާ ރަޖިސްޓްރީ ކޮށްދީ، އެނޫސްތަކާއި އެމަޖައްލާތައް ހިނގުމަށް ސަރުކާރުގެ މުދަލާއި ފައިސާއާއި، ބިންބިން ދީފައިވެއެވެ.

ކޮންމެ އަހަރެއްގެ ބަޖެޓްގައި”ތީމްގޭ ބަޖެޓް” ނަމުގައި އެތައް މިލިޔަން ރުފިޔާއެއް ބާކީކޮށް ރައްޔިތުންގެ މަޖިލިސްގެ މެންބަރުންނާއި ސަރުކާރުގެ ބޮޑުންނާއި، ބޮޑުންގެ ބޮޑުންނާއި، ޝާހީ ޢާއިލާގެ ބޭސްފަރުވާއާއި، ޗުއްޓީ ދަތުރުތައް ބަލަހައްޓަމުން ގޮސްފައިވެއެވެ. ނިކަމެތި ރައްޔިތަކު ބޭސްފަރުވާއަކަށް އެހީ ހޯދުމަށް އެދުމުން ދުއިސައްތަ ޑޮލަރާއި ދެކޮޅު ޓިކެޓް ދީފައި އެއިން އެއްމެ ޑޮލަރެއް ބާކީވިޔަސް އަނބުރާ ތީމުގެއަށް ދެއްކުމަށް އިގުރާރު ކުރުވަމުން ގޮސްފައިވަނީ އިސްވެދިޔަ ފަރާތްތަކުގެ ޚަރަދުތައް ފޫބެއްދުމަށެވެ.

މައުމޫންގެ ޚުދުމުޚްތާރު ވެރިކަމުގައި މަޤާމްތައް ފުރުއްވި މިނިސްޓަރުންނާއި، ބޮޑުންގެ ބޮޑުން މިޤައުމަށް ވެފައިހުރީ ކިހާމިންވަރެއްގެ ޚިޔާނާތެއްކަން މޮޅަށް ދެނެވޮޑިގަންނަވާނީ ﷲ އެވެ. ލިއެކިއުމަކުން މިއިން އެއްވެސް ކަމެއް ފެންނަން ހުރިއްޔާ ފެންނަން ހުންނާނީ އެބައިމީހުންގެ މިސްޓޭކަކުންނެވެ. ތިރީސް އަހަރުދުވަހު މިޤައުމަށް ލިބުނުހާ ފައިސާ މިދެންނެވި ފަރާތްތަކުން ލޫޓުވާލާފައިވަނީ ވިސްނުންތެރިކަމާއެކުގައެވެ. ތީމުގޭ ގުދަން ތަކުންނާއި މުލިޔާގޭ ގުދަން ތަކުގައި ބަންޑަލި ޖަހާފައިހުރި ވަގު ލިޔުންތައް ވެރިކަން ބަދުލުވުމާއެކު އަންދާ ކަނޑު ފެއްތި މީހުން އެވާހަކަ ލީކް ކޮށްފައިވާއިރު ސަރުކާރާއި އަލަށް ހަވާލުވި މީހުން “ކާމިޔާބުގައި ހިތް ތިރިވެގެން” ވަގުތުން ވަގުތަށް އެމައްސަލަތައް ނުބެލުމުން މިއަދު މިވަނީ އަނެއްކާވެސް އެބައިމީހުންގެ ޝިކާރައަކަށް މިޤައުމު ވެފައެވެ. ރައްޔިތުން މިވަނީ ނިކަމެތިވެފައެވެ.

ދެންވެސް ވަގުތު ފާއިތުވުމުގެ ކުރިން މިޤައުމުގެ ޚަޒާނާ ލޫޓުވާލި މީހުންތައް ހޯދައި، ގާނޫނީ އިމުގެ ތެރެއަށް އެމީހުން ވައްދާށެވެ. ރައީސުލް ޖުމުހޫރިއްޔާއަށް ޤާނޫނުއަސާސީއިން ބާރުތަކެއް ލިބިދީފައި އެވަނީ ސަމާސާ ކުރަށްވާކަށެއް ނޫނެވެ. އަދި އެބާރުތައް ދީފައިވަނީ ދިވެހި ޢައިލާތައް ނިކަމެތި ވެގެންދާތަން ބައްލަވަން އިންނަވާކަށް ނޫނެވެ. މިޤައުމަށް ޚިޔާނާތްތެރިވި ފަރާތްތައް ހައްޔަރު ކޮށްގެން އެކަންކަން ބެއްލެވުމުގެ ބާރު ސިފައިންނާއި ފުލުހުންގެ ވެރިޔާއަށް ޤާނޫނު އަސާސާއިން ލިބިދީފައިވާއިރު އެކަން ނުބައްލަވާ މިހާދުވަސްވަންދެން ހަނު ހުންނެވުމަކީ، ރައީސް ހެއްދެވި ގޯހެކެވެ. ތިރީސް އަހަރު ވަންދެން ގައުމަށް ޚިޔާނާތްތެރިވެފައިވާ ފަރާތްތަކުން އަނެއްކާވެސް ޤައުމުގެ މަސްލަޙަތާ އިސްތިގުލާލު ނަގާލަން އުޅޭއިރު އެބައިމީހުންނަށް މިޤައުމު ސުންނާފަތި ކުރަން ފުރުޞަތު ދެއްވައިގެން ހުންނެވުމަކީ ހެޔޮވެރިކަން ކުރަން އޮތްގޮތޭ ވިދާޅުވިނަމަވެސް އެވާހަކަ މިއަދު ރައްޔިތުން ޤަބޫލެއް ނުކުރާނެއެވެ. ހެޔޮވެރިކަންކުރެވޭނީ އެމަގަށް ހުރަސްއަޅާ ފަރާތްތައް އެއްފަރާތްކޮށްގެންނެވެ. ހިތްތިރިކަމުން ސަލާމަތްވެގެން ނޫނީ މިޤައުމާއިގެން އަމާން ބަނދަރަކަށް ނުދެވޭނެކަން ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވަން ވާނެއެވެ.

ޚިޔާލު ފާޅުކުރޭ

This site uses Akismet to reduce spam. Learn how your comment data is processed.