ހަފްތާ ބަޔާން – 13: އަހަރެންނަކީ ފަޤީރެއްހެއްޔެވެ؟


އޮފީހުގެ 13 ވަނަ ހަފްތާ ބަންދުގައި ލިޔަން އަޅުގަނޑު ގަސްތުކޮށްގެން ހުރީ މިވާހަކައެއް ނޫނެވެ. ނަމަވެސް ކަންދިމާކުރިގޮތުން ނިމިގެންދިޔަ ހަފްތާވެގެންދިޔައީ ފަޤީރުންގެ ލިސްޓްގައި ނަންނޯޓްކުރުން ފެށިގެންދިޔަ ހަފްތާއަށެވެ. އެހެންކަމުން އެއްމެ ގިނަ ބައެއްގެ ސުވާލަކަށްވެފައި އޮތީ ތިމަންނާއަކީ ފަޤީރެއްތޯ ނުވަތަ ތިންމަނާގެ އަންހެނުންނާއި، ދަރިން ފަޤީރުންގެ ލިސްޓްގައި ޖެއްސިދާނެތޯއެވެ. މިލިސްޓްގައި ޖެހިގެން ފަޤީރެއްގެ ގޮތުގައި އަޅުގަނޑު ހަމަގައިމުވެސް ހުންނާކަށް ބޭނުމެއް ނޫނެވެ. އެހެންކަމުން މިފަހަރު މިގެނެސްދެނީ މިކަމާއި ގުޅޭގޮތުން އަޅުގަނޑުގެ އަމިއްލަ ނަފްސާއި ކޮށްލި ސުވާލާއި ޖަވާބެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ދާދި ފަހުން ރާއްޖެއަށް ދިން ހިލޭ އެހީގެ ހަނޑޫ ބެހުމަށްޓަކައި މީދޫ އޮފީހުން ނެރެފައިވާ އިޢުލާނެއްގައި 226 ގެއިން 799 ފަޤީރުން މިދިޔަ އަހަރު މީދޫގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް އޮއްވާ އަޅުގަނޑު ދުށީމެވެ. ހަމަ އެހަނޑޫ ބެހުމުގެ މަސައްކަތް ހިނގަމުންދިޔަ މަންޒަރުވެސް އަޅުގަނޑު ދުށީމެވެ. ބައެއް ގޭގެއިން ހަނޑޫ ބަލައި ފޮނުވީ ގޭގައި ގެންގުޅޭ ނޯކަރު މީހާއެވެ. ބައެއް މީހުން ޕިކަޕް ކުއްޔަށް ހިފައިގެން ހަނޑޫ ބަލައި ދިޔަ މަންޒަރުވެސް ދުށީމެވެ. މިހުރިހާ ކަމެއް ހިނގަމުންދިޔައިރު ބައެއް މީހުންގެ ޝަކުވާގެ އަޑުވެސް އިވުނެވެ. މާމައިން ފެށިގެން 2 އަހަރުވީ ކުއްޖާއާއި ހަމައަށް ޖުމްލަ 12 މީހުންގެ ނަން ފަޤީރުންގެ ލިސްޓްގައި ނޯޓު ކުރުވާފައިވާއިރު 4 މީހުންނަށް ހަނޑޫ ލިބެންވީ ކީއްވެގެންތޯ ބައެއް ފަރާތްތަކުން ސުވާލުކުރަމުންދިޔައެވެ. އަދި މިއަހަރުގެ ފަޤީރުންގެ ލިސްޓްގައި ބަނޑުގައި އޮތް އުފަންނުވާ ދަރިފުޅުވެސް ޖައްސުވަން އަންނާނެކަމަށް މީހަކު ބުނިއަޑު އެހީމެވެ. މިހުރިހާކަމެއް ހިނގަމުންދިޔައިރު އަޅުގަނޑު ހިތައް އަރައި ފައިބަމުން ދިޔައެވެ. މި މީހުންނަކީ ހަޤީގަތުގައިވެސް ފަޤީރުން ހެއްޔެވެ؟ މި މީހުން ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ ކޮން އުސޫލަކުން ހެއްޔެވެ؟ ފަޤީރަކަށް ބެލެވެނީ ކޮން ކަހަލަ ޝަރުޠުތަކެއް ފުރިހަމަވެގެން ހެއްޔެވެ؟

މީގެ 64 އަހަރު ކުރިން 1945 ވަނަ އަހަރު މިރަށުގައި ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވަނީ 49 މީހުންނެވެ. އަދި މިސްކީނުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވަނީ 48 މީހުންނެވެ. އެދުވަސްވަރުގެ އިގްތިސާދީ ހާލަތާއި މިއަދުގެ އިގްތިސާދީ ހާލަތު އުޑާއި ބިމާހާ ތަފާތެވެ. ނަމަވެސް މިއަދު މިރަށުގައި 799 ފަޤީރުން ރަޖިސްޓްރީ ކުރެވިފައި އެބަތިއްބެވެ. މިއީ އަޅުގަނޑުމެން ހަމަ ކޮންމެ މީހަކުވެސް ކަންބޮޑުވާންޖެހޭނެ ކަމެކެވެ. ކަން މިހެން އޮތްއިރު މިހާރު މިއޮތީ 1430 ވަނަ އަހަރު ފިޠުރު ޒަކާތާއި 2009 ވަނަ އަހަރުގެ މުދަލު ޒަކާތް ބެހުމަށްޓަކައި ފަޤީރުންގެ ލިސްޓް ނަގަންޖެހިފައެވެ.

ފިތުރު ޒަކާތް ބަލައިގަތުމާއި ފަޤީރުންގެ ލިސްޓް ތައްޔާރުކުރުމަކީ ވަރަށް ބޮޑު ކަމެއް ކަމަށް މިމަސައްކަތުގައި އުޅުއްވާ އޮފީހުގެ މުވައްޒަފުންގެ ފަރާތުން އަޅުގަނޑަށް އެނގިފައިވެއެވެ. އެބޭފުޅުން ބުނާގޮތުންނަމަ ވޭތުވެދިޔަ އަހަރާއިޖެހެންދެން ފިތުރު ޒަކާތް ބަލައިގަތުމާއި ފަޤީރުންގެ ލިސްޓްގައި މީހުން ނޯޓްކުރުމާއި ދެބައި ކުރިއަށްދަނީ އެއްކޮށެވެ. ފިތުރު ޒަކާތް ދެއްކުމަށްފަހު ދެން އެމީހާގެ ނަން ރަޖިސްޓްރީ ކުރާނީ ފަޤީރުންގެ ލިސްޓްގައެވެ. އެގޮތަށް ފަޤީރުންގެ ލިސްޓްގައި ޖެއްސުމުން އޭނާއަށްވެސް ފިތުރު ޒަކާތް ލިބޭނެއެވެ. މިގޮތަށް ފިތުރު ޒަކާތް ބަހާއިރު ދެއްކިވަރަށްވުރެ މަދުން އޭނާއަށް ލިބިއްޖެނަމަ އޮފީހުގެ މުވައްޒަފުންނާދިމާލަށް ވަގަށް ގޮވާނެއެވެ. ކޮންމެއަކަސް މިއަހަރު ވެސް އޮފީހުގައި މިމަސައްކަތް ކުރަން ހަމަޖެހިފައިވަނީ ކުރީ އަހަރުތަކުގައިވެސް އެކަން އޮންނަގޮތަށެވެ. ނަމަވެސް މިފަހަރު ތަފާތުވަނީ ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭ މީހުންގެ ޝަރުތުތަކެވެ. 1430.ހ ވަނަ އަހަރުގެ ފިތުރު ޒަކާތާއި 2009 ވަނަ އަހަރު މުދަލުގެ ޒަކާތް ބެހުމަށް ފަޤީރުންގެ ލިސްޓް ނެންގެވުމުގައްޔާއި، ބެއްސެވުމުގައި އަމަލުކުރަންޖެހޭ ގޮތް ކަނޑައަޅައި ރަށު އޮފީސްތަކަށް ފޮނުވާފައިވާ ސާކިއުލާރގައި އެޝަރުތުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ސާކިއުލާރގައި ބަޔާންކޮށްފައިވާ ޝަރުތު ތަކަށް ބަލާއިރު ޒަކާތް ޙައްޤުވާ މީހާއަކީ ސަރުކާރުން އަދި އެހެންފަރާތަކުންވިޔަސް އެއްވެސް ޢިނާޔަތެއް ނުވަތަ ޢާމްދަނީއެއް ލިބޭމީހަކު ކަމުގައި ވެގެން ނުވާނެއެވެ. އަދި މަސައްކަތް ކޮށްގެން އާމްދަނީއެއް ހޯދޭފެންވަރުގެ ޞިއްހަތެއްގައި ހުރިމީހަކު ކަމުގައި ވެގެންވެސް ނުވާނެއެވެ. މިހާ ސާފުކޮށް މިކަން ބަޔާންކޮށްފަވާއިރުވެސް ހަމަ ކުރީ އަހަރުތަކެކޭ އެއްގޮތަށް ފަޤީރުންގެ ލިސްޓްގައި ނަންނޯޓްކުރުމަށް އޮފީހަށްދާތަން އެބަފެނެއެވެ. ރަށުގައި ދިރިއުޅޭ އާއިލާގެ މެމްބަރުންގެ އިތުރުން ރަށުން ބޭރުގައި ވަޒީފާ އަދާކުރާ މީހުންގެ ނަންވެސް ނޯޓްކުރުވުމަށް ހުށަހަޅަނީއެވެ. މިހިސާބުން އުފެދޭ ސުވާލަކީ ޒަކާތުގެ ގޮތުގައި ނެރޭ އެއްޗެހި ހޯދައި ބޭނުން ކުރަން މިއެދެނީ ހަމަ އެފަދަ ނިކަމެތި މީހުންތޯއެވެ.

ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ފަޤީރުންނާއި މިސްކީނުންގެ ލިސްޓުނަގަން ހުޅުވާލުމުން ތިމާ އަމިއްލައަށް ގޮސް އެލިސްޓުގައި ނަން ނޯޓު ކުރުވާއިރު ތިމާއަކީ ދީނުގެ ހަމަތަކުން ބަލާއިރު އެލިސްޓަށް އަރަންޖެހޭ ވަރުގެ ނިކަމެތި މީހެއްތޯ އަމިއްލައަށް ވިސްނާލަން އެބަޖެހެއެވެ. ފަޤީރުންނާއި މިސްކީނުންނަށް ލިބެން ޖެހޭ ހައްޤެއް ތިމާ ހޯދައި އޭގެ ބޭނުން ކުރާއިރު ތިމާ ބޭނުން މިކުރަނީ ތިމާއަށް ހައްޤު އެއްޗެއްތޯ ވިސްނަންވާނެއެވެ. ޒަކާތް ތިމާއަށް ހައްޤު ނުވާހާލު ތިމާ އޭގެ ބޭނުންކޮށްފި ކަމުގައި ވާނަމަ ތިމާއަށް އެކެވެނީ އެހެން ބައެއްގެ ހައްޤެކެވެ. އެހެން މީހެއްގެ ހައްޤަކަށް ތިމާ އަރައިގަތުމަކީ ކިހާވަރުގެ ނުބައި ފާފައެއްކަން އަޅުގަނޑު ހިތުން ކޮންމެ މުސްލިމަކަށް އެގޭނެއެވެ.

ފަޤީރުންގެ ލިސްޓްގައި ނޯޓްކުރަންދާ ބައެއް މީހުން ބުނާގޮތުން އޭނާއަކީ ފަޤީރެއް ނޫނެވެ. ވަޒީފާއެއް އަދާކުރާތީއެވެ. ނަމަވެސް އަނބިމީހާ ވަޒީފާއަކަށް ނުދާތީ އޭނާ ފަޤީރުންގެ ލިސްޓްގައި ޖައްސުވަން ބޭނުންވެއެވެ. ހަމައެއާއެކު އޭނާގެ ތިބި 2 ކުދިންނަކީ ވަޒީފާ އަދާކުރެވޭ އުމުރުގެ ކުދިންނަށް ނުވާތީ އެ ކުދިންވެސް ފަޤީރުންގެ ލިސްޓްގައި ޖައްސުވަން ބޭނުންވެއެވެ. މީގެ އިތުރުން އޭނާގެ މުސްކުޅި މަންމައާއި ބައްޕަ ސިވިލްސާވިސްގެ ވަޒީފާއިން އިން ރިޓަޔަރ ކޮށްފައިވާތީ، ނުވަތަ 65 އަހަރުވެގެން ވަޒީފާއެއް ނުލިބިފައިވާތީ އެމީހުންވެސް ފަޤީރުންގެ ލިސްޓުގައި ޖައްސަން ބޭނުންވެއެވެ.

ޝަރުޢީގޮތުން ބަލާއިރު އަޅުގަނޑަށް ލިބޭ މުސާރައިން އަސާސީ ބޭނުންތައް ފުއްދައިގެން ދެކޮޅު ނުޖެހޭނަމަ ފަޤީރަކަށް ނުވަތަ މިސްކީނަކަށްވާނީ އަޅުގަނޑެވެ. އަޅުގަނޑަށް ލިބޭ މުސާރައިން ދެކޮޅު ނުޖެހުމަކީ ޝަރުޢީގޮތުން އަޅުގަނޑު ބަލަންޖެހޭ އަޅުގަނޑުގެ ދަރިންނާއި އަނބިމީހާއާއި މައިންބަފައިން ފަޤީރުންނަށް ވުމެއް ނޫނެވެ. އެހެންކަމުން ފަޤީރުންނާއި މިސްކީނުންގެ ނަން ނޯޓުކުރުމަށް ކޮށްފައިވާ އިޢުލާނުގައި ކަނޑައަޅާފައިވާ ޝަރުޠުތަކަށް ބަލާއިރު އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުންނާއި ދަރިންނާއި، މައިންބަފައިން އެލިސްޓަށް އަރާވަރެއް ނުވެއެވެ.

ޚިޔާލު ފާޅުކުރޭ

This site uses Akismet to reduce spam. Learn how your comment data is processed.