ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުން: އައްޑު އަތޮޅުގެ މާބަނޑު އަންހެނުން ކަނޑު ހުރަސްކޮށް ފުވައްމުލަކަށް


ފާއިތުވެދިޔަ 30 އަހަރުވީ ސަރުކާރުން ވެރިކަން ކޮށްފައިވަނީ ކޮންގޮތަކަށްތޯ ސުވާލުކުރުމުގެ ބޭނުމެއް މިހާރަކުނެތެވެ. މިހާރު މިއޮތީ އެމްޑީޕީގެ ސަރުކާރެވެ. އާދެ! ދިރިއުޅުމުގެ އަގުތައް ތިރިކޮށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ހޯދައިދީ، ޑްރަގަށް ކުރީގެ ސަރުކާރުން ހުޅުވި ދޮރުތައް ބަންދުކޮށް، ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލާނެކަމަށް ވަޢުދުވެފައިވާ ސަރުކާރެވެ. މީގެ އިތުރުން ރައްޔިތުންގެ ކަންތައްތައް ރައްޔިތުން އެދޭގޮތަށް ރައްޔިތުންނާއި ވީއެއްމެ ކައިރިން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ސަރުކާރެކޭ ބުނަމުންދާ ސަރުކާރެވެ. ނަމަވެސް މިދެކެވޭ ވާހަކަތަކާއި ލޮލަށް ފެންނަ މަންޒަރު އަނެއްދިވެހި ރާއްޖޭގެ މެނިފެސްޓޯގައި ލިޔެފައިވާ އެއްޗަކާއި ދިމަލެއް ނުވެއެވެ.

މިހިސާބުން ދެންވެސް ލިޔަންޖެހެނީ ދައްކާ ވާހަކައާއި އަމަލާއި ދިމާނުވާ ވާހަކައެވެ. ހުޅުދޫ މީދޫ ސިއްހީ މަރުކަޒުގެ ނަން ލިޔެކިއުމުން ހޮސްޕިޓަލަކަށް ބަދަލުކޮށްފިއެވެ. މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރަށްވާނެކަމަށް ހުޅުމީދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އިލްޔާސް ލަބީބު ވިދާޅުވެފައިވާތީ ނަން ބަދަލުކުރީކަމަށްވެސް ވެދާނެއެވެ. ކޮންމެ ގޮތަކަށް ނަން ބަދަލުކުރިއަސް ރައްޔިތުން ބޭނުންވަނީ ޚިދުމަތެވެ. އެއްވަނަ ދަރަޖައިގެ ހޮސްޕިޓަލަކުން ލިބޭ ހުރިހާ ޚިދުމަތެއް އެތަނުން ލިބޭނެއޭ ބުނާއިރު އެތަނުން ކުރިން ލިބެމުން އައި ބައެއް ޚިދުމަތްތައް މިހާރުވަނީ ހުއްޓިފައެވެ. ފެންނަ މަންޒަރުތަކާއި ދެކެވޭ ވާހަކަތަކަށް ބަލާއިރު ކުރިއަށް އޮތް ތަނުގައި ސިއްހީމަރުކަޒު ނުވަތަ އަތޮޅު ހޮސްޕިޓަލުގެ ހާލަތު މިހާރަށްވުރެ ގޯސްވާނެއެވެ. 6000 މީހުންގެ އާބާދީއަކަށް ޚިދުމަތް ދެމުން އަންނަ ހޮސްޕިޓަލުގައި މިއަހަރު ފެށުނުއިރު 3 ޑޮކްޓަރުން ތިއްބެވިއެވެ. ނަމަވެސް ފެބްރުއަރީ މަހު އެކަކު ވަޒީފާއިން ވަކިވުމުން މިހާރު ތިބީ އެއްމެ 2 ޑޮކްޓަރުންނެވެ. ވަޒީފާއިން ވަކިވި ޑޮކްޓަރުގެ ބަދަލުގައި ޑޮކްޓަރަކު ނުގެނެވިގެން އުޅެނިކޮށް މިއަންނަ ޖުލައި މަހު މިހާރު ތިއްބެވި ދެ ޑޮކްޓަރުންގެ ތެރެއިން އެކަކު ޗުއްޓީއަށްދާނެއެވެ. އެއްމެ ޑޮކްޓަރަކާއެކު މިހާރު ދެމުންދާ ޚިދުމަތްވެސް ނުދެވޭނެތީވެ، ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް މިމައްސަލަ ތަފާތު ގޮތްގޮތައް އެތައް ފަހަރެއްގެމަތިން ވަނީ ހުށަހެޅިފައެވެ. ނަމަވެސް މިހާތަނަށް ސަރުކާރުގެ އެއްވެސް ފަރާތަކުން މިމައްސަލައަށް އެއްވެސް ޖަވާބެއް ދީފައިނުވެއެވެ.

ދެންއޮތީ އަސްލު ސުރުޚީގައި ބުނެފައިވާ މައްސަލައެވެ. އައްޑުއަތޮޅުގައި އަންހެނުންގެ ޑޮކުޓަރަކު ނެތުމުގެ ސަބަބުން މާބަނޑު ތިން މީހަކު އިއްޔެ ފުވައްމުލަކަށް ގެންގޮސްފައިވެއެވެ. ސ.ރީޖަނަލް ހޮސްޕިޓަލުގައި އަންހެނުންގެ ޑޮކްޓަރަކު ނެތުމުން މިއަތޮޅުގެ މާބަނޑު އަންހެނުންނަށް އެހެންގޮތެއްނެތެވެ. މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން އައްޑުއަތޮޅުގެ މާބަނޑު މީހުން ފަރުވާ ހޯދުމަށް ފުވައްމުލަކަށް ގޮސްފައިވެއެވެ. ނަމަވެސް މިހާރު މިއޮތީ ދާއިމީކޮށް ފުވައްމުލަކަށް އައްޑުއަތޮޅުގެ ރައްޔިތުން ދަތުރުކުރަން މަޖްބޫރުވެފައެވެ. ރީޖަނަލް ހޮސްޕިޓަލަށް އަންހެނުންގެ ޚާއްސަ ޑޮކްޓަރަކު ގެންނާނެ ދުވަހެއް ކަމާއިބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައިނުވެއެވެ. ޒަމާނުއްސުރެ ހުޅުދޫ މީދޫގެ ރައްޔިތުންނަކީ ބޭސްފަރުވާ ހޯދުމަށް ކަނޑު ހުރަސްކުރަމުން އައި ބައެކެވެ. ނަމަވެސް މިދަތުރު މިހާރު މިވަނީ އިތުރަށް ދިގުވެފައި، ޚަރަދު ބޮޑުވެފައެވެ.

ޚިޔާލު ފާޅުކުރޭ

This site uses Akismet to reduce spam. Learn how your comment data is processed.