ސިޔާސީ ވެރިންނަކީ މަހުޖަނުންގެ އަޅުންނެވެ.


ކޮންމެ ފަސްއަހަރަކުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިޚާބުކުރަނީ ރައްޔިތުންނެވެ. ރައްޔިތުންގެ މަޖިލިސް އަށް މެމްބަރުން އިންތިޚާބުކުރަނީވެސް ރައްޔިތުންނެވެ. ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމަށް ގާނޫނު އަސާސީގައި ވަނީ ލިޔެފައެވެ. އެހެންވީމާ، މިގައުމުގެ ހުރިހާ ކަމެއްގެ ހުރިހާ ބާރެއް އޮތީ ރައްޔިތުންގެ ކިބައިގައި ކަމަށް ގަބޫލުކުރެވިދާނެއެވެ. ނަމަވެސް މިއީ ހަގީގަތެއް ނެތް ހީކުރުމެކެވެ. މިއީ ސިޔާސީ ވެރިން އަހަރެމެންގެ ސިކުނޑިއަށް ވިސްނައިދީފައިވާ ގޮތެވެ.

ގަބޫލުކުރަން އުނދަގޫވިޔަސް ހަގީގަތަކީ މިގައުމުގެ ތިން ބާރުންކުރެ ކޮންމެ ބާރަކުން ކަމެއް ނިންމިޔަސް، އެނިންމުމެއް ނިންމާފައިވަނީ ނާޖާއިޒު ގޮތުގައި މިގައުމުގެ މުއްސަނދިކަން ފޭރިގެންތިބި ހައެއްކަ މަހުޖަނުންގެ ރުހުމާއެކު، އެމީހުންގެ މަސްލަހަތު ހިމެނިގެންނެވެ.

ހަގީގަތް ގަބޫލުކުރަށްވާށެވެ. ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓް ފާސްކުރާއިރު ރައްޔިތުންގެ ރުހުން ހޯދުމުގެ ބަދަލުގައި “އިންޑަސްޓްރީ” ބޭފުޅުންގެ ރުހުން ބަޖެއްޓަށް ހޯދަނީ ސަބަބުތަކެއް ހުރީމައެވެ. ރާއްޖޭގެ ފޮރިން އެކްސްޗޭންޖްގައި ދަނޑިމާރު އަޅާފައި އޮންނަނީ އާންމު ރައްޔިތުގެ މީހާގެ ފައިދާއަކަށް ނޫނެވެ. އެއީ ރާއްޖެ ވިއްކައިގެން އަހަރެއްގެ މައްޗަށް ނަގަމުންދާ އެތަކެއް ބިލިޔަން ޑޮލަރު ރާއްޖޭގެ މާލީ ނިޒާމަށް ނުވައަދައި، ބްލެކް މާކެޓްގައި އޭގެ ވިޔަފާރިކޮށް، އެމީހުންގެ ޖީބުގައި މިގައުމު ބޭއްވުމަށެވެ.

ވިސްނަވާށެވެ. ތިޔަ ބޭފުޅުން އިންތިޚާބުކުރި ރައީސުލްޖުމްހޫރިއްޔާ އާއި، ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ކެންޕޭނަށް (ތިޔަބޭފުޅާގެ ވޯޓު ގަތުމަށް) ޚަރަދުކުރީ މިގައުމުގެ މުއްސަނދިކަން ފޭރިގެން ތިބި މިދެންނެވި އިންޑަސްޓްރީގެ މަހުޖަނުންނެވެ. ވޯޓު ވިއްކާލި ހިސާބުން ތިޔަބޭފުޅާއާއި، ތިޔަބޭފުޅާގެ ވޯޓުން އިންތިޚާބުކުރި ސިޔާސީ ވެރިން އެވަނީ މަހުޖަނުންގެ އަޅުންނަށް ވެފައެވެ.

ސިޔާސީ ވެރިންގެ މަސައްކަތަކީ އެމީހުންގެ އޯނަރު އިތުރަށް މުއްސަނދިކުރުމެވެ. މިނޫން ގޮތަކަށް މަސައްކަތްކުރާ ސިޔާސީ ވެރިން މަގާމުތަކުން އެކަހެރި ކުރެވޭނެއެވެ. އޯނަރުގެ ބަސްނާހާނަމަ ހުންނަންޖެހޭނީ ޖަލުގައެވެ. ނިޒާމުން ގެއްލުވާލާ، ކޮށާ މަށާލުމަކީ އެމީހުންގެ ސިޔާސަތެވެ.

download

ޚިޔާލު ފާޅުކުރޭ

This site uses Akismet to reduce spam. Learn how your comment data is processed.