މިއަންނަ އަހަރުގެ ބަޖެޓްގައި ހުޅުމީދޫއަށް އޮތީ ކޮންކަމެއް؟


2015 budget

24.3 ބިލިޔަން ރުފިޔާގެ ބަޖެޓްގައި ހުޅުމީދޫއަށް އޮތީ ކޮންކަމެއް؟

ކޮންމެ އަހަރަކުވެސް ބަޖެޓާއި ގުޅިގެން ސަރުކާރުން ރައްޔިތުންނަށް ފޮނި ހުވަފެންތައް ދައްކައެވެ. ވަކިން ޚާއްސަކޮށް ރާއްޖެތެރޭ ރަށްރަށުގައި ދިރިއުޅޭ ނިކަމެތި ރައްޔިތުން މިހުވަފެނުގައި ބޭއްތިއްބުމަކީ ސަރުކާރުތަކުން މާބޮޑަށް ކުރަންބޭނުންވާ ކަމަކެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ރާއްޖޭގެ އާބާދީގެ 2 ލައްކައަށްވުރެ ގިނަ މީހުން ދިރިއުޅެނީ ރާއްޖެތެރޭގައެވެ. މިބައިމީހުން ނިދީން ހޭލައިފިއްޔާ ސަރުކާރަށް ބާރު ބޮޑުވާނެއެވެ. އެހެންކަމުން އެއް އިންތިޚާބުން އަނެއް އިންތިޚާބަށް، އެއް އަހަރުގެ ބަޖެޓުން އަނެއް އަހަރުގެ ބަޖެޓާއި ހަމަޔަށް މިބައިމީހުން ގަދަ ނިދީގައި ބައިތިއްބަން ސަރުކާރުތަކުން ބޭނުންވެއެވެ.

އަނެއް ދިވެހިރާއްޖޭގެ ހުވަފެނުން ތަރައްޤީ ޔަގީން ހުވަފެނަށް ބަދަލުވިތާ އެއް އަހަރު ފުރިއްޖެއެވެ. ކުރިއަށް އޮތީ މެދުއުޑުގައި ޒުވާނުން ފިޔަޖަހާ ހުވަފެނީ އާލަމަށް ކުރާ ދަތުރެވެ. އެހެން ކަމުން މިހުވަފެންތަކާއި ގުޅިފައިވާ ބަޖެޓަށް ބަލައިލުމަކީ ކޮންމެ ރާއްޖެތެރޭ ރައްޔިތަކުވެސް މިއަދު ކުރަންޖެހޭ ކަމެކެވެ. މިލިޔުމުގައި މިބަލާލަނީ ސ.މީދޫ އާއި ސ.ހުޅުދޫ، (ސ.ހުޅުމީދޫ) އަށް 2015 ވަނަ އަހަރު ދައުލަތުގެ ބަޖެޓުން ކުރަން ރާވާފައިވާ ކަންތައްތަކަށެވެ. 24.3 ބިލިޔަން ރުފިޔާގެ ބޮޑު ބަޖެޓަކުން ހާދަ ބައިވަރު ކަންތައްތަކެއް ކުރަން ހުންނާނެތާއެވެ.

ސ.ހުޅުމީދޫއަށް 2015 ގެ ބަޖެޓްގައި މުޅިން އަލަށް ފެށުމަށް ހިމެނިފައިވާ ތަރައްގީގެ މަޝްރޫއުތަކަކީ:

1. ސ.އަތޮޅު މަދަރުސާގެ 4 ކްލާސްރޫމާއި، ލައިބްރަރީ، އޮފީސް ހިމެނޭ 3 ބުރީގެ އިމާރާތް އެޅުމަށް 2015 ވަނަ އަހަރުގެ ބަޖެޓްގައި 130,652.00 ހިމަނާފައިވެއެވެ. ޖުމްލަ 4,352,086.00 ޚަރަދުވާނެ ކަމަށް ބަޖެޓްގައި ހިމަނާފައިވާ މި މަޝްރޫއު ނިމޭނީ 2017 ވަނަ އަހަރުކަމަށް ބަޖެޓްގައި ކަނޑައަޅާފައި ވުމުން ދޭހަވަނީ މިއީވެސް 3 އަހަރުގެ ހުވަފެނީ އިމާރާތެއް ކަމެވެ.

ސ.ހުޅުމީދޫގައި މިހާރު ހިންގަމުންދާ މަޝްރޫއުތަކުގެ ކޮންޓިނުއޭޝަން 2015 ވަނަ އަހަރު ބަޖެޓްގައި ހިމެނިފައިވާ ގޮތް:

1. ސ.ހުޅުމީދޫ ޕޮލިސް ސްޓޭޝަން އިމާރާތުގެ ރިޓެންޝަން ފައިސާ 777,284.00 ރުފިޔާ. މިއީ 2011 ވަނަ އަހަރު ބަޖެޓް ކުރެވި 2013 ވަނަ އަހަރު މަސައްކަތް ފެށިފައިވާ މަޝްރޫއެކެވެ.

2. ސ.މީދޫ މިސްކިތް އިމާރާތްކުރުމަށް 2015 ވަނަ އަހަރުގެ ބަޖެޓްގައި 882,962.00 ރުފިޔާ ހިމަނާފައިވާއިރު، މިއީ 2011 ވަނަ އަހަރުން ފެށިގެން ބަޖެޓް ކުރެވެމުން ޓެންޑަރ ކުރެވެމުން އަންނަ މަޝްރޫޢުއެކެވެ. ނަމަވެސް މިހާތަނަށް މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ފެށިފައި ނުވެއެވެ. 2015 ވަނަ އަހަރުގެ ބަޖެޓްގައި ވާގޮތުން މިސްކިތް އިމާރާތް ކުރުމަށް ޖުމްލަ ހިނގާނެ ޚަރަދަކީ 6,540,462.00 ރުފިޔާއެވެ. ބަޖެޓްގައިވާގޮތުން މިސްކިތް އަޅާ ނިމޭނީ 2017 ވަނަ އަހަރުއެވެ. އެހެން ކަމުން މިސްކިތުގެ ހުވަފެނަކީވެސް އެހާ އަވަހަށް ހަޤީގަތަކަށް ވާނެ ކަމެއްކަމަށް ބެލެވޭނެ ޖާގައެއް ނެތެވެ.

3. ސ.ހުޅުމީދޫ ބަނދަރު ހެދުމުގެ މަޝްރޫއަށް 2015 ވަނަ އަހަރު ބަޖެޓްގައި 11,258,797.00 ރުފިޔާ ހިމަނާފައިވާއިރު، މިއީ 2011 ވަނަ އަހަރު ފެށިގެން ކުރިއަށްދާ މަޝްރޫއެކެވެ.

4. ސ.ހުޅުދޫ ސްޕޯޓްސް އެރީނާ ގާއިމުކުރަން 2015 ވަނަ އަހަރުގެ ބަޖެޓްގައި 1,500,000.00 ރުފިޔާ ހިމަނާފައިވާއިރު، މީދޫގައި ސްޕޯޓްސް އެރީނާއެއް ގާއިމްކުރުމަށް 1,000,000.00 ރުފިޔާ ބަޖެޓްގައި ކަނޑައަޅާފައިވެއެވެ. މިއީ 2014 ވަނަ އަހަރުން ފެށިގެން ހިންގަމުން އަނަން މަޝްރޫއެކެވެ. 2016 ވަނަ އަހަރު ނިމޭނެކަމަށް ބަޖެޓްގައި ހިމަނާފައިވާ ސްޕޯޓްސް އެރީނާ އަކީ ފުޓްސަލް ކުޅޭ ދަނޑެއް އެޅުންނަމަ، އެކަން އެދަނީ ކުރިއަށެވެ. ސްޕޯޓްސް އެރީނާއަކީ ހުވަފެނެކެވެ.

މިދަންނަވާލެވުނީ ބަޖެޓްގައި ސ.ހުޅުމީދޫ އަށް ޚާއްސަކުރެވިގެން 2015 ވަނަ އަހަރު ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކެވެ. މީގެ ތެރެއިން އަލަށް ފެށުމަށް ބަޖެޓް ކުރެވިފައިވަނީ ހަމައެކަނި ސ.އަތޮޅު މަދަރުސާގެ ކްލާސްރޫމް އިމާރާތެވެ. ދެން މިބަލާލަނީ، މުޅި އައްޑޫ ހިމެނޭ ގޮތަށް ބަޖެޓްގައި ހިމަނާފައިވާ މަޝްރޫއުތަކަށެވެ. މުޅި އައްޑޫއަށް ކަނޑައަޅާ މަޝްރޫއުތަކުގައި އައްޑޫގެ 2 ރަށް ކަމަށްވާ ހުޅުދޫ އަދި މީދޫ (ހުޅުމީދޫ) ވެސް ހިމެނޭނެކަމަށް ގަބޫލުކުރެވޭތީއެވެ.

1. އައްޑޫ ސިޓީގެ މަގުތައް ހެދުން – ފޭސް 1 ގެ ރިޓެންޝަން ފައިސާގެ ގޮތުގައި 2015 ވަނަ އަހަރުގެ ބަޖެޓްގައި 49,821,771.00 ރުފިޔާ ހިމަނާފައިވާއިރު، އައްޑޫ ސިޓީ މަގުތައް ހެދުން – ފޭސް 2 އަށް 16,322,191.00 ހިމަނާފައިވެއެވެ. މަގު ހެދުމުގެ ފޭސް 2، މިއީ މިހާރުވެސް ކުރިއަށްދާ މަޝްރޫއެއް ކަމަށް ބަޖެޓްގައި ބުނެފައިވެއެވެ. ނަމަވެސް މަގު ހެދުމުގެ ފޭސް 1 ނިމި އެމަޝްރޫއުގެ ރިޓެންޝަން ފައިސާ ބަޖެޓްގައި ހިމަނާފައިވާއިރު، ހުޅުދޫ މީދޫގެ އެއްވެސް މަގެއް ރަނގަޅު ފެންވަރަކަށް ހަދާފައިނުވެއެވެ. މީގެ އިތުރުން ފޭސް 2 ގެ މަސައްކަތް ހިނގަމުންދާކަމަށް ބުނެފައިވިޔަސް ޔަގީނުންވެސް ހުޅުދޫ މީދޫގައި މަގު ހެދުމުގެ އެއްވެސް މަސައްކަތެއް ކުރެވެމުން ނުދެއެވެ.

2. ޕްރޮވިންޝަން އޮފް ވޯޓަރ ސަޕްލައި އެންޑް ސްވަރޭޖް ފެސިލިޓީސް އިންދި އައިލެންޑްސް (އޯފިޑް ފޭސް 2 – ލޯކަލް ކޮންޕޯނަންޓް) މިއީ އޯޕެކް ފަނޑް ފޮރ އިންޓަނޭޝަލަން ޑިވެލޮޕްމަންޓް (އޯފިޑް) ގެ ލޯނު އެހީއިން އަލަށް ހިންގުމަށް ކަނޑައަޅާފައިވާ މަޝްރޫއެކެވެ. މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ ހއ، ހދ، ށ، ނ، ރ، ބ، ޅ، ކ، އއ، މ، ފ، ދ، ތ، ލ، ގއ، ގެ އިތުރުން ސ.އަތޮޅުގެ ރަށްތަކުގައެވެ. މި މަޝްރޫއުގެ ލޯކަލް ކޮންޕޯނަންޓްގެ ގޮތުގައި 2015 ވަނަ އަހަރުގެ ބަޖެޓްގައި 10,000,000.00 (ދިހަ މިލިޔަން ރުފިޔާ) ޖަހާފައިވީނަމަވެސް، ލޯނު އެހީގެ ދަށުން މިގޮތަށް ހިންގުމަށް ކަނޑައަޅާ މަޝްރޫއުތަކަކީ، ޔަގީންކަން ކުޑަ މަޝްރޫއުތަކެކެވެ. މީގެ މިސާލަކީ 2011 ވަނަ އަހަރު ޗައިނާ އެގްޒިމް ބޭންކުގެ ލޯނު އެހީގައި އައްޑޫގައި އެޅުމަށް ކަނަޑައެޅި 700 ފުލެޓްގެ މަސައްކަތް މިހާތަނަށްވެސް ފެށިފައިނުވާއިރު، މި މަޝްރޫއުތެރޭގައި ހިމެނޭ ޕުލެޓްތައް ހުޅުމާލެއަށް ބަދަލުކޮށް، އިހަކަށްދުވަހު ހުޅުމާލޭގައި ފުލެޓް އެޅުމުގެ މަޝްރޫއު ސަރުކާރުން ފައްޓަވާފައިވުމެވެ.

މަތީގައި ބަޔާންކޮށްފައި އެވަނީ އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫއަށް 2015 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނާފައިވާ މަޝްރޫއުތަކުގެ ތަފްސީލެވެ. އަޅުގަނޑު އެދެނީ ރާއްޖެތެރޭ ހުރިހާ ރަށެއްގެ ރައްޔިތުންވެސް އެރަށަކަށް 2015 ގެ ބަޖެޓްގައި ހިމެނިފައިވަނީ ކޮންކަމެއްތޯ ބެއްލެވުމެވެ. ސިޔާސީ ފަރާތްތަކުން ދައްކަވާ ވާހަކަތަކަށް އެކަނި ބަރޯސާވެގެން ތިބުމަކީ އަހަރެމެންގެ މައްސަލަތަކަށް ހައްލު ހޯދޭނޭ ގޮތެއް ނޫނެވެ. މައްސަލަތައް އުފައްދަނީ އެމީހުންނެވެ. މައްސަލަތައް އުފައްދަނީ އަޅުވެތި ކުރުމަށެވެ.

ރާއްޖޭތެރޭ ޒުވާނުންނެވެ. ހޭލާށެވެ. މި ބަޖެޓާއި ތިޔަ ޒުވާނުންގެ މުސްތަގުބަލާއި، ތިޔަކުރައްވާ އުއްމީދުތަކާއި އެއްވެސް ގުޅުމެއްވޭ ހެއްޔެވެ؟ ރާއްޖެތެރޭ މަސްވެރިންނެވެ. މިއީ ތިޔަބޭފުޅުން އުއްމީދު ކުރެއްވި ކަހަލަ ބަޖެޓެއް ހެއްޔެވެ؟ ލޫޓުވުމާއި އެއްވަރަށް ސަރުކާރުން ޓެކްސް ނަގަމުންދާއިރު، މިއީ ތިޔަބޭފުޅުންނަށް ހައްޤުވާ މިންވަރު ތޯއެވެ؟ ސުވާލު ކުރަށްވާށެވެ. ނިދިން ހޭލާށެވެ.

ޚިޔާލު ފާޅުކުރޭ

This site uses Akismet to reduce spam. Learn how your comment data is processed.