ލާމަރުކަޒު ކުރުމުގެ ނަމުގައި އަޅުވެތިކުރުން – 4


laamarukazee

އައްޑޫއަށް ސިޓީއެއްގެ ދަރަޖަދެއްވީ ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީން ލިބިދީފައިވާ ބާރުގެ ދަށުން ރައީސް މުޙައްމަދު ނަޝީދުއެވެ. އައްޑޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް އައްޑޫއާއި މާލޭގައި މުޒާހަރާތައްކުރެވުނުވެ. އައްޑޫ ސިޓީ ކައުންސިލް އިންތިޚާބު ބޭއްވުމާއި ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ކޯޓަށް ދިޔައެވެ. އިންތިޚާބު ބާއްވަން އޮތް ދުވަހުގެ ކުރީ ރޭ ސުޕްރީމް ކޯޓުން ކުރި ހުކުމަކާއެކު، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުން ބާރު ލިބިގެން، އިލެކްޝަން ކަމިޝަނުން އައްޑޫ ސިޓީ ކައުންސިލްގެ އިންތިޚާބު ބާއްވައި 26 ފެބްރުއަރީ 2011 ވަނަ ދުވަހު ޤާނޫނީގޮތުން އައްޑޫ ސިޓީ ކައުންސިލް އުފެދުނެވެ.

ނަމަވެސް ކައުންސިލަށް 3 އަހަރު ފުރިގެންދާއިރު، އައްޑޫއަށް ސިޓީއެއްގެ ދަރަޖަ ސަރުކާރުން ދެއްވާފައިވާކަމާއި، ސިޓީއަކުން ލިބެންޖެހޭ ޚިދުމަތްތައް އައްޑޫން ލިބެންޖެހޭނެކަމާއި، ސިޓީ ކައުންސިލަކަށް ލިބެންޖެހޭ ބާރުތަކާއި އިޚްތިޔާރުތައް އައްޑޫ ސިޓީ ކައުންސިލަށް ދައުލަތުން ދޭންޖެހޭނެކަން ދައުލަތުގެ އެއްވެސް ބާރަކަށް ކަށަވަރު ނުވިއެވެ.

އެއްމެ ފުރަތަމަ ކަމަކީ، އައިޑީ ކާޑު އިސްލާހުކުރުމުގެ މައްސަލައެވެ. ޑީ.އެން.އާރުން ބުނީ، ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އައްޑޫގެ 6 ރަށް އެއްރަށެއްގެ ގޮތުގައި ހަމަޖައްސަވައި، ސިޓީއެއްގެ ދަރަޖަ ދެއްވިކަން އެޑިޕާޓްމަންޓަށް އަންގަވާފައިނުވާ ކަމަށެވެ.

ދެވަނަކަމަކީ، ސަރުކާރުގެ މިނިސްޓްރީތަކުން އައްޑޫ ސިޓީ ކައުންސިލަށް ފޮނުވާ ސިޓީ ބިޓީ މެސެޖްތައް އެޑްރެސްކޮށްފައި ހުންނަގޮތެވެ. ބައެއް މިނިސްޓްރީތަކުން، އައްޑޫގެ ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް އޮންނަކަމަށްދެކި، މުއާމަލާތް ކުރެއެވެ. އަނެއްބައި މިނިސްޓްރީތަކުން ފޮނުވާ ލިޔެކިއުންތަކުގައި، ސިޓީ ކައުންސިލުގެ ރައީސަށް އެޑްރެސްކޮށް، ސިޓީގެ ބެލުމުގެ ދަށުގައިވާ ރަށު ކައުންސިލްތަކަށް ލިޔުންތައް ފޮނުވައެވެ.

ޖުޑިޝަލް ދާއިރާއިން އެއްގޮތަކަށްވެސް އައްޑޫ އަކީ ސިޓީއެއްކަމަށް ނުވަތަ ސިޓީއެއްގެ ދަރަޖަ ދެއްވާފައިވާ ރަށެއްކަމަށް ގަބޫލެއްނުކުރެއެވެ. ހަރަށުގެ ނަމުގައި މިހާރުވެސް އެގެންދަވަނީ މެޖިސްޓްރޭޓް ކޯޓުތައް ހިންގަވަމުންނެވެ.

ޤާނޫނު ހަދާ މަޖިލީހުން އައްޑޫ ސިޓީއަށް ފާސްކޮށްދެއްވާ ބަޖެޓް އައްޑޫއަށްވުރެ އާބާދީ މަދު އަތޮޅުތަކުގެ ބަޖެޓަށްވުރެ ކުޑައެވެ. އެމަޖިލީހުން ދެކޭގޮތުގައި އައްޑޫއަކީ އަތޮޅެކެވެ.

ދެން ބަލަންޖެހެނީ ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ބާރުތަކާއި އިޚްތިޔާރުތައް އައްޑޫ ސިޓީ ކައުންސިލަށް ލިބިފައިވޭތޯއެވެ. 7 ޖެނުއަރީ 2010 ވަނަ ދުވަހު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ފޮނުއްވި ސިޓީއެއްގައި އައްޑޫ ސިޓީގެ މޭޔަރ އަލްފާޟިލް އަބްދުﷲ ޞާދިގަށް އެޑްރެސްކޮށް ބުނެފަައިވަނީ “ތިޔަ އަތޮޅުގެ ފަޅުރަށެއް ކަމުގައިވާ ސ.ގޮމަހެރަ، 1 ޖެނުއަރީ 2014 އިން ފެށިގެން މިނިސްޓްރީ އޮފް ޓޫރިޒަމާ ޙަވާލުކުރެވިފައިވާތީ، ތިޔަ އިދާރާގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.” ސިޓީ ނިންމާލަމުން ބުނެފައިވަނީ “ވީމާ މިކަން ތިޔަ އަތޮޅުގެ ހުރިހާ ރަށަކަށް އަންގަވައި ދެއްވުން އެދެމެވެ.”

ލާމަރުޒުކުރުމުގެ ކުރީން މިބާވަތުގެ ކަންކަން މިނިސްޓްރީތަކުން ކުރައްވާއިރު އެއަތޮޅެއްގެ ހުންނަ އަތޮޅުވެރިޔާއާއި މަޝްވަރާކުރައްވައި ގުޅުން ހުންނަ ރަށެއްގެ ރަށު ކަތީބާ މަޝްވަރާކުރެއެވެ. މަޝްވަރާކުރަންޖެހޭ ސަބަބަކީ، އޭރުވެސް ރަށުގެ ނުވަތަ އަތޮޅުގެ ރައްޔިތުން ސުވާލުކުރަން ހުންނަ މީހަކީ އަތޮޅުވެރިޔާ ނުވަތަ ކަތީބު ކަމަށްވާތީ، އެބޭފުޅުންނަށް އެކަންކަމާގުޅޭ ފުރިހަމަ މަޢުލޫމާތު ދިނުމުގެ ބޭނުމުގައެވެ. ނަމަވެސް ލާމަރުކަޒު ކުރުމުން، ކައުންސިލްގެ އިހްތިސާސްތަކާއި، ބާރުތަކާއި އިޚްތިޔާރުތައް އެއްފަރާތްކޮށްލުމަށްފަހު، މިނިސްޓްރީއަށް ފެންނަގޮތަކަށް އަމަލު ކުރެއްވުމަށްފަހު، މަޢުލޫމާތައްޓަކައި ދެންނެވީއެވެ. އަދި ސިޓީގެ ދަށުގައިވާ އަތޮޅުގެ ހުރިހާ ރަށަކަށްވެސް އެވާހަކަ އަންގަވައިދެއްވުން އެދި ދެންނެވީއެވެ.

އައްޑޫ އަށް ސިޓީއެއްގެ ދަރަޖަ ދެއްވި ސަރުކާރުން ފެށިގެން، ވަހީދުގެ ސަރުކާރު ނިމި ޔާމީނުގެ ސަރުކާރުގެ 100 ދުވަސް ނިމިގެން މިދަނީއެވެ. ތަންފީޒުކުރަމުންދަނީ އެއްމެ ސިޔާސަތެކެވެ. ލާމަރުކަޒު ކުރުމުގެ ނަމުގައި އިތުރަށް ރައްޔިތުން އަޅުވެތިކުރުމެވެ. މާލޭގެ ތޮއްޖެހުން ކުޑަކުރަން އިތުރަށް މާލެއަށް މީހުން ޖަމާކުރުމާއި، ދައުލަތުގެ ބަޖެޓް (ޕީއެސްއައިޕީ) މިނިސްޓްރީތަކާއި ހަވާލުކޮށްގެން ހިންގުމެވެ.

ޚިޔާލު ފާޅުކުރޭ

This site uses Akismet to reduce spam. Learn how your comment data is processed.