ސަރުކާރުގެ ވެރިންނަށް ސަނާކިޔުމަކީ އަހަރެން އަބަދުވެސް ދެކޮޅު ހަދާކަމެކެވެ.


އަހަރެންނަކީ އެއްވެސް އިރެއްގައި ސަރުކާރުތަކަށް ސަނާ ކިޔާ މީހެއް ނޫނެވެ. މައުމޫނުގެ ދިގު ތިރީސް އަހަރުގެ ވެރިކަމުގައި ވޯޓްލާން ޖެހުނު ދެފަހަރުވެސް ފާޅުގައި އޭނާގެ އަނިޔާވެރިކަމާއި ދެކޮޅަށް ވޯޓްލީމެވެ. އެ ދެފަހަރުވެސް ވަޒީފާ އަދާކުރަމުންދިޔަ ރިސޯޓުން ވަޒީފާ ގެއްލުވާލާނެ ކަމުގެ ބިރު ދެއްކިއެވެ. މެނޭޖަރަށް އަހަރެން ދިން ޖަވާބަކީ ވަޒީފާއަށްޓަކާ އަނިޔާވެރިކަމަށް އާއެކޭ ނުބުނާނެ ކަމަށާއި، ވަޒީފާއިން ވަކި ކުރަން ފެންނަނަމަ އެކަން ކުރުމަށެވެ. އޭގެ ފަހުން ރާއްޖޭގެ ވެރިކަމާއި ހަވާލުވި ރައީސް ނަޝީދުގެ ސަރުކާރާއި ދެކޮޅަށް އަޑުއުފުލަން ޖެހުމުން އެކަންވެސް ކުރީމެވެ. ހަމައެއާއެކު ރައީސް ނަޝީދު އައްޔަންކުރި ކައުންސިލަރެއްގެ މަގާމުގައި ހުރިއިރުވެސް އަދި އޭގެ ފަހުން ރައްޔިތުން އިންތިޚާބުކުރި ކައުންސިލަރެއްގެ މަގާމުގައި ހުރެވެސް ރައްޔިތުންގެ ހައްގުގައި އަޑު އުފުލީމެވެ.

ސަރުކާރުގެ ވެރިންނަށް ސަނާކިއުމަކީ އަހަރެން އަބަދުވެސް ދެކޮޅު ހަދާކަމެކެވެ. އެހެނީ ސަރުކާރުގެ މަގާމް ތަކުގައި ތިއްބަވާ ބޭފުޅުންނަކީ ރައްޔިތުންގެ ފައިސާއިން މުސާރައާއި އެލަވަންސްތައް ނަންގަވައިގެން ތިއްބަވާ ރައްޔިތުންގެ ޚާދިމުންނެވެ. ނަމަވެސް ސަރުކާރުތަކުގެ ވެރިން މިކަން ދެކެނީ މިއާއި މުޅިން އިދިކޮޅަށެވެ. މިކަން އަޅުގަނޑަށް ތަޖުރިބާ ކުރެވުނީ 2010 ވަނަ އަހަރު ހުޅުމީދޫގައި ބޭއްވި ދަނޑުވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. ރައީސް ނަޝީދު އައްޔަންކޮށްފައިވާ މީދޫގެ ކައުންސިލަރގެ މަގާމުގައި ހުރެ އަޅުގަނޑަށް ޖެހުނީ އެޖަލްސާގައި ޝުކުރުގެ އައިޓަމް ފުރިހަމަކުރާށެވެ. އޭރުގެ ނައިބްރައީސް ވަހީދު ޝަރަފުވެރިކޮށްދެވި އެޖަލްސާގައި އޭރުގެ އެގްރިކަލްޗަރ މިނިސްޓަރ ޑރ.ޑީޑީ އާއި އެމިނިސްޓްރީގެ އިސްވެރިން ބައިވެރިވިއެވެ. އެޖަލްސާއަށް ފަހު ޖެހިގެން އައި ދުވަހު އޭރުގެ ހުޅުމީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު އަޅުގަނޑަށް ފޯނުކޮށްފައި، ޝުކުރުގެ ލިސްޓްގައި ޑރ.ޑީޑީގެ ނަން ވަކިން ފާހަގަ ނުކުރީ ކީއްވެގެންތޯ ސުވާލުކޮށް ނުރުހުން ފާޅުކުރިއެވެ. އަޅުގަނޑު ދިންޖަވާބަކީ ޑރ.ޑީޑީ އާއި އަޅުގަނޑަކީވެސް ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ރައްޔިތުންނަށް ޚިދުމަތްކުރަން ތިބި ޚާދިމުން ކަމަށާއި، ރަށުގެ ތަރައްޤީއަށް ކަންކަން ވާންޖެހޭނީ ސަރުކާރުގެ ވެރިންނަށް ޅެންބަހުރުވައިން ޝުކުރުގެ ސަނާ ކިޔައިގެން ނޫން ކަމަށެވެ. 2008 ގައި ރައީސް ނަޝީދުއަށް އަޅުގަނޑު ވޯޓް ދިނީވެސް ސަނާކިޔާ ނިޒާމް ބަދަލުކުރުމަށް ކަމަށާއި، ސަރުކާރުގެ ވެރިންނަށް ސަނާ ނުކިޔައިގެން ކައުންސިލަރު ކަމުން ވަކި ކުރިޔަސް ފަރުވާލެއް ނެތްކަމަށްވެސް ބުނީމެވެ.

2003 ވަނަ އަހަރުން ފެށިގެން ސިޔާސީ ކަންކަމުގައި އުޅެން ފެށިފަހުން އަބަދުވެސް އަޅުގަނޑު ވަކާލާތުކޮށްފައިވާނީ، ބޭއިންސާފުން ކުރެވޭކަންކަމާއި ދެކޮޅަށެވެ. އެމްޑީޕީ ޓިކެޓްގައި އައްޑޫ ސިޓީ ކައުންސިލަށް ހުޅުމީދޫ ރައްޔިތުން އިންތިޚާބު ކުރި ކައުންސިލަރގެ ހައިސިއްޔަތުން، އެމްޑީޕީ މެޖޯރިޓީ ކައުންސިލެއްގައި، އެމްޑީޕީ ސަރުކާރާއި ދެކޮޅަށް ޚިޔާލު ފާޅުކުރުމަކީ ކިހާވަރެއްގެ ކަމެއްކަން އަޅުގަނޑަށް ތަޖުރިބާ ކުރެވުނީ ހުޅުމީދޫ ރައްޔިތުންނަށް އާސަންދައިގެ ޚިދުމަތް ނުލިބޭތީ ކައުންސިލަށް އަޅުގަނޑު ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ. އަޅުގަނޑު ހުށަހެޅި މައްސަލައާއި ޖެހުމުން ކައުންސިލް ބައްދަލުވުން މެދުކަޑާލިއެވެ. އަދި އަޅުގަނޑު ހުށަހެޅި ގޮތަށް ކައުންސިލުން އެކަން ފާސްކޮށްފިނަމަ ސަރުކާރަށް ޕްރެޝަރ ބޮޑުވާނެ ކަމަށާއި އެހެންކަމުން އެކަން ކޮންމެވެސް އެހެން ގޮތަކުން ހައްލުކުރުމަށް މޭޔަރ ވިދާޅުވިއެވެ.

މީގެ އިތުރުން 17 ވަނަ ސާކް ސަމިޓާއި ގުޅިގެން އައްޑޫގައި ކުރިއަށް ގެންދިޔަ އުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކާއި ހަވާލުވި އެސް.ޔޫ.އެލްއާއި ކައުންސިލާއި ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި އަޅުގަނޑު ވަރަށް ބޮޑަށް ކުށްވެރިވިއެވެ. ވަކިން ޚާއްސަކޮށް ހުޅުމީދޫ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދަން އެސްޔޫއެލްއިން އުޅުނުގޮތް ރަނގަޅު ނޫންކަމަށް އަޅުގަނޑު ބުނީމެވެ. ނަތީޖާއެއްގެ ގޮތުން ކައުންސިލުން އަޅުގަނޑު ވަކި ކުރުމުގެ މަސައްކަތް ހުޅުމީދޫގެ އެމްޑީޕީ އެކްޓިވިސްޓުން ފެއްޓެވިއެވެ. އެގޮތުން އަޅުގަނޑު ޕާޓީން ވަކިކުރުމަށްޓަކައި ޕެޓިޝަނެއް ހަދައިގެން ހުޅުމީދޫ އެމްޑީޕީ މެމްބަރުންގެ ސޮއި ހޯދުމުގެ މަސައްކަތްކުރިއެވެ. ނަމަވެސް އޭރުގެ އެމްޑީޕީ ޗެއާޕާސަން އެކަން ހުއްޓުވިއެވެ. އޭރު ލާމަރުކަޒީ ގާނޫނު ބުނާގޮތުން ޕާޓީގެ ޓިކެޓްގައި އިންތިޚާބުވެފައިވަނިކޮށް ޕާޓީން ވަކިކޮށްފިނަމަ ކައުންސިލް ގޮނޑި ގެއްލޭނެއެވެ.

އެމްޑީޕީގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު ދެންވެރިކަމާއި ހަވާލުވި ވަހީދުގެ ވެރިކަމުގައި ވެސް ކައުންސިލްގައި އަޅުގަނޑު މަސައްކަތްކުރީ ސިޔާސީ ނުފޫޒުން އެއްކިބާވެ ރަށުގެ ތަރައްޤީއަށް މަސައްކަތްކުރުމަށެވެ. ވަހީދުގެ ވެރިކަމުގައި ހުޅުމީދޫ ޕޮލިސް ސްޓޭޝަން އާއިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އައްޑޫ ސިޓީ ކައުންސިލް ތަމްސީލުކުރީ އަޅުގަނޑެވެ. އެކަން އެމްޑީޕީގެ އެކްޓިވިސްޓުންނަށް ހަޖަމް ނުވިއިރު، ހުޅުމީދޫގެ މަގު ހެދުމުގެ މަޝްރޫޢު ދެވަނަ ފަހަރަށް ރައީސް ވަހީދު ވަޑައިގެން އިފްތިތާހު ކުރި ބައްދަލުވުމުގައި އަޅުގަނޑު ބައިވެރި ނުވުމުން އެކަން އެމްޑީޕީއާއި އިދިކޮޅު މީހުންނަށް ބަލައިގަންނަން އުނދަގޫވިއެވެ. އެބައްދަލުވުމުގައި އަޅުގަނޑު ބައިވެރިނުވީ އެއީ ސިޔާސީ ބައްދަލުވުމެއްކަން އަޅުގަނޑަށް އެނގޭތީއެވެ. އަދި އެ މަޝްރޫޢާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ކައުންސިލާއި ހިއްސާކޮށްފައި ނުވާތީއާއި، އެބައްދަލުވުމުގެ އެޖެންޑާގައި ރައްޔިތުންގެ ފަރާތުން ޝުއޫރު ފާޅުކުރަން ރައްޔިތުން އިންތިޚާބުކޮށްފައި ހުރި ކައުންސިލަރަށް އެޖެންޑާއިން ފުރުސަތު ދީފައި ނުވާތީއެވެ.

ވަހީދުގެ ވެރިކަމަށް ފަހު ޔާމީނު ވެރިކަމާއި ހަވާލުވުމަށްފަހު އައްޑޫއަށް ކުރި ފުރަތަމަ ދަތުރުގައި، ޔާމީންއަށް މަރުހަބާކިއުމަށް އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރގެ ހައިސިއްޔަތުން އަޅުގަނޑު އެއާޕޯޓަށް ދިޔާމެވެ. އެދަތުރުގެ މައުލޫމާތު އައްޑޫ ސިޓީ ކައުންސިލާއި ހިއްސާކޮށްފައި ނުވާތީ، ކައުންސިލްގެ ޑިރެކްޓަރ މެދުވެރިކޮށް ރައީސް އޮފީހަށް ގުޅައިގެން، ދަތުރު ތާވަލް ހޯދައި ރައީސް ޔާމީން ވަޑައިގަންނަވާ ހުރިހާ އަވަށެއްގެ އަވަށު އޮފީސްތަކަށް އެދަތުރުގެ މައުލޫމާތު ހިއްސާކުރީމެވެ. އަދި ރައީސް އަށް މަރުހަބާ ދެންނެވުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް އަވަށު އޮފީސްތަކަށް އެންގީމެވެ. މީގެ އިތުރުން އަވަށު އޮފީސްތަކުގެ ވެރިންނަށް އަޅުގަނޑު އަމިއްލަޔަށް ފޯނުކޮށް ރައީސްގެ ދަތުރުގެ އެންމެހާ އިންތިޒާމްތައް ކުރިއަށް ގެންދިއުމަށް ދެންނެވީމެވެ.

ކައުންސިލްގެ ދެވަނަ ދައުރުގެ ކެންޕޭންގައި އެމް.ޑީ.ޕީ ޓިކެޓްގައި ވާދަކުރެއްވި އަލީ މުހައްމަދުގެ ކެންޕޭން ކާމިޔާބުކުރުމަށްފަހު، ދެން އަޅުގަނޑު މަސައްކަތްކުރީ ރައްޔިތުންގެ މަޖްލިސް މީދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށެވެ. މީދޫ އަކީ އެމްޑީޕީގެ މެޖޯރިޓީ ރަށެއް ކަމަށް ނުވުމާއެކު، އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިއްތިހާދުވެގެން އޮތް ޖުމްހޫރީ ޕާޓީގެ ތާއީދު ބޮޑު ރަށަކަށް މީދޫ ވެފައިވާތީވެ، އެޕާޓީގެ މަޖިލިސް ޓިކެޓް އަޅުގަނޑަށް ހުށަހެޅިއެވެ. ޤާސިމް އިބްރާހިމްގެ އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި، ޤާސިމްގެ އިތުރުން ބައިވެރިވެވަޑައިގަތީ އޭރު އެޕާޓީއާއި ގުޅިވަޑައިގެން ހުންނެވި ޑރ.ޑީޑީއެވެ. އެބައްދަލުވުމުގައި އަޅުގަނޑު ޤާސިމް އިބްރާހިމް އަށް ދިން ޖަވާބަކީ، ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށްޓަކާ އަޅުގަނޑުގެ ނަފްސް ވިއްކާނުލެވޭނެ ވާހަކައެވެ.

އަޅުގަނޑު އަބަދުވެސް ގަބޫލުކުރަނީ، މަހުޖަނުންގެ އަތްދަށުން މަޖިލިސް ސަލާމަތްކުރެވިގެން ނޫނީ، ދިވަހި ރައްޔިތުންނަށް ހައްޤުވާ މިންވަރު ނުލިބޭނެ ކަމެވެ. އަދުލު އިންސާފު ޤާއިމް ނުކުރެވޭނެ ކަމެވެ. އެހެންކަމުން އަޅުގަނޑު ނިންމީ މީދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބުކުރާ ކެންޑިޑޭޓަށް މަޖިލިސް ގޮނޑި ކާމިޔާބުކޮށްދިނުމަށެވެ. އެގޮތުން ޕްރައިމަރީ ކާމިޔާބު ކުރި ރޮޒައިނާ އާދަމްގެ ކެންޕޭން މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކޮށް އެމްޑީޕީއަށް އެގޮނޑި ކާމިޔާބު ކުރެވުނެވެ. އެހިސާބުން ދެން އަޅުގަނޑުގެ ވިސްނުން ހުރީ، ސިޔާސީ މައިދާނުން ދުރަށް ޖެހިލައި މީދޫގެ ދަނޑުވެރިންނާއެކު ފެށި މަސައްކަތް ކުރިޔަށް ގެންދިއުމުގައި ދެމިހުރުމަށެވެ. ނަމަވެސް އަޅުގަނޑަކީ އަބަދުވެސް ބޭއިންސާފުން ކުރެވޭ ކަންކަމާއި، ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަންތަކާއި ދެކޮޅަށް ވަކާލާތު ކުރާ މީހަކަށްވާތީ، އަޅުގަނޑުގެ ބްލޮގް މެދުވެރިކޮށް މިކަންކަމާއި ދެކޮޅަށް ޝުއޫރުފާޅުކުރަމުން ގެންދަން ފެށީމެވެ. ނަތީޖާއަކަށް ވެގެންދިޔައީ، ޔާމީނުގެ ސަރުކާރަށް މިކަން ހަޖަމްކުރަން އުނދަގޫވެ، ސިޔާސީ ދައުވާއެއް އަޅުގަނޑުގެ މައްޗަށް އުފުލައި، އަޅުގަނޑު ޖަލަށް ލުމުގެ މަސައްކަތް ސަރުކާރުން ކުރަން ފެއްޓުމެވެ. މިގޮތުން އަޅުގަނޑާއި އެއްވެސް ގުޅުމެއް ނެތް ކަމެއްގެ ތުހުމަތު އަޅުގަނޑު ބޮލުގައި އަޅުވައި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ވަނީ ހުށަހަޅާފައެވެ.

މިގައުމުގެ ވެރިކަން ކުރަމުން އަންނަ އަނިޔާވެރި ވެރިންނޭވެ. ތިޔަ ކުރަށްވާ ބާތިލް ދައުވާއިން ރެކެން ވެގެން ތިޔަ އަނިޔާވެރިންގެ ކުރިމަތީގައި އަޅުގަނޑު ކުޑަކަކޫ ޖަހާނެކަމަށް ހީކުރުމަކީ ގޯހެކެވެ. މަހުޖަނުންގެ އަޅުންގެ ގޮތުގައި ތިބެގެން ތިޔަ ކުރާ ވެރިކަމަކީ ބާތިލް ވެރިކަމެކެވެ. ތިޔަ ގަތަމުންދާ ފަސާދައިގެ ޗޭނު ފުނޑާލާނެ ސަރުކާރެއް އަޅުގަނޑުމެން ހޯދާނަމެވެ. މިގައުމުގެ ހަގީގީ ވެރިންނަކީ މިގައުމުގެ ރައްޔިތުނެނެވެ.

ސިޔާސީ ފަރާތްތަކަށް ހަޖަމްނުކުރެވޭ ލިޔުންތައް:

މައުމޫނުގެ ވެރިކަމުގައި:

ކުރިންވެސް ވޯޓް ވިއްކި އުސޫލުން މިފަހަރުވެސް އަޅުގަޑުމެން ވޯޓް ވިއްކާލާނީހެއްޔެވެ؟

ވޯޓުދެއްވުމުގައި އަމިއްލަ ނަފްސަށް ޚިޔާނާތްތެރިވީމުތޯއެވެ؟

ތިޔަބޭފުޅުންގެ ރަށް ކިހިނެއްތޯއެވެ؟

ރިޔާސީ އިންތިޚާބުގެ ދެވަނަބުރާއި ދިމާކޮށް މީދޫއަށް ގިނައަދަދަކަށް ޑުރަގް އެތެރެކުރަމުން އެބަދޭ

މީދޫ ލައިވް.ކޮމް ގައި އަޅުގަނޑު ލިޔެފައިވާ ބައެއް ލިޔުންތައް ބައްލަވާލައްވާ!

ނަޝީދުގެ ވެރިކަމުގައި:

ރިޔާސީ ނިޒާމެއްގައި ބަރުލަމާނީ ސަރުކާރެއް

ހައްގު ހޯދުމަށްޓަކައި އެކަކު އަނެކެއްގެ ކިބައިން ހިތްވަރުހޯދައި ބިރުފަހަނަޅައިދާށެވެ

 މިއަތޮޅުގެ ގުދުރަތީ ވަސީލަތްތަކުން ނަފާ ހޯދުމުގެ ހައްގު މިއަތޮޅުގެ ރައްޔިތުންނަށް ލިބިގެންވެއެވެ.

ސާފު ބޯފެނަށް ސަލާންޖެހުން: ކަޅުހަމާއި އިލޮށިފަތީގެ ސިޔާސަތު

ކަޅުހަން ދޫކޮށް ސާފު ބޯފެނަށް އެދޭކަށް ނުވޭހެއްޔެވެ؟

ދުނިޔޭގެ ފެނުގެ ދުވަސް 2009: ކޮންމެ ގެޔަކަށް އަތައްހެޔޮވަރު އިލޮށިފައްޗަކާއި ކަޅުހަމެއް

ރިޝްވަތު ދިނުމާއި ރިޝްވަތުގައި ހިފުން އާއްމުވެފައި

ރައީސް ނަޝީދު އައްޔަންކުރި ކައުންސިލަރގެ މަގާމުގައި ހުރެގެން ލިޔެފައިވާ ބައެއް ލިޔުންތައް:

މިގައުމުގެ ކޮންމެ ރައްޔިތަކަށް ވެސް ސަރުކާރަށް ފާޑު ކިޔޭނެއެވެ. އަދި ފާޑުކިޔަން ޖެހޭނެއެވެ.

ކަންކަން ކުރަން ނޭނގުމަކީ ރައްޔިތުންގެ ކުރިމަތީގައި އިތުރުފުޅު ހައްދަވަންޖެހޭ ސަބަބެއް ނޫނެވެ.

ކަންކަން ކުރަން ނޭނގުމަކީ ރައްޔިތުންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވަންޖެހޭ ސަބަބެއް ނޫނެވެ.

ރައީސް ވަހީދުގެ ވެރިކަމުގައި:

ވަހީދުގެ ސަރުކާރުގައި އައްޑޫއަށް ކޮށްދިނީ ކޮންކަމެއް ހެއްޔެވެ؟

ހުޅުމީދޫގެ މަގުގެ މަސައްކަތް ފެށިގެން އައިގޮތާއި އެމަސައްކަތް ހުއްޓިފައިވާ ސަބަބު

ލާމަރުކަޒު ކުރުމާއި އަޅުވެތި ކުރުން: 1 2

ކައުންސިލާއި އެސްޔޫއެލްގެ ޚިޔާލު ތަފާތުވުން

ތީތި ކަޑައޭ ލާދީނީ މީހުން ބުނާނެއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި:

ލާމަރުކަޒު ކުރުމާއި އަޅުވެތި ކުރުން: 3 4

ސަރުކާރު ޒިންމާދާރު ކުރުވުމާއި، މެނިފެސްޓޯ ތަންފީޒުކުރުމުގެ ފުލޯކް ވާހަކަ: 1 2 3 4  5

ކުށްވެރިންގެ މައްޗަށް ޖަންގަލީގެ ގާނޫނު ހިންގަނީ ކީއްވެގެން ހެއްޔެވެ؟

17 ވަނަ ރައްޔިތުންގެ މަޖުލިސް: ރާއްޖެތެރޭ ރައްޔިތުން އިތުރަށް އަޅުވެތިކުރުވި

ނޫސްވެރިކަމަކީ ނިމުމެއްނެތް ހަނގުރާމައެކެވެ.

މިގައުމަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ގައުމުގެ ފުލުހުންގެ މުއައްސަސާއެވެ.

އައްޑޫ އާލާތުންނަށް އޮތީ ހަމައެކަނި ސަރުކާރަށް ޓެކްސް ދެއްކުމެވެ.

ފުރޮޅަންޖެހޭ ގަލުގެ މައްޗަށްއަރާ ހުންނަވައިގެން އެގާ ފުރޮޅާނީ ކިހިނެއްހެއްޔެވެ؟

މިއީ ހައެއްކަ މަހުޖަނުންގެ ގައުމެކެވެ.

މިސުވާލުތަކަށް ޖަވާބު ދެއްވާށެވެ.

މައްސަލަތައް އުފައްދަނީ އަޅުވެތިކުރުމަށެވެ.

ކަނޑު ހިއްކަނީ މިރާއްޖޭގައި ދިރިއުޅޭނެ ހިކިފަސް ބިންކޮޅެއް ނެތިގެންހެއްޔެވެ؟

ސިޔާސީ ޕާޓީ ހިންގުމަކީ އަޅުގަނޑުމެން ކުރާ ވިޔަފާރިއެކެވެ.

މިއަދު ފާސްކުރި ބަޖެޓަކީ އައިރުގާނޫނީ ބަޖެޓެކެވެ.

މިއަންނަ އަހަރު ހުޅުމީދޫއަށް އޮތީ ކޮން ކަމެއްހެއްޔެވެ؟

ކެރެންޏާ މިކަން ކުރާށެވެ. މާދަމާވެސް މިގައުމުން ޑްރަގް ހުސްވެދާނެއެވެ.

ސިޔާސީ ވެރިންނަކީ މަހުޖަނުންގެ އަޅުންނެވެ.

މިއަންނަ އަހަރުގެ ބަޖެޓްގައި ސ.މީދޫއަށް އޮތީ ކޮންކަމެއް؟

އައްޑޫ ޓާޝަރީ ހޮސްޕިޓަލް އެޅުން ހުއްޓާލިވާހަކަ ސިޔާސީ ޕާޓީތަކުންނާއި މީޑިއާތަކުން ނުކިޔަނީ ކީއްވެ؟

ވަގުންގެ އަތްދަށުން މިގައުމު ސަލާމަތްކުރަން އެބަޖެހެއެވެ.

ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ކީއްވެ؟

މިއަންނަ އަހަރު ބަޖެޓްގައި ސ.މީދޫއަށް އޮތީ ކޮންކަމެއް؟

ފަސާދައިގެ ޗޭނު ފުނޑާލާނެ ސަރުކާރެއް ބޭނުމެވެ.

ޚިޔާލު ފާޅުކުރޭ

This site uses Akismet to reduce spam. Learn how your comment data is processed.