ކައުންސިލްތައް ކާމިޔާބުކުރަން ސަރުކާރާއި އިދިކޮޅު ޕާޓީތަކުން ބޭނުންވަނީ ކީއްވެ؟


lce1

އަނެއްކާވެސް އަޑުއިވެން މިފެށީ، ތަރައްޤީ ބޭނުންނަމަ ކައުންސިލްތަކުގެ ހުރިހާ ގޮނޑިތަކެއް ސަރުކާރަށް ދިނުން ނޫންގޮތެއް ނެތްވާހަކައެވެ. ހަމައެއާއެކު ސަރުކާރު ޒިންމާދާރު ކުރުމަށް ބޭނުންވާނަމަ ކައުންސިލްގެ ހުރިހާ ގޮނޑިތަކެއް އިދިކޮޅު ޕާޓީތަކަށް ދޭންޖެހޭ ވާހަކައެވެ. މިއީ ކޮންމެ އިންތިޚާބަކާއި ގުޅިގެން ސިޔާސީ ބޭފުޅުން ދައްކަވާ ވާހަކަތަކެވެ. އެހެން ކަމުން މިވާހަކަތަކުގެ ހަގީގަތަކީ ކޮބައިތޯ ބަލާލުމަކީ މުހިއްމު ކަމެކެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ބޭއްވުނު އިންތިޚާބުގައި ވާދަކޮށް ހުޅުމީދޫ ދާއިރާއިން އައްޑޫ ސިޓީ ކައުންސިލަށް އިންތިޚާބުވެ ދައުރު ފުރިހަމަކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން، ދަންނަވަން ޖެހެނީ ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށްޓަކައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެދައްކަވަނީ ފުލޯކްވާހަކަތަކެކެވެ. އެއީ ރައްޔިތުން އޮޅުވާލައިގެން ރައްޔިތުންގެ ވޯޓް ހޯއްދެވުމަށް ދައްކަވާ ވާހަކަތަކެވެ.

ލާމަރުކަޒީ ނިޒާމްގެ ދެވަނަ ދައުރު ނިމިގެންދާއިރު، މިހާތަނަށް ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ އެއްވެސް ބާރެއް އިޚްތިޔާރެއް ކައުންސިލްތަކަށް ސަރުކާރުން ދީފައި ނުވެއެވެ. ގާނޫނުގައި ބުނެފައިވާ ހިލޭ އެހީގެ ފައިސާ ދީފައި ނުވާއިރު، ލާމަރުކަޒު ކުރުމުގެ ކުރިން ރަށް ރަށުގެ ރައްޔިތުންގެ ނަމުގައި ހުޅުވާފައިވާ ރ.ކ ކޮމެޓީތަކުގެ ފައިސާވެސް ސަރުކާރުން ވަނީ ހިފަހައްޓާފައެވެ. 3 ރައީސުންގެ ވެރިކަމުގައިވެސް ކުރި ކަމަކީ ކައުންސިލްތަކުގެ ދައުރު ހަނިކޮށް ލާމަރުކަޒީ ނިޒާމަކީ ރާއްޖެއަށް ކަމުދާ ނިޒާމެއް ނޫންކަން ރައްޔިތުންނަށް ވިސްނައިދިނުމެވެ. މީގެ އިތުރުން މިސަރުކާރުން (ސަރުކާރު ކޮންޓްރޯލް ކުރާ ރައްޔިތުންގެ މަޖުލީހުން) ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ ބަދަލުތަކާއެކު، މުޅި ލާމަރުކަޒީ ނިޒާމުވަނީ ފުނޑާލެވިފައެވެ. އެހެންކަމުން ލާމަރުކަޒީ ނިޒާމުގެ ހަމައެކަނި ބޭނުމަކަށް މިހާރުވެފައި މިވަނީ، މިނިޒާމުގެ ތެރެއިން ރައްޔިތުން އޮޅުވާލައިގެން ރައްޔިތުން އަޅުވެތިކުރުމުގެ ގާނޫނީ ބާރު ސަރުކާރަށް ހޯދުމެވެ.

މިހިސާބުން އުފެދޭ ސުވާލަކީ، އެއްވެސް ބާރެއް އިޚްތިޔާރެއް ދީފައިނުވާ ކައުންސިލްތައް ކާމިޔާބުކުރަން ސަރުކާރާއި އިދިކޮޅު ޕާޓީތަކުން މިހާވަރަކުން މިއުޅެނީ ކީއްވެތޯއެވެ؟ ހަމަ ޔަގީނުންވެސް އިދިކޮޅު ފަރާތްތަކުން މިއިންތިޚާބު ކާމިޔާބުކުރަން އެހާވަރަކުން އެއުޅެނީ ކޮންމެހެން ލާމަރުކަޒީ ނިޒާމަށް ތާއީދުކުރާތީއެއް ނޫނެވެ. މިހާރުގެ އިދިކޮޅު ޕާޓީ އެމް.ޑީ.ޕީގެ ވެރިކަމުގައި ކައުންސިލްތައް ވުޖޫދަށް އައުމާއެކު އެމް.ޑީ.ޕީން ކުރި ފުރަތަމަ ކަމަކީ، ރައްޔިތުންގެ އެކައުންޓްތައް ފްރީޒް ކުރުމެވެ. ދެވަނަ ކަމަކަށް ކުރި ކަމަކީ، ރައްޔިތުންގެ އިންޖީނުގެތައް ސަރުކާރުގެ ކަރަންޓް ކުންފުނީގެ ދަށަށް ގެންދިއުމެވެ. މީގެ އިތުރުން އެކި އަތޮޅުތަކުގައި ހުރި ޕަބްލިކް ވޯކްސް ޔުނިޓްތަކާއި، ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓާތައްވެސް ކައުންސިލްގެ އެއްވެސް ދައުރެއް ނޯންނަގޮތައް ސަރުކާރުގެ ކުންފުނިތަކަށް ބަދަލުކޮށް، ރައްޔިތުންގެ ބަހެއް ހޯދުމެއް ނެތި މަޖުލިސް މެމްބަރު ބޭނުންވާގޮތައް ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތައް އެކުލަވާލާ، އެމަޝްރޫޢުތަކުގެ ބަޖެޓް ކައުންސިލާއި ހަވާލުކުރުމުގެ ބަދަލުގައި، މިނިސްޓްރީތަކާއި ހަވާލުކޮށް ކުރިއަށް ގެންދިއުން އެއީ އެމް.ޑީ.ޕީން ލާމަރުކަޒީ ނިޒާމް ފުރިހަމަކުރި ގޮތެވެ.

ދެންއޮތީ މިހާރު ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމްގެ ވާހަކައެވެ. ލާމަރުކަޒީ ނިޒާމަކީ ޕީޕީއެމް ގަބޫލުކުރާ ނިޒާމެއް ނޫންކަން ލާމަރުކަޒީ ގާނޫނު ފާސްކުރަން މަޖުލީހުގައި ކުރި ބަހުސްތަކުން އޮތީ ފެނިފައެވެ. މިހަގީގަތް ދާދިފަހުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުންވެސް އެއޮތީ ފެންނާށެވެ. ޕީޕީއެމް ސަރުކާރުން މުޅި ނިޒާމު ބަދަލުކޮށްފައި އެވަނީ ލާމަރުކަޒު ކުރުމުގެ ނަމުގައި ރައްޔިތުން އަޅުވެތި ކުރުމުގެ އުސޫލްތަކުގެ މައްޗަށެވެ. އެހެންކަމުން ދަންނަވަންޖެހެނީ މިދެބައި މީހުންވެސް ލާމަރުކަޒީ ނިޒާމޭ ލޯކަލް ކައުންސިލޭ އެކިޔަނީ އެބައިމީހުންގެ އަމިއްލައެދުން މިކަމުގައި އޮތީމައެވެ. ސަރުކާރުން ބޭނުންވަނީ މިއިންތިޚާބުގައި ސަރުކާރަށް ތާއީދުއޮތް މިންވަރު ދައްކާށެވެ. ހަމައެގޮތަށް އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ، މިއިންތިޚާބުގެ ނަތީޖާއިން ސަރުކާރަށް ތާއީދުނެތްކަން ދައްކާށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެ ކިބައިން އަޅުގަނޑު އެދެނީ ތިޔަބޭފުޅުންނަށް ކައުންސިލްގެ ޓިކެޓްދިން ޕާޓީގެ މަސްލަހަތައްވުރެން ރައްޔިތުންގެ މަސްލަހަތު އިސްކުރެއްވުމަށެވެ. ގާނޫނުގައި ނެތަސް، އަދި ޕާޓީގެ ގަވާއިދުގައި ނެތަސް ތިޔަބޭފުޅުންގެ ރަށުގެ ތަރައްޤީއާއި ގުޅޭގޮތުން ތިޔަބޭފުޅުން ގެންގުޅުއްވާ ތަސައްވަރު ކަޅާއި ހުދުން ލިޔެ ރައްޔިތުންނާއި ހިއްސާކުރައްވާށެވެ. އެތަސައްވުރުގެ މައްޗަށް ބިނާކޮށް ރަށުގެ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއެކު ރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލައި، އެޕްލޭނަށް ވޯޓް ހޯއްދަވާށެވެ. ކައުންސިލަށް އިންތިޚާބުވުމަށްފަހު ތިޔަބޭފުޅުން އެކުލަވާލި ޕްލޭންތައް ސަރުކާރާއި ސިޔާސީ ޕާޓީތަކަށް ހުށަހަޅުއްވައިގެން، ގައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ކައުންސިލްގެ ދައުރު ހޯއްދަވާށެވެ. އޭގެ ފަހުން ގައުމީ ތަރައްގީގެ ޕްލޭން ތަންފީޒުކުރުމުގައި ކައުންސިލްގެ ޒިންމާ ނަންގަވާށެވެ. އަހަރެމެންގެ ރަށްރަށް ތަރައްޤީ ކުރެވޭނީ އަހަރެމެން އަޅުވެތިކުރުމަށް ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް މުގުރާލައިގެންނެވެ.

ޚިޔާލު ފާޅުކުރޭ

This site uses Akismet to reduce spam. Learn how your comment data is processed.