މި ސުވާލުތަކަށް ޖަވާބު ދެއްވާށެވެ؟
އަހުމަދު ރިލްވާން ގެއްލުނު ހާދިސާއަކީ، އާދައިގެ ކަމެއް ނޫނެވެ. ދިވެހި ރައްޔިތުން މިކަމުގައި ކަންބޮޑުވުންތައް ފާޅުކުރަމުން އެގެންދަނީ، ސަބަބުތަކެއް ހުރެގެންނެވެ. ރިލްވާން ގެއްލުނީ، މަހަށް ގޮސްގެން އުޅެނިކޮށް ވިއްސާރައިގައި ޖެހިގެން، ކަނޑުމަތި ވެގެން ނޫނެވެ. ރިލްވާން ގެއްލުނު ހާދިސާގެ ވަށައިގެންވާ ކަންތައްތަކަށް ބެލީމަ އެނގޭ އެއްކަމަކީ، ބަޔަކު ރިލްވާން ވަގަށް ނެގީކަމެވެ.
އެހެންކަމުން، ރިލްވާނަށް ވީގޮތެއް ހޯދައި ރިލްވާންގެ އާއިލާއަށާއި، ރަހުމަތްތެރިންނަށް އަދި ވަކިން ޚާއްސަކޮށް ދިވެހި އެއްމެހާ ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ދިރިހުރުމާއި، ދިރިއުޅުމުގެ ހައްގު ކަށަވަރުކޮށްދިނުމުގެ ގޮތުން، ދިވެހި ދައުލަތަށް މިއަދު މަޖުބޫރުވެފައިވަނީ ރިލްވާންއަށް ވީގޮތެއް ސާފުކޮށް ކިޔައިދިނުމަށެވެ. ރިލްވާން ހޯދުމަށްޓަކައި ނުފޮރޮޅާނެ އެއްމެ ގަލެއް ނުބާއްވާނަމޭ ބުންޏަސް، ސަރުކާރުން ޖަވާބު ލިބެންޖެހޭ ގިނަ ސުވާލުތަކެއް އެބަހުއްޓެވެ.
ކޮންމެ އާއިލާއެއްގެ ހިނިތުންވުމަކީ އުފަލެއްކަމަށް، ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި އަބްދުﷲ ޔާމީން އަށް އިހްސާސްކުރެވޭނަމަ، މިގައުމުގެ ދިވެހި މަންމަޔަކު އޭނާގެ އުފަން ދަރިފުޅު ގެއްލިގެން، ކުރަމުންދާ ހިތާމަޔާއި، އުފަލުމުން އެގެންދާ ވޭނާއި ކެކުޅުންތައް އަބްދުﷲ ޔާމީނަށް އިހްސާސް ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ އެއްމެ ކުޑަމިނުން އެ މަންމަޔާ ބައްދަލު ކުރަން ދެކޮޅު ހަދަނީ ކީއްވެގެން ހެއްޔެވެ؟
މާތްﷲ ގަންދީ ހުވާކުރުމަށްފަހު، ގައުމުގެ ވެރިކަމާއިި ހަވާލުވެގެން ފުރަތަމަ ދެއްވި ތަގުރީރުގައި، ރާއްޖޭގެ ވެރިކަން ކުރަށްވާނީ “ދިވެހި ހުރިހާ ރައްޔިތުންނަށް” ކަމަށާއި، “ކޮންމެ ރައްޔިތަކީ ވެސް އަޅުގަނޑުގެ އަޚެއް. އަޅުގަނޑުގެ އުޚުތެއް” ކަމަށް ވިދާޅުވި ވިދާޅުވުމުގައި، އިޚްލާސްތެރިކަމެއް ވާނަމަ، ރިލްވާން ގެއްލުނު މައްސަލައާއި ގުޅިގެން “ދެން ތިޔަކަށް އަޅުގަނޑު އެއްޗެއް ނުބުނާނެ ދެއްތޯ” އޭ ވިދާޅުވީ ކީއްވެގެން ހެއްޔެވެ؟
ސަރުކާރުގެ މެނިފެސްޓޯގައި، އެންމެ ޚާއްސަ އަހުމިއްޔަތެއް ދީފައިވާ އެއްދާއިރާއަކީ، ޒުވާނުންގެ ދާއިރާ ކަމަށާއި، ތަރައްޤީގެ މަގުގައި ރާއްޖެ ކުރިއަށްދާން ސަރުކާރަށް ބޭނުންވަނީ ޒުވާނުންގެ ހޫނު ލެޔާއި، ޖޯޝާއި، ވިސްނުމާއި ހަކަތަ ކަމަށް ވިދާޅުވެފައިވާއިރު، ރިލްވާނު ގެއްލުނު މައްސަލައިގެ ޕެޓިޝަންގައި ސަރުކާރުގެ ބައެއް މިނިސްޓަރުން ސޮއި ކުރައްވަން ދެކޮޅުހެއްދެވީ ކީއްވެގެން ހެއްޔެވެ؟ ގެއްލިގެން ހޯދާ ރިލްވާން ޒުވާނަކަށް ނުވަނީތޯއެވެ؟ ގެއްލިގެން ހޯދާ ރިލްވާނަކީ އިލްމެއް ހުނަރެއްނެތް ތަންދޮރު ނުފިލާ މީހެއްކަމަށް ސަރުކާރުން ދެކެނީހެއްޔެވެ؟
މިސުވާލުތަކަށް ޖަވާބު ނުދޭނަމަ އަޅުގަނޑު ގަބޫލުކުރާނީ، ރިލްވާނު ގެއްލުވާލުމުގައި ސަރުކާރުގެ ބައިވެރިވުމެއް އޮތީ ކަމަށެވެ. ވަކިން ޚާއްސަކޮށް ވެރިކަމުގެ ހުވާކުރައްވައިގެން ހުންނެވި އަބްދުﷲ ޔާމީނުގެ އަތެއް މިކަމުގައި ވާކަމަށް ގަބޫލުކުރެވޭނެ ޖާގަ އެބައޮތެވެ.