ލާމަރުކަޒު ކުރުމުގެ ނަމުގައި އަޅުވެތިކުރުން – 2


finance

އައްޑޫ ސިޓީ ކައުންސިލުން 2012 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލީ، ތަރައްޤީގެ ވަރަށް ފުރިހަމަ ތައްސައްވަރަކާއެކު 2011 ވަނަ އަހަރު އެކުލަވާލި ތަރައްޤީގެ ޕްލޭންގައި ހިމެނޭ ކަންކަން ފަށައިގަތުމުގެ އަހަރެއްގެ ގޮތުގައެވެ. އެގޮތުން ލާމަރުކަޒީ ޤާނޫނުގެ 82 ވަނަ މާއްދާގައި ބުނެފައިވާ ގޮޮތުގެމަތީން ހިލޭ އެހީގެ ގޮތުގައި ސަރުކާރުން ދެއްވާނެކަމަށް ވިދާޅުވި 69289329.00 (ފަސްދޮޅޮސް ނުވަމިލިޔަން ދުއިސައްތަ އައްޑިހަ ނުވަހާސް ތިންސަތޭކަ ނަވާވީސް ރުފިޔާ) އާއި ލާމަރުކަޒީ ޤާނޫނުގެ 78 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އާމްދަނީގެ ގޮތުގައި ކައުންސިލަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ 24926207.00 (ސައުވީސް މިލިޔަން ނުވަލައްކަ ސައްބީސްހާސް ދުއިސައްތަ ހަތްރުފިޔާ) އާއެކު، ލާމަރުކަޒީ ގާނޫނުގެ 94 ވަނަ މާއްދާގައިވާ ގޮތުގެމަތީން އާމްދަނީގެ 5 ޕަސެންޓް 1246310.00 (އެއްމިލިޔަން ދެލައްކަ ސާޅީސް ހަހާސް ތިންސަތޭކަ ދިހަރުފިޔާ) ރިޒާވްއަށް ކެނޑުމަށްފަހު ޖުމްލަ 92969225.00 (ނުވަދިހަ ދެމިލިޔަން ނުވަލައްކަ ފަސްދޮޅޮސް ނުވަހާސް ދުއިސަތައް ފަންސަވީސް) ރުފިޔާގެ ބަޖެޓެއް ކައުންސިލުން އެކުލަވާލިއެވެ.

މިބަޖެޓްގައި ކައުންސިލަށް ލިބޭނެކަމަށް ލަފާކޮށްފައިވާ އާމްދަނީިއަކީ:

budget acc2011

ކައުންސިލަށް ލިބޭނެކަމަށް ލަފާކުރި އާއްމަދަނީއާއި ސަރުކާރުގެ ހިލޭ އެހީ ހިމަނައިގެން އެކުލަވާލި ބަޖެޓުން ރިކަރަންޓް ޚަރަދުގެ އިތުރުން ކޮންޓިންޖެންސީގެ ގޮތުގައި 7862203.00 ބެހެއްޓުމަށްފަހު، ގާނޫނުން ލާޒިމްކުރާ ޚިދުމަތްތަކާއި، ތަރައްޤީގެ ޕްލޭންގައި ހިމަނާފައިވާ ކަންކަން ހާސިލްކުރުމަށްޓަކައި ޖުމްލަ 15817694.00 ޚަރަދުކުރުމަށް 16 ޖެނުއަރީ 2012 ވަނަ ދުވަހު ކައުންސިލްއިން ނިންމެވިއެވެ.

2012 ވަނަ އަހަރު ކައުންސިލްގެ މަސައްކަތް ފަށައިގަތީ 2011 ވަނަ އަހަރު އެކުލަވާލި ކައުންސިލްގެ އާ އިދާރީ އޮނިގަނޑަށް ބޭނުންވާ ގާބިލް މުވައްޒަފުންލިބި، ބަޖެޓްގައި ހިމެނި ތަރައްޤީގެ އެކްޓިވިޓީސްތައް ހިންގައި، ކައުންސިލްގެ އާމްދަނީ އިތުރުކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއްގައެވެ. ނަމަވެސް ކައުންސިލްގެ ބަޖެޓް ފާސްކުރިތާ މަހެއް ނުވަނީސް 7 ފެބްރުއަރީ 2012 ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔަގޮތުން، ކުރީގެ ސަރުކާރާއެކު ކައުންސިލުން މަޝްވަރާކޮށް ރާވާފައިވާ ޕްރޮގްރާމްތައް ހިންގޭނެ ކަމުގެ ޔަޤީންކަން ކުޑަވެގެން ދިޔައެވެ. އަދި ސަރުކާރުން ކައުންސިލަށް ދެއްވަން ކަނޑައެޅުވި ހިލޭ އެހީގެ ފައިސާ ލިބުން ދަތިވެ، 2012 ވަނަ އަހަރުގެ ޖޫން މަހު ހިލޭ އެހީގެ ފައިސާއިން %15 ކަނޑާލިއެވެ. ލާމަރުކަޒީ ޤާނޫނުގެ 82 ވަނަ މާއްދާގެ ދަށުން ސަރުކާރުން ކައުންސިލްތަކަށް ދޭންޖެހޭ ހިލޭ އެހީއަކީ، ސީދާ ކައުންސިލުން ކަނޑައަޅާ ކަންކަން ހިމަނައިގެން ފާސްކުރާ ބަޖެޓެއްގެ ތެރެއިން ޚަރަދުކުރުމަށް ލިބޭ ފައިސާކަމަށްވީހިނދު، ކައުންސިލާއި އެއްވެސް މަޝްވަރާކުރުމެއްނެތި ހިލޭ އެހީގެ ފައިސާއިން 10393399.20 (ދިހަ މިލިޔަން ތިންލައްކަ ނުވަދިހަ ތިންހާސް ތިންސަތޭކަ ނުވަދހި ނުވަރުފިޔާ ވިހިލާރި) ކަނޑާލުމާއިގުޅިގެން ބަޖެޓް ރިވައިޒްކުރަން ކައުންސިލަށް މަޖުބޫރުވިއެވެ. އެގޮތުން 10 ޖުލައި 2012 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ 20 ވަނަ ބައްދަލުވުމުގައި މަޝްވަރާކުރުމަށްފަހު، ކައުންސިލުން އެކުލަވާލާފައިވާ ޕްރޮގްރާމްތައް ކުރިއަށްގެންދިއުމަށް ބުރޫ ނާރާނެ ގޮތަކަށް، ސަރުކާރުން އުނިކުރާ ފައިސާ ކައުންސިލްގެ މުވައްޒަފުންގެ މުސާރައިގެ ޚަރަދުކޯޑުން އުނިކުރުމަށް ނިންމެވިއެވެ. އެގޮތަށް ކައުންސިލުން ނިންމެވީ، ޖުލައި މަސް ފެށުނުއިރުވެސް 2011 ވަނަ އަހަރު ކައުންސިލުން އެކުލަވާލި އިދާރީ އޮނިގަނޑަށް ބޭނުންވާ މުވައްޒަފުން ހޯދިފައިނުވާތީ، މުސާރަ ކޯޑުން އަހަރު ނިމޭއިރުވެސް 20 މިލިޔަން ރުފިޔާ ބާކީވާނެތީއެވެ. ނަމަވެސް، ކައުންސިލްގެ މި ނިންމުމަށް ސަރުކާރުން އިޖާބަ ނުދެއްވައި، ކައުންސިލުން އަހަރުދުވަހުގެ ތެރޭގައި ހިންގުމަށް ރާވާފައިވާ ޕްރޮގްރާމްތައް ހިންގުމަށް ދަތިވާނެ ގޮތައް ބަޖެޓުން ފައިސާ އުނިކުރުމަށްފަހު، ކައުންސިލުން އެދިފައިވާ ގޮތަށް އެކަން ކޮށްދެވެން ނެތްވާހަކަ ފިނޭސް މިނިސްޓްރީން ކައުންސިލަށް އެންގެވިއެވެ.

ކައުންސިލްގެ ބަޖެޓުން 10 މިލިޔަން ފުރިޔާ އުނިކޮށް، ބާކީ ދައުލަތުން ކައުންސިލަށް ދޭންޖެހޭ ފައިސާ ގަވާއިދުން ކައުންސިލަށް ޖަމާނުކޮށް ހިފަހައްޓަމުން ގެންދިއުމުގެ ސަބަބުން، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް ހުއްޓިދާނެތީ، ކައުންސިލްގެ އާމްދަނީން ރިކަރަންޓް ޚަރަދުތައް ބަލަހައްޓަން މަޖްބޫރުވިއެވެ. ނަތީޖާއަކަށްވެގެން ދިޔައީ 2012 ވަނަ އަހަރު ކައުންސިލުން ހިންގުމަށް އެކުލަވާލި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ގިނަ ހުރަސްތަކެއް މެދުވެރިވެގެންދިއުމެވެ. ނަމަވެސް ގިނަ ގޮންޖެހުންތަކާއެކު، ކައުންސިލްގެ ކޭޝް ފްލޯ މެނޭޖް ކުރަމުން، ކައުންސިލްގެ މާލީ ތަންވަސްކަން ހުރިމިންވަރުން ލާމަރުކަޒީ ޤާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޚިދުމަތްތައް އައްޑޫ ސިޓީގެ ރައްިޔިތުންނަށް ފޯރުކޮށްދީފައިވާނެއެވެ. އެގޮތުން ޒުވާނުންނާއި ކުޅިވަރަށް، ކްލަބް ޖަމިއްޔާ ޖަމާއްތަކަށާއި، ޕްރީ ސްކޫލްތަކަށް އެީތެރިންކަން ފޯރުކޮށްދީފައިވާނެއެވެ.

އަހަރު ނިމިގެން ދިޔައިރު 2012 ވަނަ އަހަރަށް ކައުންސިލްއިން ފާސްކުރި ބަޖެޓަށް ދައުލަތުން ދޭންޖެހޭ ހިލޭ އެހީގެ ތެރެއިން 10 މިލިޔަން ރުފިޔާ އުނިކުރުމަށްފަހުވެސް، ކައުންސިލަށް ލިބެންޖެހޭ 21 މިލިޔަން ރުފިޔާ ފިނޭސް މިނިސްޓްރީން ވަނީ ދޫނުކޮށް ހިފަހައްޓާފައެވެ. މިފައިސާ ހޯދުމަށްޓަކައި، 17 ނޮވެމްބަރ 2012 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ ބައްދަލުވުމުން ފާސްކޮށްފައިވަނީ 7 މިލިޔަން ރުފިޔާގެ ތަފާތު އެކި މާޝްރޫޢުތައް ހިންގުމަށް ފައިސާ ހޯދުމަށާއި، ބާކީ ފައިސާ ލާމަރުކަޒީ ޤާނޫނުގެ 104 ވަނަ މާއްދާގައިވާ ގޮތުގެ މަތީން 2013 ވަނަ އަހަރުގެ ބަޖެޓްގައި ހިމެނުމަށްޓަކައި، ކައުންސިލްގެ އާމްދަނީ އެކައުންޓަށް ޖަމާކުރުމަށް ފިނޭސް މިނިސްޓްރީއަށް ހުށަހެޅުމަށެވެ. ނަމަވެސް މިއަދާއި ހަމަޔަށް ސަރުކާރުން އެފައިސާ ކައުންސިލާއި ހަވާލުކޮށްފައި ނުވާއިރު، ލާމަރުކަޒީ ޤާނޫނުގެ 78 ވަނަ މާއްދާގެ ދަށުން ކައުންސިލަށް ލިބޭ އާމްދަނީ މީރާ އަށް ޖަމާކުރުމަށް ފިނޭންސްގެ ސާކިއުލާރ 2012/8 އިން ކައުންސިލަށް ވަނީ އަންގަވާފައެވެ. މި ސާކިއުލާއާއި އެއްގޮތައް ކައުންސިލްގެ އާމްދަނީ މީރާއަށް ޖަމާކޮށްފިނަމަ، ލާމަރުކަޒީ ޤާނޫނުގެ 96 ވަނަ މާއްދާގައި ބުނެފައިވާގޮތައް ކައުންސިލުން ފާސްކުރަންޖެހޭ ބަޖެޓެއް ނޯންނާނެއެވެ. އަދި އެއްވެސް ޚަރަދެއް އެކުލެވޭ ނިންމުމެއް ކައުންސިލަކަށް ނުނިންމޭނެއެވެ.

މީގެ އިތުރުންވެސް، ކައުންސިލްގެ އާމްދަނީ އިތުރުކުރުމަށް ކުރި މަސައްކަތްތަކަށް ސަރުކާރުގެ އެކި މިނިސްޓްރީތަކުން ހުރަސް އަޅުއްވައި، ލޯކަލްގަވަރމެންޓް އޮތޯރިޓީ މެދުވެރިކޮށް ހުއްޓުވަމުން ގެންގޮސްފައިވެއެވެ. އެހެންކަމުން، 2012 ވަނަ އަހަރު ލިބޭނެކަމަށް ލަފާކުރި އާމްދަނީގެ ތެރެއިން އަހަރު ނިމުނުއިރު 3 މިލިޔަން ރުފިޔާ ވަނީ ނުލިބިއެވެ.

ޚިޔާލު ފާޅުކުރޭ

This site uses Akismet to reduce spam. Learn how your comment data is processed.