މިއަހަރު އަހަރު ދަނޑުވެރިންގެ ދުވަސް މިރަށުގައި ފާހަގަ ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގައި ލަފާދިނުމަށް އުފައްދާފައިވާ ޚާއްޞަ ޓާސްކް ފޯހުގެ ފުތަމަ ބައްދަލުވުން ބާއްވައިފި
މިއަހަރުގެ ދަނޑުވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރާ ރަށަކީ މިރަށް ކަމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން، އެދުވަސް ކުލަގަދަގޮތެއްގައި ފާހަގަކުރުމަށްޓަކައި، ރަށުގެ ކްލަބް ޖަމްޢިއްޔާތަކާއި، ސްކޫލްތަކާއި، ޖަމާޢަތުގެ އެކި ކަންކަމުގައި ރަށުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ހިމަނައިގެން އެކުލަވާލާފައިވާ ޓާސްކްފޯސް ކޮމެޓީގެ ފުރަތަމަ ބައްދަލުވުން ރޭ މީދޫ ސޯޝަލް ސެންޓަރުގައި ވަނީ ބާއްވާފައެވެ. މިބައްދަލުވުމުގައި މަޝްވަރާކުރެވުނީ، ދަނޑުވެރިންގެ ދުވަހާއި ގުޅިގެން ދަނޑުވެރިންގެ ފަރާތުން ސަރުކާރަށް ހުށަހަޅާނެ ކަންތައްތަކާއި، ދުވަހާއި ގުޅިގެން ރަށަށް ޒިޔާރަތްކުރާ މެހުމާނުންނަށް މަރުޙަބާކިޔުމުގެ ކަންތައްތައް ކުރިއަށް ގެންދާނެގޮތުގެ އިތުރުން ރަށް ޒީނަތްތެރިކުރުމަށްޓަކައި، ކުރަންޖެހޭ ކަންތައްތައް ކުރިއަށް ގެންދާނެގޮތަކާއި ބެހޭގޮތުންނެވެ.
މިބައްދަލުވުމުގައި މަޝްވަރާކުރުމަށްފަހު، ސަރުކާރަށް ހުށަހަޅަން ނިންމި ކަންތައްތަކުގެ ތެރޭގައި ތެރޭގައި ދަނޑުވެރިންނަށް ބޭނުންވާ ގަސް ކާނާއާއި މުޑުވަށް ރަށުން ލިބޭނެ ގޮތް ހަމަޖައްސައި ދެއްވުމަށާއި، ދުވަހާއި ގުޅުވައިގެން ރަށުގެ ކޮންމެ ގެއަކަށް ކޮންމެވެސް ބާވަތެއްގެ މޭވާ އަޅާގަހެއް ހަދިޔާކޮށްދެއްވުމަށް އެދި ސަރުކާރަށް ހުށަހެޅުން ހިމެނެއެވެ. މީގެ އިތުރުންވެސް ރަށް ޒީނަތްތެރިކުރުމަށްޓަކައި ކުރަންޖެހޭ ބޮޑެތި މަސައްކަތްތައް ސަރުކާރަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ނިންމެވިއެވެ. އެގޮތުން ރަށަށް އަންނަ މެހުމާނުންނަށް ރަށަށް އަރާ ފައިބަން އޮތް ފާލަމާއި ބަނދަރުގެ ތޮށިގަނޑު މަރާމާތުކޮށް ދިނުމަށްއެދި ސަރުކާރަށް ހުށަހެޅުމަށް ނިންމެވިއެވެ. މީގެ އިތުރުން ރަށުގެ ދަނޑުބިމުގެ ބޭނުން އެއްމެ ފުރިހަމަ ގޮތުގައި ބޭނުންކުރެވޭނެގޮތްތައް ހޯދައި، ދަނޑުވެރިކަން ކުރަމުންގެންދާ ބިން އެއްމެންނަށް ހަމަހަމަ އުސޫލުން އެއްވަރަކަށް ދޫކުރެވޭނެގޮތް ހަމަޖެއްސުމަށްޓަކައި، މިނިސްޓްރީގެ އެހީތެރިކަން ހޯދުމަށް ޓާސްކްފޯސް އިން ވަނީ ނިންމާފައެވެ.
މިޓާސްކްފޯހުގެ ދެވަނަ ބައްދަލުވުން އެގްރިކަލްޗަރ މިނިސްޓްރީގެ ޓީމަކާއެކު މިރޭ 8.30 ގައި ރަށު އޮފީހުގައި އޮންނާނެއެވެ.

Recent Comments