Home > Meedhoo, Our Development, People, Your choice > މީދޫ އެކުވެރިންގެ ޗޭނަށް މަރުޙަބާ

މީދޫ އެކުވެރިންގެ ޗޭނަށް މަރުޙަބާ

September 11, 2010 Leave a comment Go to comments

މިކުދި ރަށްތަކުގެ ތަރައްޤީއަށް އެޅޭ ކޮންމެ ފިޔަވަޅެއްގައި އެއްމެ ބޮޑު ޙިއްސާއެއް އަބަދުވެސް އަދާކުރާ އެއްބަޔަކީ އެރަށެއްގައި އުފެދިފައި ހުންނަ ޖަމްޢިއްޔާ ޖަމާޢަތްތަކެވެ. އާދެ! އެއްވެސް ޝައްކެތްނެތް ގޮތުގައި ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކަކީ ތަރައްޤީގައި ސަރުކާރުގެ ބައިވެރިންނެވެ.

މިރަށުގައި މިހާތަނަށް ތަރައްޤީގެ ރޮނގުގައި ކުރެވިފައިވާ ކޮންމެ ކަމެއްގައި ސަރުކާރާއި އެއްހަމައެއްގައި ހަރަކާތްތެރިވެފައިވަނީ، ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުންނެވެ. އެހެންކަމުން، އަޅުގަނޑު އުއްމީދުކުރަނީ، އަދި އަޅުގަނޑު ޔަޤީން ކުރަނީ، އަލަށް މިއުފެދުނު  މީދޫ އެކުވެރިންގެ ޗޭނު ޖަމްޢިއްޔާއިން، ރަށުގެ ތަރައްޤީއަށްޓަކައި، ސަރުކާރާއި ގުޅިގެން މަސައްކަތް ކޮށްދެއްވާނެކަމަށެވެ.

ޖަމްޢިއްޔާގެ ބޭނުންތެރިކަން ސަރުކާރަށް ހަމައެކަނި ބޭނުންވަނީ ތަރައްޤީގެ ހަރަކާތްތައް ރަށްރަށުގައި ހިންގުމަށެވެ. މިގޮތުން މިހާރުން މިހާރަށްވެސް ރަށުގެ މަދަނީ ޖަމްޢިއްޔާތަކުގެ އެއްބާރުލުން ސަރުކާރަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް އެބަހުއްޓެވެ. އަދި ހަމައެއާއެކު، ރަށުގެ ރައްޔިތުންނަށް ލާބަޔާއި މަންފާ ހޯދައިދެވިދާނެ އެތައްކަމަކަށް މަގު ފަހި ކޮށްދެވިފައި އެބަހުއްޓެވެ. އޭގެތެރެއިން، އެއްމެ ފުރަތަމަ ކަމަކީ، ދާދި ފަހުން ރަށް ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ޝަންގްރިއްލާ ރިސޯޓާއި ދެމެދު ޕްރޮވިންސް އޮފީހުގައި ބޭއްވުނު ބައްދަލުވުމެވެ. މިބައްދަލުވުމުން ނިންމި ކަންތައްތަކުގެ ތެރޭގައި ޝަންގްރިއްލާ ރިސޯޓަށް ބޭނުންވާ ވަގުތީ މުވައްޒަފުންނާއި، އެރިސޯޓަށް ބޭނުންވާ ފަންގި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި ހަވާލުކުރުން ހިމެނެއެވެ.

ދެވަނަ ކަމަކީ މިއަހަރުގެ ދަނޑުވެރިންގެ ދުވަސް ރަސްމީކޮށް މިރަށުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުމެވެ. މިދުވަސް ސަރުކާރުން މިރަށުގައި ފާހަގަކުރަން ނިންމެވީ، މިރަށުގެ ދަނޑުވެރިކަން ކުރިއަރުވައި، ރަށަށް ވަންނަ އާމްދަނީ އިތުރުކުރެވޭނެ ފުރުސަތުތައް އިތުރަށް ފުޅާކުރުމުގެ މަޤްސަދުގައެވެ. މިމަޤްސަދު ހާސިލްކުރެވޭނީ، ރަށުގެ އެއްމެހާ ރައްޔިތުންނާއި، ރަށުގެ މަދަނީ ޖަމްޢިއްޔާތަކުގެ އެއްބާރުލުން ސަރުކާރަށް ލިބިގެންނެވެ.

ތިންވަނަ ކަމަކީ ޔޫ.އެން.ޑީ.ޕީ އާއި ދަނޑުވެރިކަމާއިބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދާ އޮޓޯ ޕޮޓް މަޝްރޫޢެވެ. މިމަޝްރޫޢުގެ ދަށުން ރާއްޖޭގެ 4 ރަށެއްގައި މިހާތަނަށް އޮޓޯ ޕޮޓް ސިސްޓަމް ބަހައްޓައި، އެއިން އެރަށް ރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބެމުން އެބަދެއެވެ. މިރަށަކީ ދަނޑުވެރި ރަށަކަށްވުމާއެކު މިދެންނެވި މަޝްރޫޢުގެ ދަށުން އޮޓޯ ޕޮޓް ސިސްޓަމެއް މިރަށް ލިބޭތޯ، ފާއިތުވި އަހަރުން ފެށިގެން މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. ނަތީޖާއެއްގެގޮތުން މިރަށަށް އޮޓޯ ޕޮޓް ސިސްޓަމެއް ލިބޭނެ ދޮރު މިހާރުމިވަނީ ހުޅުވިފައެވެ. ނަމަވެސް މިމަޝްރޫއަކީ ޔޫ.އެން.ޑީ.ޕީ އިން ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމުން މި ސިސްޓަމް ރަށްރަށަށް ދޫކުރުމުގައި ކަނޑައެޅިފައިވާ ޝަރުތުތަކެއް އެބަހުއްޓެވެ. އެގޮތުން މިސިސްޓަމް ހިންގާ ފަރާތަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާއަކަށް ވުމާއި، މިސިސްޓަމް ހިންގައިގެން މުޖުތަމަޢުގެ ތެރެއިން ނިކަމެތި، އާމްދަނީގެ ފުރުޞަތުތައް ކުޑަ ނުވަތަ ވަޒީފާގެ ފުރުޞަތު ނެތް އަންހެނުންނާއި ޒުވާނުންނަށް އާމްދަނީއެއް ލިބޭނެގޮތެއް ހޯދައިދިނުމަކީ ކަނޑައެޅިފައިވާ މުހިއްމު ޝަރުތުތަކެކެވެ. އެހެންކަމުން، މިރަށުގެ ޖަމްޢިއްޔާތަކުން މިކަމާއި ކުރިމަތިލައިގެން، ރަށުގެ ރައްޔިތުންނަށް މިފުރުޞަތުތައް ހޯދައިދިނުމަކީ ސަރުކާރުގެ ވަރަށް ބޮޑު އެދުމެކެވެ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާގޮތުން، މިސިސްޓަމް ރަށުގައި ބެހެއްޓުމަށާއި އެއް އަހަރުދުވަހު ހިންގުމަށް ގާތްގަނަޑަކަށް މިލިޔަނެއްހާ ރުފިޔާ ޚަރަދުވާނެއެވެ. މިހުރިހާ ޚަރަދެއް ޔޫ.އެން.ޑީ.ޕީ އިން ދެއްވަން ހަމަޖައްސަވާފައިވާއިރު، މިފުރުޞަތު އަޅުގަނޑުމެން ދޫކޮށްލައިގެން ނުވާނެއެވެ.

ދެން އޮތީ މުޅިން އެހެން ވާހަކައެކެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، މަދަނީ ޖަމްޢިއްޔާތަކުގެ ދައުރަކީ ފުޅާ ދައުރެކެވެ. އެއީ މުޖުތަމަޢު އެކަތިގަޑަކަށް ހަދައިގެން ކުރިއަށް ދިއުމަށް އެންމެންނަށް އެރޭ އޮޑިއަކަށް ވާންވާނެއެވެ. ވަކި ފަރުދެއް އެއްފަރާތް ކުރެވިގެން ނުވާނެއެވެ. ޒާތީގޮތެއް އޮތަސް ޖަމްޢިއްޔާއެއްގެ ނަމުގައި ނުވަތަ ޖަމްޢިއްޔާއެއްގެ ނަން ބޭނުންކުރެވޭ ގޮތެއްގައި އެކަން ދެއްކުމަކީ ކޮށްގެންވާނެކަމެއް ނޫނެވެ.

ކުދިކުދި ރަށްރަށުގައި އެއް ޖަމްޢިއްޔާއަށްވުރެ ގިނަ ޖަމްޢިއްޔާތައްވެސް ހިންގައެވެ. މިއީ މައްސަލައެއް ކަމަށް ބައެއް މީހުން ހީކުރެއެވެ. އެހެންނަމަވެސް ތަފާތު ފިކުރަށް ޖާގަދީ ތަފާތު ޚިޔާލަށް ފުރުސަތު ދެވޭނަމަ މިއީ މައްސަލައެއް ނޫނެވެ. މީހަކު ޖަމްޢިއްޔާއަކާ ބެހޭގޮތުން ޖަމްޢިއްޔާގެ އިސްކޮށް ތިއްބަވާ ބޭފުޅުންގެ ޚިޔާލާއި ތަފާތު ޚިޔާލެއް ފާޅުކޮށްފާނެއެވެ. އެ ހިނދު އެޚިޔާލުފާޅުކުރި މީހާއަކީ ތިމާމެންގެ ޒާތީ ދުޝްމިނެއްކަމަށް ބެލޭ ބެލުމަކީ ގިނަ ޖަމްޢިއްޔާތަކުގެ ހަރަކާތްތައް ހުއްޓޭ ހިސާބެވެ. ރަށްރަށުގެ ވެރިންނާއި ކައުންސިލަރުންނާއި ޖަމްޢިއްޔާތަކުގެ ވެރިންނާއި ޕާޓީތަކުގެ ވެރިންކުރާ ކަންތައްތަކަށްވެސް ރައްޔިތުން ފާޑުކިޔާނެއެވެ. އެކަން ޤަބޫލުކުރަން ޖެހެއެވެ. ހަޖަމް ކުރެވެން ޖެހެއެވެ. ހަޖަމް ނުކުރެވޭނަމަ އެކަމުން ދޭހަވަނީ، އެބައެއްގެ ނާޤާބިލުކަމާއި ލަޔާޤަތެއްނެތްކަމެވެ.

އަޅުގަނޑު އުއްމީދުކުރަނީ އެކުވެރިންގެ ޗޭނު ޖަމްޢިއްޔާގެ ނަން ރަމްޒުކޮށްދޭ އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ ގުޅުން މިރަށުގެ ރައްޔިތުންގެ މެދުގައި ނަގަހައްޓައި، ދަމަހައްޓަން އަބަދުވެސް މަސައްކަތްކުރާނެކަމަށެވެ. މިފުރުޞަތުގައި އެކުވެރިންގެ ޗޭނުގެ ހުރިހާ މެމްބަރުންނަށް މަރުޙަބާ ކިޔަމެވެ. އަޅުގަނޑު އެދެނީ އެކުވެރިންގެ ޗޭނަށް ކުރިއެރުމާއި ކާމިޔާބީއެވެ.

  1. No comments yet.
  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s

Follow

Get every new post delivered to your Inbox.