Home > Our Development, People, Think again > ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފް އެތައްކަމެއް

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފް އެތައްކަމެއް

ދިވެހިރާއްޖެއަކީ ތިމާވެށި ހިމާޔަތްކުރުމުގެ ރޮނގުން ދުނިޔޭގެ އެއްވަނަ ޤައުމުގެ ގޮތުގައި ނަން މަޝްހޫރުވެފައިވާ ޤައުކެވެ. މިޤައުމުގެ ވެރިކަން ކުރެއްވި ބޭފުޅުންނަށް ވަނީ ތިމާވެއްޓާއި ގުޅޭ އެތައް ޝަރަފަކާއި އިއްޒަތެއް އެރުވިފައެވެ. އެގޮތުން ނިމިގެންދިޔަ ދައުރުގެ ރައީސް މައުމޫނަކީ ތިމާވެށީގެ ބައްޕަގެ ޝަރަފު ލިބިވަޑައިގެންނެވި ބޭފުޅެކެވެ. އަދި މިހާރުގެ ރައީސަކީ ތިމާވެށީގެ ޗެމްޕިއަންނެވެ. ގްރީން ގުރޫއެވެ. “އަންޑަރ ވޯޓާ ކެބިނެޓް މީޓިން” ބޭއްވުމުން ލިބުނު ޝަރަފުގެ އިތުރުން ދެންވެސް ތިމާވެއްޓާއި ގުޅުންހުރި އެތައް ޝަރެފެއްގެ ވެރިއެކެވެ. މިހުރިހާ ޝަރަފަކާއި ރީތިނަމެއް މިރާއްޖެއަށާއި، މިރާއްޖޭގެ ވެރިންނަށް ލިބެމުންދާއިރު ބޮޑު މަންޒަރު ފެންނަނީ ކިހިނެއްތޯއެވެ.

ބޮޑު މަންޒަރު ބަލާލުމަށްޓަކައި މާދުރަކަށް ދިއުމުގެ ބޭނުމެއްނެތެވެ. އަޅުގަނޑުމެންނަށް ފެންނަ ހިސާބުގައި ކުރަހަމުންދާ މަންޒަރަށް ބައްލަވާލައްވާށެވެ. އެއްމެ ފުރަތަމަ ބަލާލަންޖެހެނީ ޤާނޫނު ނަންބަރު 93/4 ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށެވެ. މިޤާނޫނުގެ މަޤްސަދަކީ ދިވެހިރާއްޖޭގެ ތިމާވެށި ހެޔޮގޮތުގައި އަންނަންއޮތް ޖީލަށް ދަމަހައްޓައިދިނުމަށްޓަކައި، ރާއްޖޭގެ ތިމާވެށީގައި ހިމެނޭ ރާއްޖޭގެ ފަސްގަނޑާއި، ފެނާއި، ގަސްގަހާގެއްސާއި، ގޮނޑުދޮށްތަކާއި، ފަޅުފަޅާއި، ފަރުފަރާއި، މިނޫނަސް މިފަދަ ތަންތަނާއި، ކަނޑުތަކާއި، ޖައްވާއި، އެތަންތަނުގައިވާ ތަކެއްޗާއި، އެތަނުގައި އުޅޭ ތަކެތީގެ ތެރެއިން އިންސާނުންނަށް ގެއްލުންދޭ ނުވަތަ އުނދަގޫކުރާ ތަކެތި ފިޔަވައި، އެހެނިހެން ތަކެތި ރައްކާތެރިކޮށް ދެމެހެއްޓުމާއި، އެތަންތަނާއި ތަކެތީގެ ސަބަބުން ލިބޭ ފައިދާތައް ދަމަހައްޓައި އިތުރު ކުރުމެވެ. މިމަޤްސަދުތައް ހާސިލް ކުރުމަށްޓަކައި ހަދަންޖެހޭ ޤަވާއިދުތައް ހަދައި ތަންފީޒުކުރުމުގެ ބާރު މިޤާނޫނުން ލިބިދީފައިވަނީ މިނިސްޓްރީ އޮފް ޕްލޭނިންގ ހިއުމަން ރިސޯސަސް އެންޑް އެންވަޔަރަންމަންޓަށެވެ. ވެރިކަން ބަދަލުވުމަށްފަހު ސަރުކާރުގެ މިނިސްޓްރީ ތަކަށް ގެނައި ބަދަލާއިގުޅިގެން މިޒިންމާތައް މިހާރު ހަވާލުކުރެވިފައިވާ ފަރާތަކީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) އެވެ.

ކުރީގެ މިނިސްޓްރީ އާއި އަދި މިހާރުގެ އީ.ޕީ.އޭ ގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށްޓަކައި ހަދަންޖެހޭ ޤަވާއިދުތައް ހަދައި އެޤަވާއިދުތައް ތަންފީޒުކުރުން ކަމުގައި ވިޔަސް މިހާތަނަށް ތިމާވެށި ހިމާޔަތްކުރުމަށް ހެދިފައިވަނީ އެއްމެ 3 ޤަވާއިދެވެ. އެއީ:

ގުދުރަތީ އަދި ތަބަޢީގޮތުގައި ދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގައި ހުރި ދުވަސްވީ ގަސްގާހާގެހި ޙިމާޔަތްކޮށް ބެލެހެއްޓުމާބެހޭ ޤަވާއިދު

ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުންކުރުމާބެހޭ ޤަވާއިދު

ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުން އަދި އެއްރަށުން އަނެއްރަށަށް ގެންދިއުމާބެހޭ ގަވާއިދު

ތިމާވެއްޓާއި ގުޅޭ ބޮޑު މަންޒަރު ބަލާލުމަށްޓަކައި އެއްމެ ފުރަތަމަ ގަލާއި ވެއްޔާއި އަކިރި ނެގުމާއި ބޭނުންކުރުމާބެހޭ ޤަވާއިދާއި އެއްގޮތައް ހިނގަނީ ކޮންކަމެއްތޯ ބައްލަވާލައްވާށެވެ. މިގަވާއިދުގެ ދަށު ދިވެހިރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ހިމެނޭ އެއްވެސް ރަށެގެ ފަޅުފަޅުންނާއި، ފަރުފަރުން، ހާހަލުން، އަދި އެނޫންވެސް ޤުދުރަތީ ގޮތުން ގަލާއި، ވެއްޔާއި، އަކިރި އުފެދޭ ތަންތަނުން، ގަލާއި، ވެއްޔާއި، އަކިރި ނަގަންވާނީ މިޤަވާއިދުގެ ދަށުން ހުއްދަ ހޯދައިގެން، އެހުއްދައިގައި ބުނެފައިވާގޮތުގެ މަތިންނެވެ.

މިހިސާބުން އުފެދޭ ސުވާލަކީ މިރަށުގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގައި އޭގެ ބޭނުން ކުރަމުންދަނީ ހުއްދަ ލިބިގެންތޯއެވެ. ޤަވާއިދުގައި ވެލިނަގަން ހުއްދަ ދޭން ކަނޑައަޅާފައިވާ ފަޅުތަކަކީ ރަށްރަށާއި ނުގުޅި ވަކިން ހުންނަ ފަޅުތަކެވެ. ޤުދުރަތީގޮތުން މިއަތޮޅު އުފެދިފައިވާގޮތުން، މިއަތޮޅުގައި ރަށަކާއި ނުގުޅި އޮތް ފަޅެއް ނެތެވެ. ނަމަވެސް އަތޮޅުގެ އިރުމަތީ ފަރާތުގެ ރަށްތައް ހިމެނޭ ފަޅުތެރެއިން ވެލި ނަގަމުން އެބަދެއެވެ. އަދި އޭގެ ވިޔަފާރި ފުޅާވެގެންގޮސް ފުވައްމުލަކާއި ހުވަދުއަތޮޅުގެ ރަށްރަށް ވެލި ވިއްކަމުން އެބަގެންދެއެވެ. ޤަވާއިދުގައި ރަށްރަށާއި ގުޅިފައިވާ ފަޅުތަކުން ވެލިނެގުމަށް ހުއްދަދެވޭނެ އެއްވެސް ގޮތެއް ނެތްއިރު ވެލިނަގާ ފަރާތްތަކަށް މިހުއްދަ ލިބުނީ ކިހިނެއްތޯ ސުވާލު އުފެދެއެވެ.

ދެންއޮތީ ދުވަސްވީ ގަސްގަހާގެހި ޙިމާޔަތްކުރުމުގެ ވާހަކައެވެ. ދުވަސްވީ ގަސްގަހާގެހި ހިމާޔަތްކުރުމުގެ ގަވާއިދުގައިވާގޮތުގެމަތި އެއްކުރެވުނު މަޢުލޫމާތުތަކުން އެނގެނީ ހިމާޔަތްކުރަންޖެހޭ 12 ގަސް މިރަށުގައި އެބަހުރިކަމެވެ. އެއީ ކަޅިބިތު ބީވާގައިވާ 75 އަހަރުވެފައިވާ ނިކަ ގަހަކާއި، 60 އަހަރުވެފައިވާ ކިނބި ގަހަކާއި، މިއަހެލި ގޯތިތެރޭގައި ހުރި 54 އަހަރު ވެފައިވާ ދިއްގާ ގަހަކާއި، ފީރޯޒްވިލާގެ ގޯތިތެރޭގައި ހުރި 62 އަހަރުގެ މިދިލި ދެގަހާއި، އަޅިވިލާ ގޯތިތެރޭގައި ހުރި 80 އަހަރާއި 78 އަހަރު ވެފައިވާ 2 ބަބުކެޔޮ ގަހާއި، އަސުރުމާގެ ގޯތިތެރޭގައި ހުރި 82 އަހަރުގެ ބަބުކެޔޮ ގަހަކާއި، ދިލާސާގެ ގޯތިތެރޭގައި ހުރި 79 އަހަރުގެ ބަބުކެޔޮ ގަހަކާއި، ޝަބްނަމީވިލާގެ ގޯތިތެރޭގައި ހުރި 65 އަހަރުގެ ބަބުކެޔޮ ގަހަކާއި، ސައިގެ ގޯތިތެރޭގައި ހުރި 72 އަހަރުގެ ބަބުކެޔޮ ގަހެއްގެ އިތުރުން މިސްކިތްދޮށުގެ ގޯތިތެރޭގައި ހުރި 60 އަހަރުގެ އަނބުގަހެވެ. ނަމަވެސް މިލިޔުން އަޅުގަނޑު ލިޔަމުންދާއިރު މިދެންނެވި ގަސްތަކުގެ ތެރެއިން މިހާރު ފެންނަންހުރީ ކިތައް ގަސްކަމެއް ބުނަން ނޭނގެއެވެ. ސަބަބަކީ މިދެންނެވި ގަސްތަކުގެ ވެރިފަރާތްތަކަށް މިގަސްތަކަކީ ހިމާޔަތްކުރެވިފައިވާ ގަސްތަކެއްކަން ސަރުކާރުގެ ކަމާއިބެހޭ ފަރާތްކަމަށްވާ އީ.ޕީ.އޭ އިން އެފަރާތްތަކަށް އަންގަވާފައި ނުވާތީއެވެ.

ރަށުގެ ހޭޅިފަށުގައި ހެދިފައިހުރި ރުއްގަސްތައް އެއްވެސް އުޞޫލެއްނެތި ކަނޑަމުން ގެންދިއުމުގެ ނަތީޖާ މިއަދު އަޅުގަނޑުމެންގެ ރަށުން އެބަފެނެއެވެ. ރަށުގެ ހޭޅިފަށުގައި ހެދިފައިވާ މިދެންނެވި ރުއްގަސްތައް ވެފައިވަނީ ނިމުމެއް ނެތްގޮތައް ވާރުތަވަމުން އަނަން އާއިލީ ވިޔަފާރިއަކަށެވެ. އަބަދުވެސް މިރުށްގަސްތައް ވިއްކާލައިގެން އާމްދަނީ ހޯދާބަޔަކު ރަށުގައި އުޅެއެވެ. ނަމަވެސް ރުއްގަސް ކެނޑުމާއިބެހޭ ޤަވާއިދުގައި ބުނެފައިވަނީ ރަށުގެ ހޭޅިފަށުގައި ހެދިފައިވާ ގަހުން ފެށިގެން އެއްގަމަށް 15 މީޓަރު ފުޅާ ސަރަހައްދުގައި ހުންނަ ރުއްގަސް ކެނޑުމަކީ މަނާކަމެކެވެ. ނަމަވެސް ގާނޫނު ނަންބަރު 98/21 މީހުންއުޅޭ ރަށްރަށުގެ ރުއްގަހާބެހޭ ޤާނޫނާއި، ޤާނޫނު ނަންބަރު 93/4 ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުތަކާއި ޚިލާފަށް މިރަށުގެ ހޭޅިފަށުން ރުއްގަސްތައް ކަނޑަމުން ގެންދަނީ ކޮންފަރާތުން ހުއްދަލިބިގެންތޯ ސުވާލުއުފެދެއެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމާބެހޭ ސިޔާސަތުތައް ކަނޑައަޅައި، ހަދަންޖެހޭ ޤަވާއިދުތައް ހަދައި ހިންގުމުގައި ސަރުކާރުގެ އެހެން ފަރާތެއްގެ ކަމެއް ކަމުގައި ޤާނޫނުގައި ކަނޑައެޅިފައި ނުވާ ހުރިހާކަމެއް ކުރަންޖެހޭ ފަރާތަކީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ ކަމަށް ވީހިނދު، އެފަރާތުން މިހާތަނަށް އެކުލަވާލާފައިވާ ޤަވާއިދުތަކާއި ޚިލާފު އެތައްކަމެއް ހިނގަމުންދާއިރު، އަދިވެސް އަހަރެމެންނަކީ ތިމާވެށީގެ ޗެމްޕިއަންނުންނެވެ.

އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާގޮތުން ތިމާވެއްޓަށް ގެއްލުންދެނިވި އާދަޔާ ޚިލާފް މަސައްކަތެއް މާދަމާ ހެރެތެރެ ރިސޯޓުން ކުރަން އެބައުޅެއެވެ. ސައުތު އެފްރިކާގެ ފިލްމް އުފައްދާ ބަޔަކު ފިލްމެއް ޝޫޓްކުރަން ވެގެން އެރިސޯޓް އަންނާތީ ރިސޯޓް ތައްޔާރުކުރުމުގެ މަސައްކަތެވެ. މިމަސައްކަތުގައި އެތައް ހާސް ބަސްތާއެއްގެ ވެލި ރިސޯޓަށް ގެންދަން ޖެހެއެވެ. އަދި ޝޫޓްކުރާ ސަރަހައްދު ފަޅުފިލުވުމަށްޓަކައި ކޮންމެވެސް ވަރަކަށް ރުއްގަސްވެސް ރިސޯޓަށް ގެންދަންޖެހެއެވެ. މިތަކެތި ރިސޯޓަށް ގެންދިއުމަށްޓަކައި ރިސޯޓުން ކުއްޔަށް ހިފާފައިވަނީ ދާދިފަހުން ސަދަން ޔުޓިލިޓީސް އަށް ބަދަލުވި ޕަބްލިކް ވޯކްސްގެ ބޮޑު ލޮރީއެކެވެ. ހެރެތެރެ އާއި ހުޅުދޫ ދެމެދު އޮއި ދެމޭގޮތަށް ބުރިކޮށްފައި އޮތުމުގެ ސަބަބުން މިލޮރީ ބަރުކޮށްގެން ރިސޯޓަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ހުޅުދޫ ފަރުމަތިންނެވެ. މިޕްރޮޖެކްޓްގައި މިހިމެނޭ ހުރިހާކަމަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމާބެހޭ ޤާނޫނާއި، އެޤާނޫނެގެ ދަށުން ހެދިފައިވާ ހުރިހާ ޤަވާއިދުތަކާއި ޚިލާފް ކަންތައްތަކެވެ.

މިކަމުގައި އަޅުގަނޑުމެން ރައްޔިތުން ކަންބޮޑުވާންޖެހޭ މައްސަލަތަކެއް އެބަހުއްޓެވެ. ސަދަން ޔުޓިލިޓީސް އިން މިމަސައްކަތް ކުރުމަށްޓަކައި ހެރެތެރެއަށް ކުއްޔަށް ދީފައިވާ (ކުއްޔަށްދިން އަގެއް ނޭނގޭ) ވެހިކަލަކީ ހުޅުދޫ މީދޫގެ މަގު މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި ސަރުކާރުން އެކުންފުންޏަށް ދެއްވާފައިވާ ވެހިކަލަކަށް ވީހިނދު، މަގުމަރާމާތުކޮށް ބެލެހެއްޓުމުގެ އެއްވެސް މަސައްކަތެއް އެކުންފުނިން މިހާތަނަށް ނުކޮށް، ސަރުކާރުން ދެއްވި ވެހިކަލާއި، މުވައްޒަފުން ބޭނުންކޮށްގެން ރާއްޖޭގެ ޤާނޫނުތަކާއި، ޤަވާއިދުތައް މުގުރާލައްވަން އުޅުއްވާތީއެވެ.

  1. No comments yet.
  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s

Follow

Get every new post delivered to your Inbox.