ޤާނޫނީ ހައިސިއްޔަތު ނެތިގެން ސްކޫލް ބޯޑް އުވާލުން
ޝަމްސުއްދީން ސްކޫލް ބޯޑް އުފެއްދުމަށްޓަކައި ބެލެނިވެރިންގެ ތެރެއިން އިންތިޚާބު ކުރަންޖެހޭ 5 މެމްބަރުންނާއި، ޓީޗަރުންގެ ތެރެއިން އިންތިޚާބުކުރަންޖެހޭ 2 ޓީޗަރުން އިންތިޚާބު ކުރުމަށްޓަކައި، ބެލެނިވެރިންނާއި، ޓީޗަރުންގެ މެދުގައި ވޯޓް ނެގީ 10 ފެބްރުއަރީ 2009 ވަނަ ދުވަހުއެވެ. މިއިންތިޚާބުގައި ބެލެނިވެރިންގެ ތެރެއިން ހޮވުނު 5 ބޭފުޅުންގެ ތެރޭގައި އަޅުގަނޑު ހިމެނުމުން، އަޅުގަނޑު ބެލީ ސަރުކާރުން ބޯޑް އުފެއްދެވި މަޤްސަދާއި އެއްގޮތަށް ބޯޑް ހިންގުމަށް ކުރަންޖެހޭ ކަންކަން ބޯޑަށް ހުށަހަޅައިގެން ކުރުމަށެވެ. އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ސްކޫލްތަކުގައި، ސްކޫލް ބޯޑްތައް ހިންގާ ގޮތާއިބެހޭ މައުލޫމާތު އެއްކޮށް ދިރާސާކުރީމެވެ.
ބޯޑްގެ ޤާނޫނީ ހައިސިއްޔަތާމެދު ފުރަތަމަ ސުވާލު އުފެދުނީ، ބޯޑްގެ ފުރަތަމަ ޖަލްސާގައެވެ. ސަރުކާރުން ސްކޫލް ބޯޑް އުފެއްދެވި އެއްމެ މުޙިއްމު އެއް ބޭނުމަކީ، ސްކޫލް ކޮމިއުނިޓީގެ އެއްމެހާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ސްކޫލުން ދެވޭ ތަޢުލީމުގެ ފެންވަރު މަތިކުރުމެވެ. މިމަޤްސަދު ހާސިލްކުރުމަށްޓަކައި ސްކޫލް ބޯޑުން އެއްމެ ފުރަތަމަވެސް ކުރަންޖެހޭ ކަމަކީ، ސްކޫލް ހިންގާނެ ގޮތުގެ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލައި، އެޕްލޭނާއި އެއްގޮތައް ސްކޫލް ހިންގުން ކަމަށްވާއިރު، ޤާނޫނީ ހައިސިއްޔަތު ނެތިގެން އެފަދަ ޕްލޭނެއް އެކުލަވާލެވޭނެ ގޮތެއް ނެތްކަމަށް ބޯޑުން ނިންމެވިއެވެ. ސްކޫލް ބޯޑްގެ ފުރަތަމަ ޖަލްސާއަށް ސްކޫލްގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމާއިބެހޭގޮތުން ގޮތެއް ނިންމުމަށް އަޅުގަނޑު ހުށަހެޅީ ސަބަބުތަކެއް ހުރެގެނެވެ. ދާނެ މަންޒިލް ކަނޑައެޅުމެއްނެތި، ދަތުރަށް ފެށުމަކީ ހަމަބުއްދީގައި ތިބެގެން ކުރަން ހެޔޮވާވާރުގެ ކަމަކަށް ނުވާތީއެވެ.
ކޮންމެއަކަސް އަޅުގަނޑުގެ ހުށަހެޅުން ބޯޑްގެ ރިޔާސަތުން ބަލައި ނުގަތުމުން، މިހާތަނަށްވެސް ސްކޫލްގެ ސްޓްރެޓެޖިކް ޕްލޭނެއް ވަނީ އެކުލަވާނުލެވިއެވެ. ޕްލޭނެއް އޮވެގެން އެއާއި އެއްގޮތައް މަސައްކަތް ކުރާއިރު ލިބޭނެ ކުރިއެރުންތައް ނުލިބި، ބަލާނެ މިންގަނޑެއް، ދާނެ މިސްރާބެއް ނެތި މަސައްކަތްކުރުމުން ދިމާވާނެ ދަތިތަކާއި ކުރިމަތިލަމުން މިއަހަރާއި ޖެހެންދެން ސްކޫލް ބޯޑްގެ ޖަލްސާތައް ބޭއްވި، ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.
މިދެންނެވި ސަބަބުތަކާހުރެ، މިޕްރޮވިންސްގެ ސްކޫލް ބޯޑްތައް އެދެވޭގޮތެއްގައި ހިނގަމުން ނުދާކަން، އެޑިއުކޭޝަން ޔުނިޓަށް ފާހަގަކުރެވިގެން، ސްކޫލް ބޯޑްތަކުގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި، ސްކޫލްތަކުގެ ބޯޑް ހިންގާނެ ގޮތާއި ބެހޭގޮތުން ބޯޑްތަކުގެ މެމްބަރުންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުންތަކެއް މިއަހަރުގެ ކުރީކޮޅު ބޭއްވިއެވެ. ކޮންމެވެސް ސަބަބަކާހުރެ އަތޮޅުގެ ގުޅިފައިވާ ހަތަރު ރަށުގެ ސްކޫލްތަކުގެ ބޯޑް މެމްބަރުންނަށް ދެއްވި މައުލޫމާތުތަކާއި ޚިލާފަށް، މިދެރަށުގެ ސްކޫލްތަކުގެ ބޯޑް މެމްބަރުންނަށް މައުލޫމާތު ދިނުމަށް ސ.އަތޮޅު މަދަރުސާގައި ބޭއްވި ބައްދަލުވުން ވެގެންދިޔައީ، ސްކޫލް ބޯޑްގެ ޤާނޫނީ ހައިސިއްޔަތާއިމެދު ސުވާލު އުފެދި، ޤާނޫނެއް ނެތި ސްކޫލް ބޯޑް ހިންގުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެކަމެއް ނޫންކަން މެމްބަރުންނަށް ދޭހަވާފަދަ މައުލޫމާތުތަކެއް ލިބިގެންދިޔަ ބައްދަލުވުމަކަށެވެ.
މިދެންނެވި ބައްދަލުވުމަށްފަހު މިދެރަށުގެ ސްކޫލް ބޯޑްތައް ނަމެއްގައި އޮންނަ ބޯޑްތަކަށް ބަދަލުވެއްޖެއެވެ. ނަމަވެސް ސްކޫލް ބޯޑްތައް އެޑިއުކޭޝަން މިނިސްޓްރީން އުފެއްދެވީ، ޑިމޮކްރެޓިކް އުސޫލުން ސްކޫލް ކޮމިއުނިޓީގެ މަޝްވަރާގެ މަތިން ސްކޫލްތައް ހިންގުމަށް ކަމަށްވުމާއެކު، ޤާނޫނީ ހައިސިއްޔަތެއް ނެތަސް އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީތައް ރޭވިފައިހުރީ، ސްކޫލް ބޯޑްގެ މަޝްވަރާ ހޯދައިގެން ކަންކަން ކުރުމަށެވެ.
ދާދިފަހުން ޝަމްސުއްދީން ސްކޫލަށް ކުއްޖަކު ވެއްދުމާއި ގުޅޭގޮތުން ޕްރޮވިންސް އޮފީހުގެ އެޑިއުކޭޝަން ޔުނިޓަށް މައްސަލައެއް ހުށަހެޅުނެވެ. މިމައްސަލައަށް ގޮތެއް ނިންމުމަށްޓަކައި، އެޑިއުކޭޝަން ޔުނިޓުން ސްކޫލަށް އެންގެވީ ސްކޫލް ބޯޑްގެ ލަފައެއް ހޯދުމަށެވެ. އެޑިއުކޭޝަން ޔުނިޓަށް ބޭނުންވާ ސްކޫލް ބޯޑްގެ ލަފާ އެރުވުމަށްޓަކައި، ހަތަރު ރެއެއްގެ މަތިން ސްކޫލް ބޯޑްގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ކުރެވުނެވެ. ނަމަވެސް ޖަލްސާގެ ކޯރަމް ހަމަވާވަރަށް މެމްބަރުން ހާޒިރު ނުވުމުން މިހާތަނަށް ބޯޑްގެ ޖަލްސާއެއް ވަނީ ނުބޭއްވިއެވެ.
މިހިސާބުން އުފެދޭ ސުވާލަކީ ސްކޫލް ބޯޑް އޮޔާލީ ކީއްވެގެންތޯއެވެ؟ ޤާނޫނީ ހައިސިއްޔަތެއް ނެތިގެންތޯއެވެ؟ މިސުވާލަށް ޖަވާބު ދެއްވަން އަޅުގަނޑަށް އެހާ ފަސޭހައެއް ނޫނެވެ. އަޅުގަނޑަށް އެނގޭ މިންވަރަކީ ބެލެނިވެރިންނާއި، ޓީޗަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުން 7 މެމްބަރުން ހޮވާފައިވާ ބޯޑެއް، ޤާނޫނީ ހައިސިއްޔަތު ނެތިގެން އުވާލަން ނުޖެހޭނެކަމެވެ. މިހެން މިދެންނެވީ ޤާނޫނީ ހައިސިއްޔަތަކާއި ނުލައި ރާއްޖޭގެ ގިނަ ސްކޫލްތަކުގެ ބޯޑްތައް ނުހަނު ފުރިހަމަކަމާއެކު ހިންގަމުން ގެންދާކަން އަޅުގަނޑަށް އެނގޭތީއެވެ.
ލ.އަތޮޅު ތަޢުލީމީ މަރުކަޒު ބޯޑުން އެކުލަވާލާފައިވާ އެސްކޫލްގެ ސްޓްރެޓެޖިކް ޕްލޭން ބައްލަވާލައްވާ.
ލ.އަތޮޅު ތަޢުލީމީ މަރުކަޒު – ސްޓްރެޓެޖިކް ޕްލޭން 2009 – 2011

ޝާހިދުގެ މިލިޔުއްވުމުގައި ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ފާހަގަކުރައްވައިފިއެވެ. އަޅުގަނޑަކީ ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސްކޫލްބޯޑުގެ މެންބަރަކަށްވެފައި ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކުރުމުގައިވެސް އެހާމެ ހަރަކާތްތެރިވެފައި ވުމާއެކު، ސްކޫލްބޯޑު ފެއިލްވެގެންދިޔައީ ޤާނޫނީ ހައިސިއްޔަތުނެތިގެންކަމަށް ބުނުމަކީ އޭގެއިން އެހެންކަމެއް ދޭހަވާ ކަމެކެވެ. ސިޔާސީ އެއްވެސް ފިކުރުކަށް ބުރަނުވެ. ސްކޫލްގެ ތަރައްޤީއާއި ދަރިވަރުންގެ ކުރިއެރުމަށް ވިސްނައިގެން ބޯޑުހިންގުމުގެ ކަންކަމުގައި އުޅެފިނަމަ ކާމިޔާބުވާނެއެވެ.
ލިޔުން ނިންމާލަމުން އަޅުގަނޑުމެންގެ ޕްލޭން އެންމެ ބޭފުޅުންނާއި ހިއްސާކޮށްލެއްވީތީ ޝުކުރުވެރިވަމެވެ.