ހަފްތާ ބަންދު: މިހަފްތާ ބަންދުގައި ލިޔަން މިޖެހެނީ މުޅިން ތަފާތު ވާހަކަތަކެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރު ނަހަމަގޮތުގައި ބޭނުންކޮށްގެން އިދިކޮޅު މެމްބަރުން ދައުލަތުގެ މާލިއްޔަތުގެ ޤާނޫންގެ 7 ވަނަ މާއްދާއަށް ގެނައި އިސްލާހުގައި ބުނެފައިވަނީ “ދައުލަތުގެ މުދަލެއް އެއްވެސް ފަރާތަކަށް ދޭންވާނީ، ނުވަތަ ވިއްކާލަންވާނީ، ނުވަތަ ކުއްޔަށް ދޭންވާނީ، ނުވަތަ ދޫކޮށްލަންވާނީ، ނުވަތަ ދައުލަތުގެ ނަމުގައި ހިންގާ ވިޔަފާރި މުޢާމަލާތަކާ ގުޅިގެން ސީދާގޮތުގައި ނުވަތަ ނުސީދާގޮތުގައި ނަމަވެސް އެއްވެސް ލުޔެއް ނުވަތަ މަންފާއެއް ނުވަތަ އެހީއެއް ނުވަތަ ސަބްސިޑީއެއް އެއްވެސް ފަރާތަކަށް ދޭންވާނީ، ނުވަތަ ދިނުމަށް އެއްބަސްވާންވާނީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ކަމާބެހޭ ޤާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.”

މިއިސްލާހު މިގޮތަށް ގެނެސްފައިވާއިރު “ކަމާބެހޭ ޤާނޫނު” ކޮބާހެއްޔެވެ؟ އެފަދަ ޤާނޫނެއް ނުހަދައި މިއިސްލާހުތަކާއެކު މިޤާނޫނަށް އަމަލުކުރަން ފެށުމުން ދެންވާނީ ކިހިނެއްތޯއެވެ؟ މިއީ ކަނޑައެޅިގެން ރައްޔިތުން އިނދަޖައްސާލުމުގެ ގޮތުން މަޖިލީހުން ފާސްކޮށްފައިވާ ކަމެކެވެ. މި އިސްލާހުތަކުގެ ސަބަބުން ދައުލަތުން ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ހުރިހާ ބާވަތެއްގެ އެހީތައް ހުއްޓޭނެއެވެ. ކިޔަވާކުދިންނަށް ސަރުކާރުން ދެއްވާ ލޯނުތައް ހުއްޓޭނެއެވެ. މަދަނައިގެ ޚިދުމަތް ހުއްޓޭނެއެވެ. އެކަނިވެރި މައިންނަށް ދޭ އެހީ ހުއްޓޭނެއެވެ. ނުކުޅެދޭ މީހުންނަށްދޭ އެހީތައް ހުއްޓޭނެއެވެ. ޔަތީމް ކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ އެހީތައް ހުއްޓޭނެއެވެ. ކަރަންޓަށް ދެވޭ ސަބްސިޑީ ދިނުން ހުއްޓޭނެއެވެ. އެއްމެ ކުޑަމިނުން މަޖިލީހުގެ ހުއްދައެއްނެތި ނުވަތަ “ކަމާބެހޭ ޤާނޫނު” ނެތި ބޭންކަކުން ލޯނެއްވެސް ނުލިބޭނެއެވެ.

ދެން އުފެދޭ ސުވާލަކީ “ކަމާއިބެހޭ ގާނޫނު” ހަދަން ކިތައް އަހަރު ނަގާފާނެތޯއެވެ؟ ފެންނަން އޮތް ހަޤީގަތަކީ ރައްޔިތުންނަށް ލާބައާއި މަންފާހުރި ޤާނޫނުތައް ފާސްކޮށް ރައްޔިތުން އުފަލުގައި އުޅޭކަށް މިހާރު މަޖިލީހުގައި ތިއްބެވި އިދިކޮޅު ފަރާތްތަކުން ބޭނުންނުވާކަމެވެ. އެގޮތައް ގާނޫނުތައް ފާސްވެ ރައްޔިތުންނަށް ލުއިފަސޭހަތަކެއް ވެއްޖެނަމަ، 2013 ވަނަ އަހަރުގެ އިންތިޚާބުގައި މިހާރުގެ ސަރުކާރުން ކާމިޔާބު ހޯދާނެކަން ޔަޤީންވާތީ، އެކަން ކުރާކަށް އިދިކޮޅު މެމްބަރުން ބޭނުމެއް ނުވެއެވެ. މިކަމުގެ އަލިގަދަ ހެއްކަކީ ދައުލަތުގެ އާމްދަނީ އިތުރުކޮށް، ރައްޔިތުންނަށް ސަރުކާރުން ދެއްވަމުން ގެންދަވާ ޚިދުމަތްތައް ފުޅާކޮށް، ޤައުމު ބިނާކުރުމަށް، ބޭނުންވާ މުހިއްމު ގާނޫނުތަކެއް ފާސްކޮށްނުދީ ހިފަހައްޓައިގެން ތިބޭ ތިބުމެވެ. މިދިޔަ އަހަރުގެ މާޗް މަހު 18 ވަނަ ދުވަހު ސަރުކާރުން މަޖިލީހަށް ފޮނުވި ޓެކްސް ނެގުމާއި ބެހޭ އިދާރީ ބިލް އަދިވެސް އެއޮތީ މަހުޖަނު ޤާސިމް އިބްރާހިމް މުޤައްރިރުކަން ކުރައްވާ އިޤްތިސާދީ ކޮމެޓީގައެވެ. ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާއި ބެހޭ ބިލް ސަރުކާރުން މަޖިލީހަށް ފޮނުވީ 08 ޖުލައި 2009 ވަނަ ދުވަހުއެވެ. އެބިލްވެސް މަޖިލީހަށް ބަލައިގަނެ ފޮނުވީ އިޤްތިސާދީ ކޮމެޓީއަށެވެ. އޭގެ ފަހުން އެބިލަށްވީގޮތެއް ނޭނގެއެވެ. އެނގޭ އެއްކަމެއް އެބައޮތެވެ. މިފަދަ ޓްކްސްގެ ނިޒާމެއް ޤާއިމް ވެއްޖެނަމަ، އެއްމެ ގިނަ ޓެކްސް ދައްކަވަންޖެހޭ އެއްބޭފުޅަކީ އިޤްތިސާދީ ކޮމެޓީގެ މުޤައްރިރެވެ. ސުވާލަކީ ޓެކްސް ނަގަން އުޅޭ ސަރުކާރަކާއި އެއްކޮޅަށް ތާއީދުކޮށް، އެފަދަ ބިލެއްގެ ފައިދާ ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވުމަށް އެބޭފުޅާގެ ހިތް ރުހޭނެތޯއެވެ. އަދި އެއީ ހިތައް ކުޅަދާނަ ކަމެއްތޯއެވެ؟

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ 5 ވަނަ މާއްދާއަށް ގެނައި އިސްލާހަކީ ކަނޑައެޅިގެން ސަރުކާރު ވައްޓާލަން ގެނެސްފައިވާ އިސްލާހެކެވެ. އެ އިސްލާހުގައި ބުނެފައިވަނީ ދައުލަތުގެ ނަމުގައި ދިވެހި ސަރުކާރުން، ނުވަތަ ދިވެހި ސަރުކާރު މެދުވެރިވެގެން ދައުލަތުގެ ކުންފުންޏަކުން އެއްވެސް ލޯނެއް ނަންގަވާނީ ނުވަތަ ދަރަންޏަށް އެއްވެސް ފައިސާއެއް ނަންގަވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެހުށަހެޅުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓްގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. މިގޮތައް ޤާނޫނު އިސްލާހުވުމުން ދެން އިތުރަކަށް މިޤައުމުގައި މިނިސްޓަރުން ތިއްބަވާނެކަމެއް ނެތެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން މިޤައުމަށް އަހަރަކު މިލިބެނީ 7 ބިލިޔަން ވަރަކަށް ރުފިޔާޢެވެ. 12 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހެދި ނަމަވެސް އަހަރު ނިމޭއިރު އެއަދަދަށް އާމްދަނީ ނުލިބެއެވެ. މިފައިސާއިން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޒަރޫރީ ޚިދުމަތް ފޯރުކޮށް ނުދެވެއެވެ. އެހެންކަމުން ރާއްޖޭގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށްޓަކައި ޕްރައިވެޓް އިންވެސްޓަރުން ރާއްޖެ ގެންނަންޖެހެއެވެ. ބޭރުގެ އިންވެސްޓަރުން ގެންނަން ބަލާއިރު، ސަރުކާރުން އެމީހުންނަށް ކޮންމެވެސް ކަހަލަ ވިޔަފާރީގެ ގެރެންޓީއެއް ދޭންޖެހެއެވެ. ނަމަވެސް ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް މިގެނައި އިސްލާހާއެކު، އެފަދަ އިންވެސްޓަރުންނަށް މިރާއްޖެއަށް އާދެވެން އޮތީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދައިގެންނެވެ. މަޖިލީހުގައި ތިއްބެވި ބޭފުޅުންގެ ރޭޓް ހުރީ ބޮލަކަށް ހަތްމިލިޔަން ރުފިޔާކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުގެ އަމިއްލަ ބްލޮގްގައި އޭނާ ލިޔުއްވާފައިވެއެވެ.

ކަން މިހެން ހުރުމާއެކު ދަންނަވަންޖެހެނީ، އިދިކޮޅު ފަރާތްތަކުން، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކަކީ، ރައްޔިތުން ކަތިލައި ޤައުމު ވީރާނާކޮށްލަން ގެނެސްފައިވާ އިސްލާހުތަކެކެވެ. ސަރުކާރު ހުއްޓުމަކަށްގެނެސް ސަރުކާރު ވައްޓާލަން ގެނެސްފައިވާ އިސްލާހުތަކެކެވެ. މިއިސްލާހުތައް ގެނައުމުގައި މަޖިލީހުގައި ތިއްބަވާ މަހުޖަނުންވަނީ މިލިޔަނުން ޚަރަދުކޮށްފައެވެ.

  1. No comments yet.
  1. No trackbacks yet.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Connecting to %s

Follow

Get every new post delivered to your Inbox.