އިޖްތިމާޢީ ރޫޙް އާލާކުރުމަށް ތިޔަ ނެންގެވި އިސްނެގުމަކީ ރައްޔިތުންނަށް ލިބިގެންދާ އިތުރު ހިތްވަރެކެވެ.
ފަހަކަށް އައިސް ނުފެންނަ އުފާވެރި މަންޒަރުތަކެކެވެ. ރަށުގެ ރައްޔިތުން ރަށުގެ ގަދަރާއި ޝަރަފު ހިމާޔަތްކޮށް ތަހުޒީބު މުޖުތަމައެއް ބިނާކުރުމަށް މަސައްކަތްކުރަމުންދާ މަންޒަރުތަކެވެ. ޝަންގްރިއްލާ ރިސޯޓްގައި މަސައްކަތްކުރާ މުވައްޒަފުން އެމީހުންގެ ފެންވަރުގައި ރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެމުން އެބަދެއެވެ. ރަށާއި ދުރުގައި ތިއްބެވި ޒުވާނުން ގެންދަނީ ޖަމިއްޔާ ޖަމާޢަތްތައް މެދުވެރިކޮށް އެމީހުންގެ ފަރާތުން ދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ. ހަމަ އެހެންމެ ރަށުގެ ހީވާގި އަންހެން ބޭފުޅުން ގެންދަވަނީ ރަށުގައި އިޖްތިމާޢީ ރޫޙް އަށަގެނުވުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރަށްވަމުންނެވެ.
ރަށުގެ ހީވާގި އަންހެން ބޭފުޅުން އެގެންދަވަނީ ރަށުގެ މަލަމަތި ރީތިކޮށް ސާފުކޮށް ބޭއްވުމަށްޓަކައި މަސައްކަތްތަކެއް ކުރަށްވަމުންނެވެ. އަދި ރަށުގެ ކުދިބޮޑު އެއްމެހާ ރައްޔިތުން ފަޚްރުވެރިވާ ކޯގަންނު ގަބުރުސްތާނުގެ ވަށައިގެންވާ މަގުގެ ވިނަތައް ނޮޅައި ސާފުކުރުމުގެ މަސައްކަތްވެސް ފޫހިކަމެއްނެތި ކުރަށްވަމުން އެގެންދަވަނީ ހީވާގި އަންހެން ބޭފުޅުންނެވެ.
އިޖްތިމާޢީ އަދި އިޤްޠިޞާދީ ތަރައްޤީއަށް އަމާޒުކޮށް، ދެމެހެއްޓެނެވި ގޮތެއްގައި، ތިމާވެއްޓާއި އެހެނިހެން ތަބީޢީ ވަޞީލަތްތައް ރައްކާތެރިކޮށް، ދެމެހެއްޓުމުގެ މަޤްޞަދުގައި ފައުންޑޭޝަން ފޯ މީދޫ ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ “ނަލަނަލަ މީދޫ” ޕްރޮގްރާމް ރަށުގައި ކުރިއަށް އެބަދެއެވެ. މިޕްރޮގްރާމެގެ ދަށުން މީދޫ ބަނދަރު ސަރަހައްދާއި އާއްމުން އެއްވެއުޅޭ ތަންތަނާއި، ސަރަހައްދުތަކުގައި ޑަސްބިންތައް ބަހައްޓައި ބަލަހައްޓަމުން ގެންދެއެވެ. މީގެއިތުރުން ގޮނޑުދޮށަށް އުކާލެވޭ ކުނި މަދުކުރުމަށްޓަކައި ގޭގޭގައި އުފެދޭ ކުނި އުކާދިނުމުގެ ޚިދުމަތްވެސް އެޖަމިއްޔާއިން ރައްޔިތުންނަށް ފޯރުކޮށްދެމުން އެބަގެންދަވައެވެ.
މިއީ ރަނގަޅު އަލާމާތްތަކެކެވެ. ހެޔޮ ފާލެކެވެ. ކާބަފައިން ދެއްކެވި ރީތި އިޖްތިމާޢީ ރޫޙް އަލުން އާކުރުމަށްޓަކައި ޝަންގްރިއްލާ ރިސޯޓްގައި މަސައްކަތްކުރަށްވާ މީދޫގެ ލޮބުވެތި ދަރިން އެކުރަށްވާ މަސައްކަތްތަކާއި، ރަށުގެ ހީވާގި އަންހެން ބޭފުޅުންކޮޅެއް އިސްނަންގަވައިގެން އެދައްކަވާ ނަމޫނާއިން ފެންނަ މަންޒަރު ވަރަށް ސާފެވެ. އެބޭފުޅުންގެ އެއިސްނެންގެވުމަކީ ޒަމާނީ ތަހުޒީބުގެ ހެޔޮމިސްރާބުން އުޖާލާވެވިފައިވާ މުޖްތަމަޢުއަކަށް އަޅުގަނޑުމެންގެ މިރަށުގެ މިސްރާބު ބަދަލުކުރުމަށް ކުރާ މަސައްކަތައް ލިބިގެންދާނެ ހިތްވަރެކެވެ.

Recent Comments