ތިމާވެށި ދުވަހު މީދޫގެ ރައްޔިތުންގެ ފަރާތުން ފެނިފައިވަނީ އެއްބައިވަންތަކަމާއި އެކުވެރިކަމެވެ.
މިއަހަރު ތިމާވެށި ދުވަސް (05 ޖޫން 2010) ފާހަގަކުރެވިގެންދިޔައީ އަޅުގަނޑު މީދޫ ކައުންސިލަރ ކަމާއި ހަވާލުވިތާ 1 އަހަރާއި 5 ވަނަ އަށް ވީދުވަހުއެވެ. 1 ޖޫން 2009 ވަނަ ދުވަހު ކައުންސިލަރ ކަމާއި ހަވާލުވިނަމަވެސް، ރަސްމީކޮށް އަޅުގަނޑު އޮފީހާއި ހަވާލުވީ 7 ޖޫން 2009 ވަނަ ދުވަހުއެވެ. މިވާހަކަ މިތަނުގައި ފާހަގަ މިކުރަނީ މިދިޔަ އަހަރު ތިމާވެށި ދުވަސް މީދޫގައި ފާހަގަކުރެވުނުގޮތާއި، މިއަހަރު މިދުވަސް މީދޫގައި ފާހަގަކުރެވުނު ގޮތް ސިފަކޮށްދިނުމުގެ ބޭނުމުގައެވެ.
މީދޫގެ ރައްޔިތުންނަކީ އަބަދުވެސް ރަށުގައި ހިންގާ އިޖްތިމާޢީ ހަރަކާތްތަކުގައި ބައިވެރިވެ ތަރުހީބުދެމުންދާ ބައެކެވެ. ނަމަވެސް ރާއްޖެއަށް މިއައި ސިޔާސީ ބަދަލުތަކާއެކު، އިޖްތިމާޢީ ހަރަކާތްތައް އިންތިޒާމްކުރުމުގައި ބައެއް ފަރާތްތަކުން ގެންގުޅުއްވާ އުޞޫލްތަކުގެ ސަބަބުން މިދެންނެވި ރޫހް ބައެއް ކަންކަމުގައި ފަނޑުވެފައިވެއެވެ. އެގޮތުން މިދިޔަ އަހަރު ތިމާވެށި ދުވަހު ރައްޔިތުންގެ ފަރާތުން އެއްވެސް ހަރަކާތެއް ފެނިފައިނުވެއެވެ. އެއަހަރު ތިމާވެށި ދުވަސް ފާހަގަކުރިކަން ދެނެހުރި ރައްޔިތަކުވެސް މީދޫގައި ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. (2009 ވަނަ އަހަރު ތިމާވެށި ދުވަހު މީދޫލައިވްގައި ޝާއިއުކޮށްފައިވާ ރިޕޯޓް ބައްލަވާލައްވާ)
މިއަހަރުގެ ތިމާވެށި ދުވަސް މީދޫގައި ފާހަގަކޮށްފައިވަނީ އައްޑުއަތޮޅުގެ އެއްވެސް ރަށެއްގައި ފާހަގަ ނުކުރާވަރަށް ޖޯޝާއި ފޯރީގައެވެ. ތިމާވެށި ދުވަސް ފާހަގަކުރުމަށްޓަކައި އިއްޔެ ހަވީރު މީދޫ ހިއްކިބިމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މީދޫގެ ހުރިހާ މުއައްސަސާތަކާއި، އެމުއައްސަސާތަކުގެ މުވައްޒަފުންނާއި، ސްކޫލްތަކުގެ ދަރިވަރުންނާއި ރަށުގެ ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ބައިވެރިވެފައިވާކަމީ މީދޫގެ ހަމަ ކޮންމެ ރައްޔިތަކުވެސް އުފާކޮށް ފަޚްރުވެރިވާނެކަމެކެވެ. މީދޫގެ ރައްޔިތުން އިއްޔެ ދައްކާފައިވާ އާދަޔާ ޚިލާފް އެކުވެރިކަމަކީ، ފަހުގެ ތާރީޚެއްގައި ފެނިފައިނުވާފަދަ އެއްބައިވަންތަކަމެކެވެ.
ތިމާވެށި ދުވަސް ފާހަގަކުރުމުގައި ރަށުގެ އަންހެން ބޭފުޅުން ދައްކަވާފައިވާ ފުރިހަމަ ނަމޫނާއަކީ މީދޫގެ ކުރިމަގު އުޖާލާކަން ދައްކުވައިދޭ ކަމެކެވެ. އަތްވާއި ވާރޭގައި ބަނދަރު ސަރަހައްދު ސާފުކުރުމުގެ ހަރަކާތްތެރިވި އަންހެން ބޭފުޅުން އެދެއްކެވި ނަމޫނާ ވެގެންދިޔައީ، ފަނޑުވަމުންދިޔަ އިޖްތިމާޢީ ރޫޙަށް އާރޯކަން ގެނެސްދީ، ރަށާއި ރައްޔިތުންގެ ވިންދު ގުޅުވައިދިން ހަރަކާތަކަށެވެ. ހަމައެއާއެކު ޝަންގްރިއްލާ ވިލިނގިލި ރިސޯޓްގައި މަސައްކަތްކުރާ މީދޫގެ އާރޯ ޒުވާނުން އެދެއްކެވި ނަމޫނާއަކީ، މީދޫގެ ކުރިމަގާއި ގުޅިފައިވާ އުއްމީދުން ފުރިފައިވާ ނަމޫނާއެކެވެ. މީގެ އިތުރުން ސަރުކާރުގެ މުއައްސަސާތަކާއި ސްކޫލްތަކާއި، ވިޔަފާރިވެރިންނާއި، މުދިމުންނާއި، ދަނޑުވެރިންނާއި މަސްވެރިންގެ ފަރާތުން ތިމާވެށި ދުވަސް ފާހަގަކުރުމަށް ދެއްވި އެއްބާރުލުމަކީ ޚިޔާލުތަފާތުވުން ތަކާއެކުވެސް، ރަށަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއްކުރަން ރައްޔިތުންނަށް ލިބިގެންދިޔަ ހިތްވަރަކަށެވެ. ހަމައެއާއެކު ދާދިފަހުން އިންތިޚާބުކުރެވުނު އެފް.އެމް.ޑީގެ ކައުންސިލް މެމްބަރުން މިކަމުގައި އަދާކުރެއްވި ދައުރަކީ ދެބަސްވުމެއްނެތި ރަށުގެ އިޖްތިމާޢީ ރޫޙް އާލާކޮށް ރަށުގެ ހާލަތު ބަދަލުކުރުމަށް އެޅިގެންދިޔަ ބިންގަލެކެވެ. (ތިމާވެށި ދުވަހުގެ ފޮޓޯ އަލްބަމް)
ތިމާވެށި ދުވަސް މިހާ ފުރިހަމަކޮށް ފާހަގަކުރުމަށް މިދެންނެވި ފަރާތްތަކުން ކުރެއްވި މަސައްކަތަކީ ލިޔުމަކުން ލިޔެ ހާމަކޮށްދެވޭނެ ކަމެއް ނޫނެވެ. އަޅުގަނޑުގެ އިޚްލާސްތެރި ޝުކުރު މިމަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް މިފޮނުވަނީ، މިކަމުގައި އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤް ދެއްވި މާތްﷲ ސުބުޙާނަޙޫ ވަތަޢާލާއަށް ހަމްދާއި ޝުކުރުކުރަމުންނެވެ. އަޅުގަނޑު އެދެނީ އަދި އަޅުގަނޑުގެ ދުޢާއަކީ މީދޫގެ ރައްޔިތުންނަކީ އެކުވެރިކަމާއެކު، އެކު އެކީގައި ކުރިއަރައިދާ ބައެއްކަމުގައި ލެއްވުމެވެ.

meedhoo dharinn thi dhekki namoonaa ah saabass…adhi rashu tharaggee ah kuraa knmme kameggaiwes migothugai dhemi thibemaa hingaa