Home > Office Weekend > ތޭވީސްވަނަ ހަފްތާ ބަންދު: “ތަފިރިންނަށް އެއްވެސް ކަމަށް ނިވޭހެއް”

ތޭވީސްވަނަ ހަފްތާ ބަންދު: “ތަފިރިންނަށް އެއްވެސް ކަމަށް ނިވޭހެއް”

ސުރުޚީގައި އެވާ އިބާރާތަކީ ޖޯލިފަތީގައި އެއްމެ ގިނައިން ދެކެވޭ އެއްވާހަކައެވެ. ތެދެކެވެ. އަތޮޅުގެ އެހެން ރަށް ރަށާއި އަޅާބަލާއިރު، މީދޫ އޮތީ ވަރަށް ފަހަތުގައެވެ. މިހަގީގަތް މިހެން އޮތްނަމަވެސް މިހެން ދިމާވާންޖެހުނީ ކީއްވެގެންތޯ ބަލަންބޭނުންވާ އެކަކުވެސް ހުރިހެނެއް ހިއެއްނުވެއެވެ. އަބަދުވެސް ފެންނަނީ އެހެން މީހުން ކުއްވެރިކުރާ މަންޒަރެވެ. ތިމާނޫން އެހެން މީހުންނަކީ އެއްވެސް ބައެއް ނޫންކަން ދެއްކުމަށްޓަކައި މަސައްކަތްކުރާތަނެވެ.

އަތޮޅުގެ އެހެން ރަށްރަށާ އަޅާބަލާއިރު އިޖްތިމާޢީ ގޮތުންވެސް، ތަޢުލީމީ ގޮތުންވެސް ޢުމުރާނީ ގޮތުންވެސް ގިނަ ރަށްތައް އުޅެނީ މީދޫއަށްވުރެ ކުރީގައެވެ. ކީއްވެތޯއެވެ؟ އާދެ! އެހެން ރަށްރަށުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ރަށުގެ ތަރައްޤީއަށްޓަކައި ދަނީ ޖާނުން ގުރުބާން ވަމުންނެވެ. މީދޫގެ ރައްޔިތުން ކޮބައިތޯއެވެ. ގިނަ މީހުން ތިބެނީ ޖޯލިފަތީގައި ނޫނީ ކޮންމެވެސް ސައިހޮޓަލެއްގައި ނޫނީ ކޮންމެވެސް އެހެންތަނެއްގައި ހުސްއަނގަ ތަޅާށެވެ. މިހެންވާންވެއްޖެނަމަ އަޅުގަނޑުމެންނަށް ދުވަހަކުވެސް ކުރިއެރުމެއް ނުލިބޭނެއެވެ. އަޅުގަނޑުމެންގެ އަމިއްލަރަށް ތަރައްޤީ ކުރުމަކީ ހަމަ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއްކަމުގަ ދެކިގެންނޫނީ ހުވަފެންތައް ހަގީގަތަކަށް ނުހެދޭނެއެވެ.

ވިސްނާލަމާހެއްޔެވެ؟ ގަޔަށްލާ ހެދުމާއި އަރާފައިވާނާއި ގެންގުޅޭ މޯބައިލްފޯނު ތަރައްޤީ ވިޔަކަސް އަދި ނުފުދެއެވެ. އެންމެ އިސްކަމެއް ދޭންވީ ތިމާއުޅޭ މާހައުލަށެވެ. ދެން ތިމާގެ ކުރިއެރުމަށެވެ. ޖޯލިފަތީގައި ތިބެގެން މީހުންގެ އަބުރާއި ބެހި މީހުންގެ މަސް ނޮޅުމަކުން ރަށަށް ރީތި ނަމެއް ނުލިބޭނެއެވެ. ރަށަށް ރީތިނަމާއި މީހުންގެ ޝައުޤުވެރިކަން ލިބޭނީ ރަށް ތަރައްޤީ ވުމުންނެވެ. ރަށުގެ ތަރައްޤީ އަށް މަސައްކަތްކުރާނެ ހަރުދަނާ ދަރިން ތަރުބިއްޔަތު ކުރެވިގެންނެވެ.

ރަށްރަށަށް ލިބެމުންދާ ތަރައްޤީގެ ފުރުސަތުތައް އަޑުއަހާފައި ޖޯލިފަތީގައި ތިބެގެން ކޮން ވާހަކައެއް ދައްކާކަށްތޯއެވެ؟ އެރަށްރަށަށް ލިބޭ ތަރައްޤީއަކީ އެރަށްރަށުގެ ރައްޔިތުންގެ ހިތްމަތާއި މިންނަތުން ހޯދާ ތަރައްޤީއެވެ. ކާމިޔާބު ލިބެނީ ހިންމަތާއެކު މަސައްކަތްކުރާ ބަޔަކަށެވެ.

ފާއިތުވެދިޔަ ހަފްތާގައި ވަނީ ބޮޑު މަގުގައި ހުރި ގަސްތައް ކޮށުމުގެ މަސައްކަތް ނިންމިފައެވެ. މީގެ އިތުރުން ބަނދަރު ސަރަހައްދާއި ފަޅު ސާފުކުރުމުގެ ޕްރޮގްރާމެއްވެސް ވަނީ ފާއިތުވެދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ހިންގިފައެވެ. މިޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިފައިވަނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކުގައެވެ. ނަމަވެސް މަސައްކަތުގައި ބައިވެރިވި އާއްމުންގެ އަދަދު މަދުކަން ފާހަގަކުރެވެއެވެ. އެއަށްވުރެ ބޮޑަށް ފާހަގަކުރެވިފައިވަނީ މިމަސައްކަތާއި ދެކޮޅު ރޫހެއްގައި ބަޔަކު މަސައްކަތްކުރަމުން ދިޔަކަމެވެ. އެގޮތުން މިމަސައްކަތުގައި ބައިވެރިވި މީހުންނަށް މަލާމާތްކޮށް ޖެއްސުންކޮށްފައިވާކަން ފާހަގަކުރެވެއެވެ. ރަށުގެ އިޖްތިމާއީ ރޫހު އާލާކުރުމުގެ ބަދަލުގައި ރަށަށްޓަކައި ކުރެވޭ މިފަދަ މަސައްކަތްތަކަށް ހުރަސްއަޅަމުންދާ މީހުންނަކީ ހަގީގަތުގައިވެސް ރަށަށް ހެޔޮއެދޭ ބައެއްތޯ ސުވާލުުއުފެދެއެވެ.

ސިޔާސީގޮތުން ޚިޔާލުތަފާތުވުމަކީ، ނުވަތަ ތިމާ ހިމެނޭ ޕާޓީ ތަފާތުވުމަކީ، ރަށަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ޚިޔާލުތަފާތުވާންޖެހޭ ކަމެއް ނޫނެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރެއިން އެއް ފިކުރެއްގެ ވިއްސަކަށް މީހުން ހޯދުމަކީ އުނދަގޫކަމެކެވެ. މިއީ ހިތާމަހުރިކަމެކެވެ. އަޅުގަނޑުމެންގެ މުޖުތަމައު މިދަނީ ފަސާދަވަމުންނެވެ. ބައިބައިވުމާއި ހަމަނުޖެހުންތައް މިވަނީ އާއްމުވެފައެވެ. އެކަކު އެނެކެއްގެ އަބުރުނަގާލައި، ހަޤީގަތާއި ޚިލާފު ވާހަކަތައް ރަށުތެރޭގައި ފެތުރުން ވެފައި މިވަނީ މުނިފޫހިފިލުވުމަކަށެވެ. މިހިތާމަވެރި ހާލަތު ބަދަލުކުރުމަށްޓަކައި މިއަދުގެ ޒުވާނުން އެކަތިގަނޑަކަށްވާން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ރަށް މިހިސާބަށް ގެނެސްދިން އުމުރުން ދުވަސްވީ މީހުންގެ ޚިދުމަތްތައް ފާހަގަކޮށް، އެބޭފުޅުންގެ އިރުޝާދާއެކު ކުރިމަގު ބައްޓަން ކުރަން އެބަޖެހެއެވެ.

ރަށަށް ހެޔޮއެދޭ އެކުވެރިންނެވެ. މެދުފަންތިން ދަށުގެ އާއިލާތަކުގެ އެއްމެހާ އެކުވެރިންނެވެ. މާބޮޑު އުދަގުލަކާއިނުލައި އަޅުގަނޑުމެންނަށް މި މުޖުތަމަޢު ބިނާކުރެވިދާނެއެވެ. އަޅުގަނޑުމެންގެ މިރަށަށްޓަކައި ފިކުރު އެއްގޮތް ކުރަންވީއެވެ. ރަށުގެ ކުރިއެރުމަށްޓަކައި ތިޔަ އެންމެހައި ރައްޔިތުން ގުޅިވަޑައިގަންނަވަންވީއެވެ. ރަށުގެ ކުރިމަގު ބިނާ ކުރުމަށްޓަކައި ހަމަހަމަކަން އެންމެންގެ މެދުގައި ގާއިމުކުރަންވީއެވެ. މިފިކުރާއި ގުޅިވަޑައިގަތުމަށް އެއްވެސް ބޭފުޅަކު މިހާރު އުޅުއްވާ ޕާޓީ ނުވަތަ އެނޫންވެސް ޖަމާޢަތެއް ދޫކުރައްވަން ނުޖެހޭނެއެވެ. ޕާޓީތަކާއި ޖަމާޢަތްތަކުގެ ތެރެއިން މިފިކުރު ދިރުވާ ކުރިއަށް ނެރެންވީ.

Categories: Office Weekend
  1. aisha
    November 11, 2009 at 6:28 pm | #1

    Heyo edhey myhegge gothugai mi ahalany. Kyvvegen thoa huriha rayyithunna govanulaa hama ekani vaki baegge vahaka mention thi kurevvy…

  2. November 11, 2009 at 9:16 pm | #2

    އައިޝާގެ ކޮމެންޓަށް މަރުހަބާކިޔަމެވެ.

    ރަށަށް ހެޔޮއެދޭ އެކުވެރިންނޭ އަޅުގަނޑު ބުނެފައި އެވަނީ ރަށުގެ އެއްމެހާ ރައްޔިތުންނަށް ނިސްބަތްކޮށްފައެވެ. އަޅުގަނޑުގެ ނަޒަރުގައި މިރަށަށް އުފަން ހަމަ ކޮންމެ ދަރިއަކު މިރަށަށް ހެޔޮއެދެންވާނެއެވެ. ދެން އަޅުގަނޑު ފާހަގަކޮށްފައި އޮތީ މެދުފަންތިން ދަށުގެ އާއިލާތަކެވެ. ޒަމާނުއްސުރެ އަޅުގަނޑުމެންނަށް ގަބޫލުކުރެވިފައި އޮންނަނީ ރަށުގެ މަތީ ފަންތީގެ މީހުންނަށް ނޫނީ ރަށަށް ކަމެއް ކޮށްނުދެވޭނެކަމަށެވެ. މިވިސްނުމުގައި އަޅުގަނޑުމެން ޒަމާންތަކެއް ހޭދަކޮށްފީމެވެ. އެކަމަކު މިއަދު އެވިސްނުން ދޫކުރަން އެބަޖެހެއެވެ. ވަކި މީހަކު ތަފާތުކުރުމެއް މިއަދަކުނެތެވެ. މަސްވެރިޔާގެ ދަރިޔާއި، ކަތީބުގެ ދަރިއާއި ދެމެދު ތަފާތުކުރުމެއް މިއަދަކު ނެތެވެ. ވަކިން ޚާއްސަކޮށް މެދުފަންތިން ދަށުގެ އާއިލާތައް ފާހަގަކޮށްފައި އެއޮތީ، ތަފާތުކުރުމުގެ ވިސްނުމަކު ނޫނެވެ. އެކަމަކު ޒަމާނުއްސުރެ މެދުފަންތިން ދަށުގެ އާއިލާތައް (އާދައިގެ ނިކަމެތިން) އެކަހެރިވެފައި އޮތް އޮތުން މިއަދު މާޒީވެފައިވާކަން ހާމަކޮށްދިނުމުގެ ގޮތުން އެގޮތަށް ފާހަގަކޮށްލީއެވެ.

  1. No trackbacks yet.