ރަށުގެ ގޮނޑުދޮށުން ބައެއް ކޮނެގެން ނެގުމުގެ ސަބަބުން ރަށުން ބައެއް އުނިވާ އުނިވުމަށް ރަށް ގިރަނީއޭ ނުބުނެވޭނެއެވެ.
އިއްޔެ ހެނދުނު ޓީވީއެމް 10 ގެ ޚަބަރުގައި އަޅުގަނޑާއި ހަވާލާދީ ބުނެފައިވެއެވެ. “އިސްމެހެލާ ހެރައާއި މީދޫއާއި ދޭތެރޭ އޮއިދެމޭގޮތައް ވަކިކުރުމުން އުތުރުފަރާތުން ރަށް ގިރުންވަނީ ހުއްޓިފައި”. ދުވަހުގެ ބޮޑު ޚަބަރެއްގެ ގޮތުގައި މިވާހަކަ ފެތުރިގެންދާން ސިކުންތުކޮޅެއް ނުނަގައެވެ. އެއްބަޔަކު ރަށު އޮފީހަށްވަދެ އަޑުގަދަކުރިއެވެ. އަނެއް ބަޔަކު ފޫޓުފީތާ ހިފައިގެން ކޯގަންނަށް ދިޔައެވެ. އެގުރޫޕުން ކުރި ދިރާސާއިން އެނގުނު އެއްކަމަކީ މިވެނި ދުވަހަކުން ފެށިގެން މިއަދާއި ހަމައަށް 8 ފޫޓު ގިރައިގެން ގޮސްފައިވާކަމެވެ. ނަމަވެސް 8 ފޫޓު ރަށުން މަދުވެގެންދިޔައީ ކީއްވެގެންކަން އެމީހުންގެ ދިރާސާއިން ނޭނގުނެވެ. ނޫންނަމަ 8 ފޫޓު ފަސްގަނޑަށްވީ ކިހިނެތްކަން އެނގިތިބެމެ ހާމަކުރަން ބޭނުމެއް ނުވިއެވެ.
ކަނޑުގެ ލޮނުގަނޑު އުސްވުމާއި ރަށް ގިރުމުގެ ހަގީގަތް:
ޒަމާނުއްސުރެ ތިމާވެއްޓާއި ބެހޭގޮތުން ރާއްޖޭގެ ބޮޑުންނާއި ވެރިން ރައްޔިތުންނަށް އޮޅުވާލަމުން ގޮސްފައިވެއެވެ. މިގޮތުން ގައުމުގެ އިސްވެރިޔާއިން ފެށިގެން ރަށް ރަށުގެ ކަތީބުންވެސް ތިމާވެއްޓާއި ބެހޭގޮތުން ރައްޔިތުންނަށް އޮޅުވާލައި، އެމީހުންގެ އަމިއްލަ ފައިދާއަށް މަސައްކަތް ކުރަމުން ގޮސްފައިވެއެވެ. މިހެން ދެންނެވުމުން އަނެއްކާ މިއުޅެނީ ކޮންވާހަކަތަކެއް ލިޔަންބާވައޭ ހިތަށް އަރާފާނެއެވެ.
އާއެކެވެ. ރައްޔިތުންނަށް އޮޅުވާލުމުގައި މިރާއްޖޭގެ ވެރިން އެއްމެ ގިނައިން ދައްކަވާފައިވާ އެއް ވާހަކައަކީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރަށް ރަށް ގިރަމުންދާ ވާހަކައެވެ. ހަގީގަތް ހާމަކުރުމުގެ ބަދަލުގައި ރަށް ގިރަނީއޭ އެބޭފުޅުން އެވިދާޅުވަނީ އެކަމުގައި އެބޭފުޅުންގެ އަމިއްލަ މަސްލަހަތު އެކުލެވޭ ކަންތައްތަކެއް ހިމެނޭތީއެވެ.
ވިސްނަވާށެވެ. މިރާއްޖޭގައި ކޮންސްޓްރަކްޝަން ގުރޫޕެއް ނުހިންގާ ނުވަތަ އެފަދަ ގުރޫޕަކާއި ގުޅުމެއްނެތް ކަތީބަކު ހުރި ރަށެއް މަދުވާނެއެވެ. މިގޮތައް ކަންތައްތައް ރޭވި، އެތުރިފައި ހުރުމުގެ ސަބަބުން ރަށް ރަށުގެ ކަތީބުންގެ ފަރާތުން ސަރުކާރަށް އަބަދުވެސް ހުށަހަޅަމުން ގޮސްފައިވާ އެއް ޝަކުވާއަކީ ރަށް ގިރަމުންދާކަމުގެ ޝަކުވާއެވެ. މިޝަކުވާތަކުގެ ފައިދާ ކޮންމެ އިންތިޚާބަކާއި ދިމާކޮށް ސަރުކާރުން ނަގަމުންދާނެއެވެ. ރަށް ގިރުމުގެ ބިރުވެރިކަމުގެ ތެރޭގައި ރައްޔިތުން ބޭތިއްބުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އެހީގެ ދަށުން އެރަށެއްގައި އެތައް މިލިޔަން ރުފިޔާގެ ތޮއްޓެއްލާފާނެއެވެ. އަދިވެސް އެއްފަހަރު ވިސްނާލައްވާށެވެ. އެތޮށިގަނޑުލުމުގެ މަސައްކަތާއި ހަވާލުވާނީ ކަތީބުގެ ކޮންސްޓްރަކްޝަން ގްރޫޕުންނެވެ. ނުވަތަ ކަތީބާއި ގުޅިފައި އޮންނަ ގްރޫޕަކުންނެވެ.
ރައްޔިތުންނަށް ބޭނުންވަނީ ގިރާ ސަރަހައްދުގައި ތޮށި ލައި ބަނދަރު ތޮށިގަނޑު މަރާމާތުކުރުމަށެވެ. ތޮށިލުމަށްޓަކައި ރަށުގެ ގޮނޑުދޮށުން ގަލާއި ވެލި ކިތައްމެވަރަކަށް ނެގިއަސް މައްސަލައެއްނެތެވެ. މިރަށުގެ ބަނދަރުވެސް އެއޮތީ އިންތިޚާބަކާއި ދިމާކޮށް ގަލާއި ވެލި ބޭނުންކޮށްގެން ހަދާފައެވެ. މީގެ އިތުރުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ދިމާކޮށް ރަށުގެ އިރުމަތީފަރާތުގައިވެސް އެވަނީ ތޮއްޓެއް ލާފައެވެ.
ދެން އޮތީ ދުނިޔެ ހޫނުވެގެން ކަނޑުގެ ލޮނުގަނޑު އުސްވާ ވާހަކައެވެ. ކަނޑުގެ ލޮނުގަނޑު އުފުލޭވާހަކައިގެ ޚަބަރު އަޑުއަހަން އެހުންނަ މީހާ އެކުރާކަމަކީ އޭނާގެ ވަގުތު ބޭކާރުކޮށްލުމެވެ. ދުނިޔޭގެ ދެތަނޑީގައި އުފެދިފައިވާ ގަނޑުފެންގަނޑު ވިރެމުންދާތާ 100 އަހަރަށްވުރެ ގިނަދުވަސްވަނީ ވެފައެވެ. ނަމަވެސް ފާހަގަކުރެވޭ މިންވަރަށް ކަނޑުގެ ލޮނުގަނޑު އުފުލިފައިނެތެވެ. އަނެއް ކަމަކީ ކަނޑުގެ ލޮނުގަނޑު އުފުލޭނަމަ އެމިންވަރަށް މުރަކަތަކާއި ފަރުތައްވެސް އުފުލޭނެއެވެ. އެހެންކަމުން ކަނޑުގެ ލޮނުގަނޑު އުފުލޭ ވާހަކަ ގުޅިފައިވަނީ ދުނިޔޭގެ ސަމާލުކަން ހޯދުމަށް ރާއްޖެއާއި ދުނިޔޭގެ ބައެއް ވެރިން ގެންގުޅޭ ސިޔާސަތުތަކާއެވެ.
ރަށްގިރުމާއި ރަށް ކޮނެގެން އާމްދަނީ ހޯދުން:
ރަށް ގިރަނީ ކިހާވަރަކަށްތޯ ބެލުމަށްޓަކައި ފޫޓުފީތާ އެޅުމުގެ ކުރިން ޖަވާބުހޯދަންޖެހޭ ދެސުވާލެއް އެބައޮތެވެ. ރަށް ގިރަނީ ގުދުރަތީގޮތުން ދިމާވާ ހާދިސާތަކަކުންތޯ ނުވަތަ ރަށް ގިރަނީ ގޮނޑުދޮށް ކޮނެގެން ވެއްޔާއި އަކިރި ނެގުމުގެ ސަބަބުންތޯ ބަލަންޖެހެއެވެ. ޖަވާބުކޮންމެ ގޮތަކަށް ދެއްވިއަސް މައްސަލައެއް ނެތެވެ. ގަބޫލުކުރަންޖެހޭ ހަގީގަތަކީ ދިވެހިރާއްޖޭގެ ރަށްތަކަކީ ގިރިވޮޑެމުންދާ ރަށްތަކެއް ކަމެވެ.
މިރާއްޖޭގެ ބިމާއި ބެހޭގޮތުން މިހާތަނަށް ކުރެވުނު އެއްމެ ފުރިހަ ތަހުލީލެއް ކޮށްފައިވަނީ 1970 ވަނަ އަހަރުއެވެ. ރާއްޖޭގައި ތެޔޮ ހުރިތޯ ބެލުމަށްޓަކައި ކަނޑުގެ އަޑިން 2100 މީޓަރު ފުނަށް ތޮރުފައިގެން ސާމްޕަލްތަކެއް ނެގުނެވެ. އެސާމްޕަލްތަކުގައި އަލިފާން ފަރުބަދައިގެ ހިލަ ހުއްޓެވެ. އެތަހުލީލުތަކުން އެނގުނީ އެހިލަތަކަށް 53.38 މިލިޔަން އަހަރުވެފައިވާކަމެވެ.
މިތަހުލީލުތަކުގެ އަލީގައި އިލްމުވެރިން ބުރަވަނީ ދިވެހިރާއްޖެ އެއްމެ ފުރަތަމަ އޮތީ ހަވާއީ އެއޮންނަގޮތަށެވެ. އަލިފާން ފަރުބަދަ ތަކާއި އުސް ބިންތަކުން އުފެދިފައިވާ ރަށެއްގެ ގޮތުގައެވެ. އެގޮތައް ޒަމާންތަކަކަށް އޮތުމަށްފަހު އަލިފާން ފަރުބަދަތައް ގޮވުމުގެ ހާދިސާއަކަށްފަހު ރަށް ފަނާވެ ނެތިދިޔައެވެ. އެހިސާބުން ފަރުބަދަތައް މަޑުމަޑުން ކަނޑުގެ އަޑިއަށް ފުންވަމުން ދިޔައެވެ. ހަމައެއާއެކު ފަރުބަދަތަކުގައި އެކި ސިފަސިފައިގައި އެކި ބާވަތްބާވަތުގެ މުރަކަތައް ވަރަށް ބާރަށް ހެދެންފެށިއެވެ. މި މުރަކަތަކުގެ ބަގީޗާތައް ހެދި ބޮޑުވަމުންއައިސް ރާޅުޖަހާ ހިސާބަށް އައުމާއެކު ރާޅުތަކާއެކު މުރަކަ މައްޗައް ދޮންވެލި އަރަން ފެށިއެވެ. އެއްމެ ފަހުން ދޮންވެލި ފިނޮޅުތަކަކުން ރާއްޖޭގެ ރަށްތައް ދެވަނަ ފަހަރަށް އިންޑިއާ ކަނޑުގައި ވިދާ ބަބުޅަންފެށިއެވެ. ރާޅުތައް ދޮންވެލި ފިނޮޅުތަކަށް ބީއްސަމުން ދިޔައީ ތަފާތު ބާވަތް ބާވަތުގެ އޮއްތަކާއެކުގައެވެ. ހަމައެއާއެކު ދޫނިތައްވެސް ދިޔައީ ތަފާތު ގަސްގަހުގެ އޮއްތައް ފިނޮޅަށް ގެނެސް ފިނޮޅު އާލާކުރަމުންނެވެ. މިއޮއްތަކުން ގަސް ފަޅައި ފިނޮޅުގެ ވެލިގަނޑު ހަރުވެއްޔަށް ބަދަލުވެ ރަށެއްގެ ގޮތުގައި އުދަރެހުން ފެންނަން ފަށައެވެ. ރަށް އުފެދުމަށްފަހުވެސް ކޮންމެ ދުވަހަކު ރަށް އުފެދުމުގެ މަރުހަލާގައި ހިނގި ހުރިހާ ކަމެއް ތަކުރާރުވަމުންދެއެވެ. ރާޅުތައް ގޮނޑުދޮށަށް ބީއްސާލައެވެ. ފުއްޓަރަށް ބިންދާލާ ކޮންމެ ރާޅަކާއެކު މުރަކައިން އުފެދިފައިވާ އަތޮޅުގެ އެތެރެވަރިއަށް ނުވަތަ ފުއްޓަރު ފަރާތު އޮންނަ މައި ތޮށިމަތީ އުފެދިފައި އޮންނަ ރަށްތަކުގެ ގޮނޑުދޮށަށް ދޮންވެލި އަރަމުންދެއެވެ. މިނިޒާމުގެ ތެރެއިން ރަށްތަކުގެ ބިމުގެ ސަރަހައްދު ފެތުރެމުން ބޮޑުވަމުންދެއެވެ.
ރަށްތައް އުފެދުމުގައި އެއްމެ ބޮޑު ދައުރެއް އަދާކުރާ އެކައްޗަކީ ރާޅާއެކު ގޮނޑުދޮށަށް ބީއްސާލާ ދޮންވެއްޔެވެ. މިދޮންވެއްޔަކީ ރަށުގެ ވަށައިގެން ލެވިފައިވާ ދިރުންހުރި ފަށަލައެކެވެ. މިފަށަލަ ކޮނެގެން ނަގައި ހުސްކުރުމުގެ ނަތީޖާއަކީ ރަށުން ބައެއް އުނިވެގެން ނެތިގެން ދިއުމެވެ. މިގޮތައް ރަށުން ބައެއް ނެތިގެން ދިއައިމާ ރަށް ގިރަނީއޭ ކިޔައި ރައްޔިތުންނަށް އޮޅުވާލައި ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލުމަކީ ހަމަޖެހޭގޮތެއް ނޫނެވެ. މިގޮތައް ރައްޔިތުންނަށް އޮޅުވާލައިގެން ތޮށި ލުމުގެ ޕްރޮޖެކްޓެއް ހިންގުމުގެ ބަދަލުގައި ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދޭންޖެހެއެވެ. ރަށުގެ ގޮނޑުދޮށާއި ފަޅުތެރެ ހުރި ވެލިކޮޅު ރަށުގެ ގޮނޑުދޮށުން ބޭރުވެ، އަތޮޅު ދުނިން ބޭރަށް ފުވައްމުލަކަށާއި، ހުވަދުއަތޮޅަށް ވިއްކުން ހުއްޓާލައި، ބާރުގަދަ ޑްރަގަށް ދެވިހިފާފައިވާ ޒުވާނުންގެ ބޭނުންކޮށްގެން ރަށުގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނަގަމުންދާ ގްރޫޕްތަކުން އެކަންތައް ހުއްޓާލުމުން ރަށް ނުގިރާނެއެވެ. އޭރުން ފޫޓުފީތާ އެޅުމުން ތިޔަ ފެންނަ 8 ފޫޓުގެ ސަރަހައްދު ގިރައިގެން ގޮސްފައިވާތަނެއް ނުފެންނާނެއެވެ.


Recent Comments