ބާވީސްވަނަ ހަފްތާ ބަންދު: ތުރާ ފިލުވުމުގެ މައްސަލަތައް މިހާރު ހުށަހަޅަންޖެހެނީ ކޯޓަށެވެ.
ރުއްވެއްޓުމުގެ ހިތާމަވެރި ހާދިސާއަށްފަހު ރައްޔިތުންގެ ފަރާތުން އެއްމެ ގިނައިން ވޭތުވެދިޔަ ހަފްތާގައި އަޅުގަނޑާއި ހަމައަށް އައިސްފައިވާ ޝަކުވާއަކީ، ގޭގޭގެ ގޯތިތެރޭގައި މަގުމައްޗަށް ވާގޮތައް ހުރި ރުއްތައް ސަރުކާރުގެ ޚަރަދުގައި ކެނޑިއިރު، ރުކުގެ ކޮޅު އެކަނި ކަނޑާލާފައި ދޫކޮށްފައި ހުރުމުން، ކުރިމަތިވެފައިވާ ނުރައްކަލުގެ ޝަކުވާތަކެވެ. ތެދެކެވެ. ރައްޔިތުންގެ ރައްކާތެރިކަމާއި، ސަލާމަތައްޓަކައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ރުއް ކަނޑާފައިވާނަމަ، އެ ކަނޑާލި ރުއްތަކުން އިތުރަށް ރައްޔިތުންނަށް ނުރައްކާވެގެން ނުވާނެއެވެ.
މަގުން ހިނގާމީހުންނަށާއި، ދުއްވާ ތަކެއްޗައް ނުރައްކާވާގޮތަށް ހުރި 121 ރުއް އޮފީހުންވަނީ ފާހަގަކޮށްފައެވެ. އަދި އެރުއްތައް ކަނޑައި ނެގުމަށް ކޮންމެ ރުކަކަށް 285 ރުފިޔާގެ ރޭޓުން މިދިޔަ ޖެނުއަރީ މަހު 26 ވަނަ ދުވަހު މީހަކާއެކު އެއްބަސްވުމެއްގައި ސޮއިކުރެވި، ޖުމްލަ 34465 ރުފިޔާގެ މިމަސައްކަތް އެއް ހަފްތާތެރޭ ނިންމައި ރަށު އޮފީހުންވަނީ މަސައްކަތް ކުރިފަރާތައް ފައިސާ ހަވާލުކޮށްފައެވެ. މީގެ އިތުރުން ކަނޑައި ނެގުމަށް ހަމަޖެއްސި 121 ރުކުގެބަދަލަށްވާ ފައިސާ އެރުކު ވެރިފަރާތްތަކަށް ސަރުކާރުންވަނީ ދެއްވާފައެވެ.
ކަންމިހެން ހުރުމާއެކު ގަބޫލުކުރަންޖެހޭ ހަގީގަތަކީ ސަރުކާރުން މިމަސައްކަތް ކުރުވާފައިވަނީ ރައްޔިތުމީހާއަށް ދޭންޖެހޭ ހުރިހާ ބަދަލެއް ދިނުމަށްފަހު، ރުކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ނުރައްކަލުން ސަލާމަތްކުރުމުގެ މަގްސަދުގައެވެ. އެހެންނަމަވެސް އާޚިރު ނަތީޖާއަކީ ސަރުކާރުގެ މަގްސަދު ހާސިލްނުވެ ރައްޔިތުން އިތުރު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅުމެވެ. މިކަމުގެ ޒިންމާ ނަގަންޖެހެނީ ކޮންބައެއް ހެއްޔެވެ؟
މިރާއްޖޭގައި ޤާނޫނީ ޙުކޫމާތެއް ޤާއިމުވުމުގެ ކުރިންވެސް އަދި އޭގެ ފަހުންވެސް އަޅުގަނޑުމެންނަކީ ގޯތި ތެރޭގައި ރުއްގަސް އިންދައި ހައްދައިގެން އޭގެ ބޭނުން ކެއުމަށާއި، އާމްދަނީ ހޯދުމަށްޓަކައި ކުރަމުން އަންނަ ބަޔަކީމެވެ. އެހެންކަމުން ގޯތި ދޫކުރާއިރު އިޤްރާރުވާ އާއްމު އުސޫލްތަކާއި އެއްބަސްވާ އެއްބަސްވުންތަކުގައި ކޮންމެ އެއްޗެކޭ އޮތަކަސް އަޅުގަނޑުމެންނަށް ފަރުވާލެއްނެތެވެ. ޖެހިގެންހުރި އަވައްޓެރިޔާއަށް ކިތައްމެ ތުރާލެއް ކުރިމަތިވިޔަސް، ކިތައްމެ ބޮޑު ގެއްލުމެއްވިޔަސް ފަރުވާލެއް ނެތެވެ. މަގުން ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ކިތައްމެ ބޮޑު ނުރައްކަލެއް ގޯތި ތެރޭގައި ހުރި ރުކުން ކުރިމަތިވިޔަސް އަޅާލުމެއް ނެތެވެ.
އެނގިވަޑައިގަންނަވާނެ ފަދައިން މިރާއްޖެ މިއޮތީ ބަދަލުވެފައެވެ. ތިންބާރު ވަކިވެފައިވާ ޑިމޮކްރެޓިކް ނިޠާމެއްގައި އަޅުގަނޑުމެންނަކަށް ދެމީހުންގެ ދެމެދުގައި، ދެއާއިލާއެއްގެ މެދުގައި ނުވަތަ ދެ އަވައްޓެރިންގެ މެދުގައި ޖެހޭ މައްސަލަތައް ތަހުގީގުކޮށް ބަޔާން ނަގައި، އެފަރާތްތަކަށް އަމުރުކުރުމުގެ ބާރެއް ނެތެވެ. އެފަދަ މައްސަލަތަކުގައި އަޅުގަނޑުމެންނަށް އޮތް ދައުރަކީ ޝަރުޢީ ކޯޓަކުން ކުރާ ހުކުމް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތެވެ.
ދަތިވާ ރުކުގެ މައްސަލަތަކާއި ބެހޭގޮތުން އަވައްޓެރިޔާ އާއި ވާހަކަދެއްކުމަށްފަހު، ސުލްހަވެރި ހައްލެއް ނުލިބިއްޖެނަމަ ކޯޓަށް ވަޑައިގަންނަވާށެވެ. ތުރާފިލުވުމުގެ މައްސަލައެއްގެ ގޮތުގައި ކޯޓަށް ހުށަހަޅާއިރު ބޭނުންވާނީ 2 ހެކިވެރިންނެވެ.


Recent Comments