Home > Office Weekend > އެކާވީސްވަނަ ހަފްތާ ބަންދު: އަވައްޓެރިޔާއަށް އުނދަގޫވަނީއެވެ. އަދި އަވައްޓެރިޔާގެ ފުރާނައަށްވެސް ނުރައްކާވަނީއެވެ.

އެކާވީސްވަނަ ހަފްތާ ބަންދު: އަވައްޓެރިޔާއަށް އުނދަގޫވަނީއެވެ. އަދި އަވައްޓެރިޔާގެ ފުރާނައަށްވެސް ނުރައްކާވަނީއެވެ.

އޮފީހުގައި ހޭދަކުރެވުނު އެކާވީސް ހަފްތާގެ ތެރޭގައި، އެއްމެ ގިނައިން ރައްޔިތުންގެ ފަރާތުން ލިބުނު އެއް ޝަކުވާއަކީ އަވައްޓެރިޔާގެ އުނދަގުލުން ސަލާމަތް ނުވެވިގެން އުޅެންޖެހުމުގެ ޝަކުވާތަކެވެ. އަވައްޓެރިޔާގެ ގޯތިތެރޭގައި ހުރި ރުއްގަހުން ފައިބާ ބަނބުކޭލާއި، ކާށިން ފުރާޅު ސަލާމަތްނުވެވިގެން އުޅޭ ވާހަކައެވެ. ޖެހިގެން ހުރި ގޯތީގެ ފާޚާނާ ޖަންކްޝަން މަދިރި އުފެދޭގޮތައް ދޫކޮށްލެވިފައިވާ ވާހަކައެވެ. ކާބަފައިންގެ ޒަމާނުއްސުރެ ހައްދަމުން ދިޔަ އޮޅަށް ކުނިއުކުމާއި، އޮޅާއި އިންވެގެން އޮތް ގޯތީގައި ގެންގުޅޭ ބަކަރިތަކުގެ ފާޚާނާއަކަށް އޮޅު ބަދަލުވެގެން އުޅޭ ވާހަކައެވެ. ލިސްޓް އިތުރަށް ދިގުކުރުމުގެ ބޭނުމެއްނެތެވެ.

އަޅުގަނޑުމެންނަކީ މުސްލިމުން ކަމުގައިވާނަމަ، އަޅުގަނޑުމެންގެ ފަރާތުން ޖެހިގެން ހުރި އަވައްޓެރިޔާއަށް ކިތައްމެ ކުޑަނަމަވެސް ގެއްލުމެއް ނުވަތަ އުނދަގުލެއް ވެގެން ނުވާނެއެވެ. ނަމަވެސް ފެންނަ މަންޒަރު ހާދަހާ ތަފާތެވެ. ގޯތިތެރޭގައި ހުރި ރުކަކުން އަވައްޓެރިޔާގެ ފުރާޅަށް ގެއްލުންވާތީ، އެރުއް ކަނޑާލަދިނުމަށް އަވައްޓެރިޔާ އެދުމުން އަޅުގަނޑުމެން އެ އަވައްޓެރިޔާއަށް ދޭޖަވަބަކީ 500 ރުފިޔާ ދިނުމަށްފަހު ރުއް ކަނޑާލާށެވެ. އެހެން ނޫންނަމަ އަޅުގަނޑުމެން ދޭޖަވާބަކީ މިއެވެ. މިތަނުގައި ކަލޭ ގެދޮރު އިމާރާތްކުރީ އަހަރެން ބުނެގެން ނޫނެވެ. ކަލޭ މިތަނަށް އައީ އަހަރެން މިތަނުގައި ރުއްގަސް އިންދައިގެން ދިރިއުޅެންމުން ދަނިކޮށެވެ. އެހެންވީމާ ކަލެއަށް އުނދަގޫވާތީއޭކިޔާފައި އަހަރެންގެ ރުއްގަސް ކަނޑާލާކަށެއް ނުޖެހެއެވެ.

އަވައްޓެރިޔާއަށް އަޅުގަނޑުމެން ދިން ޖަވާބާއި ފާއިތުވެދިޔަ ހަފްތާގައި ހިގާދިޔަ ހާދިސާއާއި ގުޅުމެއް ނުވޭހެއްޔެވެ؟ އަވައްޓެރިޔާގެ ގޯތީތެރޭގައި ހުރި ދިވެހި ރުކެއް ފުރާޅުމައްޗައް ވެއްޓި ގޭގައި ނިދާފައި އޮތް 19 އަހަރުގެ އަންހެން ކުއްޖާގެ ލޮލަށް ސީރިޔަސް ޒަޚަމްތަކެއް ލިބުނީ ކީއްވެގެން ހެއްޔެވެ؟ އެއްމެ 500 ރުފިޔާއަށްޓަކައި ނުވަތަ ގޯތި ތެރޭގައި އިންދާފައިވާ ބަނބުކެޔޮގަހުން ލިބިދާނެ މާއްދީ ފާއިދާއަކަށްޓަކައި އަވައްޓެރިޔާއަށް ޖިސްމާނީ ގޮތުންނާއި، މާއްދީގޮތުން ބޮޑެތި ގެއްލުންތައް ވުމަށް އެދެނީ ކީއްވެގެން ހެއްޔެވެ؟

މިދެންނެވި ހާދިސާގައި ގެއްލުންވި ގޭގެ ފުރާޅާއި ކޮޓަރީގެ ފާރު މިހާރުވަނީ ސަރުކާރުގެ ޚަރަދުގައި މަރާމާތުކޮށް ނިމިފައެވެ. މީގެ އިތުރުން އަނިޔާވި ކުއްޖާވެސް ސަރުކާރުގެ ޚަރަދުގައި މިހާރު އިންޑިއާއިން އެގެންދަނީ ފަރުވާހޯދަމުންނެވެ. ނަމަވެސް މިހާތަނަށް އެކުއްޖާ ބެއްލެވި ހުރިހާ ޑޮކްޓަރުންވެސް ވިދާޅުވަނީ އެކުއްޖާގެ ޒަޚަމްވީ ލޮލަށް ފެންނާނެކަމުގެ އުއްމީދެއްނެތްކަމަށެވެ. އަޅުގަނޑުގެ އުއްމީދަކީ، އަދި ދުޢާއަކީ މާތްﷲ ގެ ހެޔޮ ރަހުމަތްފުޅުން އެކުއްޖާގެ ލޮލުގެ ފެނުން އަނބުރާ ލިބުމެވެ.

ތިމާ އާއި ތިމާގެ އަނބިދަރިންގެ ރައްކާތެރިކަމާއި ސަލާމަތައް ހުރަސްއެޅި، ޖާނާއި މާލަށް ގެއްލުންވާފަދަ ކަންކަމުގައި އަވައްޓެރިޔާގެ ފަރާތުން އެއްބާރުލުން ނުލިބޭނަމަ ދެން އޮތް މަރުހަލާއަކީ މަދަނީ މައްސަލައެއްގެ ގޮތުގައި މައްސަލަ ކޯޓަށް ވެއްދުމެވެ. ތުރާފިލުވުމުގެ މައްސަލައެއްގެ ގޮތުގައި ކޯޓަށް މައްސަލަ ވައްދާށެވެ. އޭރުން 500 ރުފީޔާދީފައި ރުއް ކަނޑާލާށޭ ބުނުމުގެ ޖާގައެއް ނޯންނާނެއެވެ.

Categories: Office Weekend
  1. October 27, 2009 at 8:39 am | #1

    މިކަހަލަ ކަންތައް ތަކުރާރު ނުވުވުމަކީ އެންމެންގެވެސް އެދުމަކައް ވާންވާނެކަމައް ދެކެމެވެ.

  1. No trackbacks yet.