Home > Office Weekend > ވިހިވަނަ ހަފްތާ ބަންދު: އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަމަލުކުރަން ފެށުން

ވިހިވަނަ ހަފްތާ ބަންދު: އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަމަލުކުރަން ފެށުން

އަލަށް އެކުލަވާލެވުނު އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ 15 އެޕްރީލް 2009 ވަނަ ދުވަހުއެވެ. މިގާނޫނަކީ 2005 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 1 އެޕްރީލް 2009 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނެކެވެ. މިގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއެކު ކުރިން އަމަލުކުރަމުން ގެންދެވި ގާނޫނު ނަންބަރު 7/95 އެއްގަމުގައި ދުއްވާ އެއްޗެއްސާބެހޭ ގާނޫނު ވަނީ އުވިފައެވެ. ނަމަވެސް މިގާނޫނު އަތޮޅު ތަކުގައި ތަންފީޒު ކުރަން ފަށާފައިވަނީ 1 އޮކްޓޫބަރު 2009 ވަނަ ދުވަހުން ފެށިގެންނެވެ.

އަތޮޅު ތަކުގައި މިގާނޫނު ތަންފީޒު ކުރަން ފެށުމާއެކު ރައްޔިތުންގެ ޝަކުވާތަކުގެ އަޑު ގުގުމާލިއެވެ. ސަބަބަކީ ގާނޫނު ބައްޓަންކުރެވިފައި އޮތީ ހަމައެކަނި ވެރިކަންކުރާ މާލެއަށްވެފައި، އަތޮޅު ތަކުގައި މިގާނޫނުގައި ބުނާ ކަންތައްތައް ފުރިހަމަވެފައި ނެތުމެވެ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކޮށް އެގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފިނަމަ، އެގާނޫނަކަށް އަމަލުކުރުމަކީ ސަރުކާރަށާއި، އެއްމެހާ ދިވެހި ރައްޔިތުންނަށް ލާޒިމްކުރާކަމެކެވެ.

އެއްވެސް ޝައްކެތްނެތްގޮތުގައި ރައްޔިތުންގެ މައްޗަށް ގާނޫނެއް ތަންފީޒުކުރުމުގެ ކުރިން އެގާނޫނާއި ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކޮށް، އެގާނޫނުގައި ބުނާ ކަންތައްތައް ފުރިހަމަކުރުމަށް ބާރުއެޅުމަކީ ހެޔޮވެރިކަމެއް ކުރާ ސަރުކާރަކުން ކުރަންޖެހޭނެކަމެކެވެ. އަދި އެގާނޫނު ތަންފީޒުކުރުމުން ރައްޔިތުންނަށް ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހޭނަމަ، އެކަންތައް ވީހާވެސް ކުޑަކުރެވޭތޯ މަސައްކަތް ކުރުމަކީވެސް ކޮންމެހެން ކުރަންޖެހޭނެކަމެވެ. މިގޮތުން ބަލާއިރު، އަލަށް އެކުލަވާލެވުނު ގާނޫނުގެ ސަބަބުން އަތޮޅު ތަކުގެ ވަރަށް ގިނަ ރައްޔިތުންނަށް ވަރަށް ބޮޑު ދަތިތަކާއި ކުރިމަތިލާންޖެހެއެވެ. ގިނަ ރަށް ރަށުގައި އެއްމެ ކުޑަމިނުން ލައިސަންސަން ނެގޭކަށް ނުހުރެއެވެ. ލައިސަންސް ނެގުމަށްޓަކައި، އަތޮޅުގެ ވެރިކަން ކުރާ ރަށަށް ދިއުމަކީ ޚަރަދު ބޮޑުކަމެކެވެ. ލައިސަންސްނެތި ދުއްވައިފިނަމަ ކުރިމަތިލާންޖެހޭ ޖުރިމައިނާ އެހާ ބޮޑެވެ.

ކަންމިހެން ހުރުމާއެކު، އަޅުގަނޑާއި ހުޅުދޫ ކައުންސިލަރ ގުޅިގެން ރައްޔިތުންނަށް މިކަމުގައި ލުއިތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރީމެވެ. އެގޮތުން އަލަށް އެކުލަވާލެވުނު ގާނޫނު މިދެރަށުގައި ތަންފީޒުކުރަން ފެށުން ލަސްކުރުމަށް ޕްރޮވިންސް އޮފީހުގައި އެދުނީމެވެ. މީގެ އިތުރުން ރަށުގައި ތިބެގެން ލައިސަންސް ލިބޭނެގޮތް ހަމަޖެއްސުމަށްޓަކައި، ކަމާއިބެހޭ ފަރާތްތަކާއެކު ކުރެވުނު މަޝްވަރާތަކުން މިހާރު މިވަނީ އެކަން ހަމަޖެހިފައެވެ. އެގޮތުން ފާއިތުވި ދެހަފްތާގައި އަތޮޅު އޮފީހުގެ ޚާއްސަ ޓީމެއް ރަށަށް ގެނެސް ލައިސަންސް ޓެސްޓް ބުރުތަކެއް ވަނީ ބޭއްވިފައެވެ. މިޓެސްޓް ބުރުގައި މިދެރަށުން 200 އަށްވުރެ ގިނަ މީހުން ބައިވެރިވެ، ދެތިން މީހަކު ފިޔަވައި އެހެން ހުރިހާ އެއްމެންވަނީ އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމުގެ އެކި ކެޓަގަރީތަކުން ލައިސަންސް ނަގާފައެވެ.

ލައިސަންސް ޓެސްޓްގެ ތިންވަނަ ބުރެއް ބޭއްވުމަށްވެސް މިހާރުވަނީ ހަމަޖެހިފައެވެ. މިޓެސްޓް ބުރުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިހިނގާ ހަފްތާގެ އަންގާރަދުވަހު އޮފީސް ބަންދުވުމުގެ ކުރިން އެޕްލިކޭޝަން ފޯމްތައް އޮފީހަށް ހުށަހަޅަންވާނެއެވެ. މިއީ އެއްގަމު ދަތުރުފަތުރުގެ ގާނޫނު މިރަށުގައި ތަންފީޒު ކުރުމުގެ ކުރިން ބާއްވާނެ އެއްމެ ފަހު ޓެސްޓް ބުރު ކަމަށްވުމާއެކު، ލައިސަންސް ނުނެގި ތިބި ހުރިހާ ބޭފުޅުން މިލައިސަންސް ބުރުގައި ބައިވެރިވެ ލައިސަންސް ނެގުމަކީ އަޅުގަނޑުގެ ވަރަށްބޮޑު އެދުމެކެވެ.

ރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން ލައިސަންސް ލިބޭނެގޮތް ހަމަޖެއްސުމަށް މިކުރެވުނު މަސައްކަތުގެތެރޭގައި ގިނަ ގުނަ ދަތިތަކާއިވެސް ކުރިމަތިލާންޖެހުނެވެ. އެނިގަވަޑައިގަންނަވާނެފަދައިން މިކަމަކީ ރަށު އޮފީހުގެ ވަކި ބަޖެޓެއް އޮވެގެން ކުރެވުނު ކަމެއް ނޫނެވެ. އެހެންކަމުން އަތޮޅު އޮފީހުން ވަޑައިގެންނެވި ޓީމް މެމްބަރުންގެ ފަރިއްކޮޅާއި ސައިގެ ކަންތައްތައް ހަމަޖައްސަންޖެހުނީ އަމިއްލަ ޖީބުންނެވެ. އެގޮތުން ލައިސަންސް ޓެސްޓް ބޭއްވުމަށް ފުރަތަމަ ދުވަހު އަތޮޅު އޮފީހުން ގެނައި ޓީމްގެ މެންދުރު ކެއުމާއި، ހަވީރު ސައިގެ ޚަރަދު ބެލެހެއްޓީ އަޅުގަނޑެވެ. ދެވަނަ ދުވަހުގެ ޚަރަދު ބެލެހެއްޓެވީ ހުޅުދޫ ކައުންސިލަރެވެ. ރައްޔިތުންނާއި ގުޅުންހުރި މިފަދަ ކަންކަމަށް އަމިއްލަ ޖީބުން ޚަރަދުކުރުމަކީ އަޅުގަނޑަކަށް މާބޮޑު މައްސަލައެއް ނޫނެވެ. އަޅުގަނޑަށް މައްސަލައަކަށް ދީމާވަނީ ރަށުގައި “އިސްކޮށް” ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން މިފަދަ ކަންކަމަށް ހުރަސް އަޅުވަން އުޅުއްވާތީއެވެ. މިކަމާއިބެހޭ އިތުރު ތަފްސީލް މިއަންނަ ހަފްތާގެ ރިޕޯޓްގައި ގެނެސްދޭނަމެވެ.

ކިތައްމެ ދަތިތަކެއް ދިމާވިނަމަވެސް ރަށުގައި ތިބެގެން ލައިސަންސް ނަގަން ބޭނުންވާ ހަމަ ކޮންމެ މީހަކަށް އެފުރުސަތު ލިބިގެން ދިޔައީ ހުޅުދޫ އޮފީހާއި، މީދޫ އޮފީހުގެ މުވައްޒަފުންގެ އިތުރުން އަތޮޅު އޮފީހުގެ މުވައްޒަފުންގެ ވަރަށް ބޮޑު އެއްބާރުލުމެއް މިކަމުގައި ލިބިގެންނެވެ. އެހެން ކަމުން މިކަމުގައި އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ މުވައްޒަފުންނަށް މިފުރުސަތުގައި ޝުކުރުދަންނަވަމެވެ. އެބޭފުޅުން މަސައްކަތް ކޮށްދެއްވާފައިވަނީ އެއްވެސް ބާވަތެއްގެ އިނާޔަތެއް އެލަވަންސެއްނެތި ރައްޔިތުންގެ ޚާދިމުންގެ ގޮތުގައެވެ.

Categories: Office Weekend
  1. No comments yet.
  1. No trackbacks yet.