Home > People > ވަކިވެންގެން އެދިޔައީ ދިވެހި ތާރީޚަށާއި، ތައުލީމަށް ގިނަ ގުނު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް

ވަކިވެންގެން އެދިޔައީ ދިވެހި ތާރީޚަށާއި، ތައުލީމަށް ގިނަ ގުނު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެއް

 އޯގަސްޓް 1،  1958 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް އަބްދުﷲ ޒަމީރަކީ މީދޫގެ ވަރަށް މަޝްހޫރު އާއިލާއެއްގެ ބޭފުޅެކެވެ. އޭނާގެ ކާފާފުޅަކީ މުޅި އައްޑު އަތޮޅުގައި އުފެދުނު އެއްމެ ވަރުގަދަ އެއް ޝަޚުސިއްޔަތު ކަމަށްވާ އައްޑޫ މީދޫ ފެންނާ މަނިކުފާނެވެ. ފެންނާ މަނިކުފާނަކީ އައްޑު އަތޮޅުގެ ނައިބުކަންވެސް ކުރެއްވި ބޭފުޅެކެވެ. ޒަމީރުގެ ބައްޕައަކީ ސ.މީދޫ ކަތީބުކަން ވަރަށް ގިނަދުވަހު ކުރެއްވި ބޭފުޅެއްކަމަށްވާ އެދުރުގެ މުހައްމަދު ނަސީމް އެވެ.

އަބްދުﷲ ޒަމީރު އިބްތިދާއީ ތައުލީމް ހާސިލްކުރެއްވީ ސ.މީދޫ ހިދާޔާ ސްކޫލުންނެވެ. އޭގެ ފަހުން މަތީ ތައުލީމް ހާސިލްކުރެއްވުމަށް މާލެވަޑައިގަތެވެ. މާލެ ގޮސް ފުރަތަ އަބްދުﷲ ޒަމީރު އުޅުއްވީ ބޮޑުފެންވަޅުގޭ ސީދީގެ އަރިހުގައެވެ. މަޖީދިއްޔާ އާއި ކުރީގެ އެސްއީސީއިން ތައުލީމް ހާސިލްކުރެއްވުމަށްފަހު މެނޭޖްމަންޓްގެ ދާއިރާއިން ޑިގްރީ ހާސިލްކުރެއްވެވީ ބޭރޫތު ޔުނިވާސިޓީގައެވެ. ބޭރޫތުން މާލެ ވަޑައިގަތުމަށްފަހު ޒަމީރު ވެވަޑައިގެންފައިވަނީ ގައުމަށް ޚިދުމަތްކުރެއްވުމުގައި ވަރަށް ފުރިހަމަ ނަމޫނާއެއް ދެއްކެވި ބޭފުޅަކަށެވެ.

ޒަމީރުގެ ޚިދުމަތްތަކުގެ ތެރޭގައި އެއްމެ ފާހަގަކުރެވޭ އެއްދާއިރާއަކީ ތައުލީމީ ދާއިރާއެވެ. ރާއްޖޭގެ ތައުލީމް ކުރިއެރުވުމަށް ފޫހިކަމެއްނެތި ވަރަށް ބުރަކޮށް ޒަމީރުވަނީ ހިލޭސާބަހަށް މަސައްކަތް ކުރަށްވާފައެވެ. މީގެ އިތުރުން މެނޭޖްމަންޓް ދާއިރާއިން ޒަމީރުވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން އަބްދުﷲ ޒަމީރު ރައީސް އޮފީހުގައި މަސައްކަތްކުރެވި އިރު އެއޮފީހުގައި އުފެއްދެވި ޕަބްލިކް ސާވިސް ޑިވިޒަންއަކީ އޭނާގެ މޭސްތިރިކަމުގައި އުފެއްދެވި ޑިވިޒަނެކެވެ. މީގެ އިތުރުން ދިވެހި ސަރުކާރުގެ މުވައްޒަފުންގެ ގަވާއިދު އެކުލަވާލައި، ރާއްޖޭގެ ރަށް ރަށުގެ ކަތީބުން ތަމްރީނުކުރުމުގެ މުޅި މޮޑިއުލް އެކުލަވާލައި، އަމިއްލައަށް މުގައްރަރެއް ލިޔުއްވައިގެން ކަތީބުން ތަމްރީނުކުރުމުގެ މަސައްކަތް ފެށުނީއްސުރެ ކުރެއްވީ ޒަމީރުއެވެ.

ޒަމީރު އަކީ ތާރީޚް ދިރާސާކުރެއްވުމަށް ވަރަށްބޮޑަށް ލޯބިކުރެއްވި ބޭފުޅެކެވެ. ރާއްޖޭގެ ގަދީމީ ތާރީޚާއި، މިޒަމާނުގެ ތާރީޚާއި، މުޅި ދުސްތޫރީ ހަޔާތް ދިރާސާކުރައްވައި، ގިނަ މަޒުމޫނުތަކާއި، ރިޕޯޓްތައް ލިޔުއްވިއެވެ. އެގޮތުން ޖަމާއަތުގެ ޚަބަރާއި، ފުރަދާނަ، ހުކުރާއި ހަވީރު ނޫސް އަދި އާފަތިސް ނޫހަށް އަބްދުﷲ ޒަމީރު ލިޔުއްވިއެވެ.

“ކޮންމެ މީހެއްގެ ކޮންމެ ކަމެއް އޭނާގެ ޑޭޓާ ބޭސްގައި ދުވަހުން ދުވަހަށް ރިކޯޑް ކުރެވެމުންދޭ. ކިތައްމެ ނުތަނަވަސް ވަގުތެއްގައި ވިޔަސް އެ މައުލޫމާތުތަކަކީ ވަގުތުން އޭނާއަށް ދެވެން ހުންނަ މައުލޫމާތު. ޒަމީރަކީ ލަފާކޮށް ނުލެވޭވަރުގެ ބޮޑު ޕަބްލިކް އެންސައިކްލޮޕީޑިއާއެއް. ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޒަމީރުއާއި ބެހޭގޮތުން ވިދާޅުވިއެވެ. އަބްދުﷲ ސައީދުއަކީ ޒަމީރު އާއި ދެބެއިންގެ ދެދަރި ބޭފުޅެކެވެ.

މަޖައްލާތަކަށާއި، ނޫސްތަކަށް ލިޔުއްވާފައިވާ ތާރީޚީ ލިޔުންތަކުގެ އިތުރުން ޒަމީރު ވަނީ ފޮތްތައް ވެސް ލިޔުއްވާފައެވެ. އޭގެ ތެރޭގައި ހިންގުމުގެ ދާއިރާގެ އިލްމީ ފޮތްތަކާއި، ތާރީޚީ ދިރާސާތަކުގެ ފޮތްތައް ހިމެނެއެވެ. ޒަމީރު އަވަހާރަވުމުގެ މަހެއް ދުވަސް ކުރިން ދެ ފޮތެއް ލިޔުއްވައި ޗާޕްކުރުމަށް ތައްޔާރުކުރަށްވާފައިވެއެވެ. އެއީ ދިވެހިރާއްޖޭގެ ގާނޫނީ ހުކޫމަތް ފެށުނު ފަހުން ވަޒީރުކަން ކުރެއްވި ބޭފުޅުންނާއި، ވުޒާރާތަކާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި، ފަނޑިޔާރުގެތަކާއި ބެހޭ ދެފޮތެވެ.

ޒަމީރަކީ އެކިވައްތަރުގެ ފޮތްތައް އެއްކުރަށްވައި، ފޮތް ވިދާޅުވުމަށް ލޯބިކުރެއްވި ބޭފުޅެކެވެ. އެގޮތުން މަޖްދުއްދީން ލައިބްރަރީގެ ނަމުގައި ލައިބްރަރީއެއް ރަޖިސްޓްރީ ކުރަށްވައިގެން ފޮތް އެއްކުރުމުގެ މަސައްކަތް ކުރަށްވަމުން ގެންދެވިއެވެ. މިލައިބްރަރީ އާއްމުންނަށް ހުޅުވާލުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނެކެވެ. އަބްދުﷲ ޒަމީރު އަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް ސޮއިކުރި 42 ބޭފުޅުންގެ ތެރޭގައިވެސް ހިމެނޭ ބޭފުޅެކެވެ. އަދި ރާއްޖެއަށް ޑިމްކްރަސީ ތައާރަފުކުރުމަށް 2004 ވަނަ އަހަރު ފެށުނު އިސްލާހީ މަސައްކަތުގެ ތެރޭގައި ރައްޔިތުންނަށް ޑިމޮކްރަސީ ބުނެއްދެއްވުމަށް ޕޯޑިއަމްތަކުގައި ލެކްޗާތައް ދެއްވިއެވެ. ނަމަވެސް ޒަމީރުއަކީ ސިޔާސީ ދާއިރާއާއި ވަރަށް ދުރުގައި އުޅުއްވި ބޭފުޅެކެވެ.

ޒަމީރުގެ ހަޔާތުގެ ބޮޑު ބައި ރަށުން ބޭރުގައި ހޭދަކުރެއްވިނަމަވެސް ޒަމީރު އަކީ ރަށު މީހުންނާއި، ވަރަށް ބޮޑު ގާތް ގުޅުމެއް ބާއްވަމުން ގެންދެވި ބޭފުޅެކެވެ. ކިތައްމެ ކުޑަ ދުވަސްކޮޅަކަށް ރަށަށް އާދެވުނަސް ޒަމީރުއަކީ ދިމާވާ ހަމަ ކޮންމެ މީހަކާއި، ވަރަށް ހިތްހެޔޮކަމާއެކު، ވާހަކަދައްކަވައި، ގުޅުން ބަދަހިކުރެއްވި ސާދާ ބޭފުޅެކެވެ. ފައުންޑޭޝަން ފޯ މީދޫ ޑިވެލޮޕްމެންޓް އުފެއްދުމުގެ މޭސްތިރިއަކީވެސް އަބަދުﷲ ޒަމީރުއެވެ.

އަބްދުﷲ ޒަމީރު އަވަހާރަވީ 25 ސެޕްޓެމްބަރ 2009 ވަނަ ދުވަހުގެ ރޭ މެންދަމު 3.30 އެހާކަންހާއިރު ވަރަށް ކުއްލިގޮތަކަށް ހިތް ހުއްޓިގެންނެވެ. އަވަހާރަވިއިރު އަނބިކަނބަލަކާއި، 6 އަހަރުގެ ތުއްޕުޅު ފިރިހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވެ. މާތް ﷲ ޒަމީރުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރަށްވާށި.އާމީން.

Categories: People
  1. No comments yet.
  1. No trackbacks yet.