Home > About me, Meedhoo, Our Development > އެފް.އެމް.ޑީން އިންތިޒާމްކޮށްގެން 11 ޖޫން 2009 ވަނަ ދުވަހު ބޭއްވި ޖަލްސާގައި އަޅުގަނޑު ދެއްކި ވާހަކަ

އެފް.އެމް.ޑީން އިންތިޒާމްކޮށްގެން 11 ޖޫން 2009 ވަނަ ދުވަހު ބޭއްވި ޖަލްސާގައި އަޅުގަނޑު ދެއްކި ވާހަކަ

އައްސަލާމްއަލައިކުމް ވަރަހުމަތުއްﷲ

އަޅަމެންނަށް ވިސްނުމާއި ބުއްދި ދެއްވައި، އެބުއްދީގެ ބޭނުން އެއްމެ ފުރިހަމަގޮތުގައި ބޭނުންކުރުމަށް އެންގެވި އަޅަމެން ހައްދަވައި ގެންގުޅުއްވާ އެއްކައުވަންތަ މާތްﷲ ހަމްދާއި ޝުކުރުކުރަން. އަދި މިބިންމަތީގައި އުޅެންވީ ހެޔޮގޮތް އުނގަންނަވައިދެއްވި އަޅަމެންގެ ރަސޫލާ މުޙައްމަދު ސައްލައްﷲ އަލައި ވަސައްލަމްއަށް ސަލަވާތާއި ސަލާމްލެއްވުންއެދި ދުޢާކުރަން.

އާދެ! އަޅުގަނޑުމެން ރަށު އޮފީހުގެ ޒިންމާއާއިބެހޭގޮތުން ވާހަކަދައްކާއިރު، މިކަމުގައި ރައްޔިތުންނަށް އޮޅިވަޑައިގެންފައިވާ އެއްވެސްކަމެއް އޮވެގެންނުވާނެ. ރަށު އޮފީހަކީ އެރަށެއްގެ ރައްޔިތުންނަށް ދިވެހިރާއްޖޭގެ ގާނޫނުއަސާސީން ލިބިދޭންޖެހޭ ހުރިހާ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި އުފައްދަވާފައިވާ ސަރުކާރުގެ މުވައްސަސާއެއް. އާދެ! އެނގިވަޑައިގަންނަވާނެ ފަދައިން ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ވަކިރަށެއް ވަކިރައްޔިތެއް އިސްތިސްނާއެއް ނުކުރޭ. ތަފާތެއް ނުކުރޭ. އެހެންކަމުން ރަށު އޮފީހުގެ ޒިންމާއަކަށް ވާންޖެހޭނީ ދައުލަތުގެ މާލިއްޔަތު ތަންދޭ އެންމެ ފުޅާދާއިރާއެއްގައި، ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭންޖެހޭ ހައްޤުތައް ހޯދައިދިނުމަށް މަސައްކަތްކުރުން. އަޅުގަނޑު ކައުންސިލަރެއްގެ ހައިސިއްޔަތުން މީދޫ އޮފީހާއި ހަވާލުވުމުން އިހްސާސްކުރެވުނީ ބަނގުރޫޓްވެފައިވާ ކުންފުންޏަކާއި ހަވާލުވިހެން. ލާރިއެއް ނެތް. އެއްމެ ކުޑަމިނުން މިސްކިތް ސާފުކުރުމަށް މޮޕްއެއް ގަންނާނެ ލާރިނެތް. އެހެންނަމަވެސް މިރޭގެ މިބައްދަލުވުމަކީ އަޅުގަނޑު ގަބޫލުކުރާގޮތުން ފައިސާ ނެތަސް ރަށުގެ މައްސަލަތަކަށް ހައްލެއް ހޯދައިދުނުމަށްޓަކައި ކުރިއަށް އަޅާ ފުރަތަމަ ފިޔަވަޅު. އަޅުގަނޑުމެން އެއްމެން ގުޅިގެން މަސައްކަތްކޮށްފިނަމަ ކަންތައްތައް ދާނީ ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން.

އެއްވެސް ޝައްކެތްނެތް ގޮތުގައި ގައުމެއްގެ އެއްމެ އިސްފަރާތަކީ އެގައުމެއްގެ ރައްޔިތުން. ހަމަ މިއުސޫލުން ރަށެއްގެ އެއްމެ އިސްފަރާތަކީ އެރަށެއްގެ ރައްޔިތުން. ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ބުނެފައިވަނީ ދިވެހި ދައުލަތުގެ އެއްމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނޭ. އަދި އެބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށް. އެހެންވީމާ ރައްޔިތުންނަށް ގާނޫނު އަސާސީން ލިބިންޖެހޭ އަސާސީ ހައްގުތަކާއި، މިނިވަންކަން ހޯދުމަށްޓަކައި، ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން އަޅުގަނޑު މިހުރީ ތައްޔާރަށް. މިވަގުތު ސަރުކާރުން އައްޔަންކޮށްފައިވާ ކައުންސިލަރެއްގެ ހައިސިއްޔަތުން އަދި އާއްމު ފަރުދެއްގެ ހައިސިއްޔަތުން. އަޅުގަނޑުގެ އުފަން ރަށަށް ހެޔޮއެދޭ ދަރިއެއްގެ ހައިސިއްޔަތުން.

އަޅުގަނޑުގެ ޝުޢޫރުތައް މިހާތަނަށް ހާމަކޮށްދެވިފައިވާނީ ތަފާތު އިންޓަނެޓް ނޫސްތަކުގައި އަދި ތަފާތު އެއްވުންތަކުގައި. އަޅުގަނޑުގެ ލިޔުންތަކުގައި އަދި އެއްވުންތަކުގައި އަޅުގަނޑު ވަރަށް ގިނައިން ދަންނަވާފައިވާ އެއް އިބާރާތެއް މިތަނުގައި ހާމަކޮށްލާނަން. އާދެ! އަޅުގަނޑު ތަކުރާރުކޮށް ބުނަމުން ގޮސްފައިވާނީ އަޅުގަނޑު އަބަދުވެސް އެއްބަސްވަނީ ދެބަސްވުމަށޭ. އަޅުގަނޑު ދެބަސްވަނީ އުފެދޭ ޚިޔާލުތަފާތުވުންތަކުގައި ޒާތީ ގޮތްތައް ކުރިއަށް ނެރުމަށޭ. މާނައަކީ އަޅުގަނޑުމެން އެއްވެސް މީހަކީ އެއްމެ ފުރިހަމަ މީހެއްނޫނޭ. ރައްޔިތުންގެ ކަންކަމުގައި ނިންމުންތައް ނިންމާއިރު އެއްމެ މީހެއްގެ ވިސްނުމަކީ އެއްމެ އެކަށީގެންވާ ވިސްނުމަކަށް ނުވެދާނެއޭ. އެހެންކަމުން ދެވަނަ ވިސްނުމަކަށް ފުރުސަތު ދިނުމަށް އަޅުގަނޑުމެނަށް މަޖްބޫރުވެއޭ. އެހެންކަމުން އަޅުގަނޑު މީދޫ ކައުންސިލަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރާނީ ރައްޔިތުން ބާރުވެރިކުރުވަން. ރައްޔިތުންގެ ކަންކަމުގައި ރައްޔިތުން ނިންމާ ނިންމުންތަކުގެ އަތް އަޅައި ފިއްތައިގެން އަޅުގަނޑެއް ނުހުންނާނަން. ރައްޔިތުން މިއަދު ބޭނުންވަނީ މިރަށުގެ މިއޮތް ބޮޑު ބިން ހަމަ އެގޮތަކައްވެސް ބޭނުން ނުކޮށް އެއްވެސް ފައިދާއެއް ނެތްގޮތަކަށް ބާއްވަންކަމަށް ވަންޏާ އަޅުގަނޑު އެކަމަކާ ހުރަހެއް ނާޅާނަން. ރައްޔިތުން ބޭނުންވަނީ އެބިންތައް ބޭނުންކޮށްގެން މާލީ ތަނަވަސްކަން ރަށަށް ހޯދައިދީ ރަށް ތަރަށްގީ ކުރަން ކަމަށްވަންޏާ އަޅުގަޑަށް ލިބިފައިވާ ހުރިހައި ބާރަކާއި އިޚްތިޔާރެއް ބޭނުންކޮށްގެން އެކަމުގައި ރައްޔިތުންނާއެކު އަޅުގަނޑު ބައިވެރިވާނަން.

ގައުމެން ނުވަތަ ރަށެއް ތަރައްގީ ވުމަށްޓަކައި ބޭނުންވަނީ ކޮންކަމެއްތޯ؟ މިސުވާލަށް އެކިމީހުން ދެއްވާ ޖަވާބު ތަފާތުވެދާނެ. އެކިމީހުންގެ ޚިޔާލު ތަފާތުވެދާނެ. އަޅުގަނޑުގެ ނަޒަރުގައި ގައުމެއް ނުވަތަ ރަށެއް ތަރައްގީވުމަށްޓަކައި ބޭނުންވަނީ އެކަމަކަށް އެބަޔަކު އެދޭ މިންވަރާއި އެއްވަރަށް އެކަން ހާސިލްކުރުމަށްޓަކައި މަސައްކަތްކުރުން. ދުނިޔެއިން ފެންނަ އެއް ހަޤީޤަތަކީ ކަންތައްތައް ބަދަލުވަމުންދާ ކަން. ދުވަހަކަށް ފަހު ދުވަހެއް މިދަނީ ފާއިތުވެގެން. ޒަމާން މިދަނީ ބަދަލުވަމުން. ޒަމާނާއެކު އިންސާނުން އުޅެމުންދާ ގޮތާއި ވިސްނަމުންދާ ގޮތްވެސް ދަނީ ބަދަލުވަމުން. އެއްވެސް ޝައްކެތްނެތްގޮތުގައި ބަދަލަކީ ދުނިޔެއަށް ނައިސް ނުދާނެ އެއްޗެއް. އެހެންކަމުން އަޅުގަނޑުމެންގެ ވަށައިގެންވާ ވެއްޓަށް އިޙްތިރާމްކުރުމާއެކު ދުނިޔެއަށް މިއަންނަ ބަދަލާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކޮށްގެން ހިނގަން ދަސްކުރަން އަޅުގަނޑުމެންނަށް މިއަދު މިވަނީ މަޖްބޫރުވެފައި.

ދުނިޔެ އާރާސްތުކުރުމުގައި ތައުލީމަކީ ވަރަށް މުހިއްމު ރޯލެއް އަދާކުރާ ބައެއް. އެހެންނަމަވެސް ތައުލީމާއި އެއްވަރަށް ކަންކަމުގެ ތަޖްރިބާއާއި ދުރުވިސްނުން ނެތްނަމަ އަޅުގަނޑުމެންނަކަށް ތަރައްގީއެއް ނުވެވޭނެ. އެނގިވަޑައިގަންނަވާނެފަދައިން ތަޖުރިބާއާއި ދުރުވިސްނުން ތަކަކީ ފަތްފުއްތަކުގައި ލިޔިފައިވާއެއްޗެއް ނޫން. ކޮންމެ ގައުމެއްގައިވެސް އެގައުމެއްގެ ރައްވެހިން އަބަދުމެ އަބަދު އެބައިމީހުންގެ އިސްވެ ދިޔަ ހަރުމީހުންގެ ވާހަކަތަކާއި ކަންކަން ނަގުލުކުރަމުން އަންނަނީ މިސަބަބާހެދި. މިއީ ހަގިގަތުގައިވެސް ފަހުރުވެރިވުން ހައްގު ކަމެއްކަމެއް. މީސްތަކުން ސަހަރުތަކާއި ރައްތަށް ބިނާކޮށް އާރާސްތުކުރީ ކާބަފައިންގެ ދުރުމިން މިސްރާބު ހެޔޮވަރު ކޮށްގެން. އާއީޖާދުތައްކޮށް އެއްބަޔަކު އަނެއްބަޔެއްގެ މައްޗަށް ވެރިވެގަނެ ބިންބޮޑުކުރީވެސް ހަމަ މިބީދައިންނެވެ.

އެހެންކަމުން އަޅުގަނޑުމެންގެ ރަށް ތަރައްގީކުރުމަށްޓަކައި އަޅުގަނޑުމެންގެ ސިކުނޑި އެބަޖެހޭ ހުޅުވާލަން. މާޒީގެ ތަޖްރިބާއިން މިސްރާބު އަޅައިގެން އަޅުގަނޑުމެންގެ ކާބަފައިން ރަށަށް ގެންނެވި އިންގިލާބީ ބަދަލު ދަމަހައްޓަން އެބަޖެހޭ. އޭރުގެ ހާލަތައް ފެތޭގޮތައް އަދި އެއަށްވުރެ ބޮޑަށް އަޅުގަނޑުމެންގެ ރަށް ކާބަފައިވަނީ ތަރައްގީކޮށްދީފައި. އެކަމަކު މިއަދުގެ ހާލަތު ކިހިނެތްތޯ މިއޮތީ؟ އަޅުގަނޑުމެން ކުރިއަށްއެޅީ ކިތައް ފިޔަވަޅުތޯ؟ މިސުވާލަށް މިއަދު އަޅުގަނޑުމެން ޖަވާބުދޭން އެބަޖެހޭ. ކުރިއަށް ފިޔަވަޅެއް އަޅާފައިނުވާނަމަ އެކަމުގެ ޒިންމާ މިއަދު އަޅުގަނޑުމެން އުފުލަންޖެހޭނެ. އަދި ކުރިމަގު އުޖާލާކުރުމަށްޓަކައި އަޅުގަނޑުމެންގެ ސިކުނޑިތައް ހުޅުވާލަން އެބަޖެހޭ. ސިކުނޑީގައި އެޅިފައިވާ ކަސްތޮޅުން ސަލާމަތްވާން އެބަޖެހޭ. އަޅުގަނޑުމެންގެ ބޭނުންތައް ފުއްދުމަށްޓަކައި އާގޮތްތަކެއް އެބަހޯދަންޖެހޭ. ވިޔަފާރިތައް ފުޅާވާން އެބަޖެހޭ. ރަށަށް އިންވެސްޓްމަންޓްތައް އެތެރެކުރަންޖެހޭ. އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ ރަށުގައި ރިސޯސަސްތައް އެބަހުއްޓޭ. އަޅުގަނޑުމެން ބޭނުންވަނީ މިރިސޯސަސްތައް ރައްޔިތުންނަށް އެއްމެ ފައިދާހުރިގޮތެއްގައި ބޭނުންކުރެވޭނެގޮތްތައް ހޯދައި މަގުފަހިކުރުން. ރަށުގެ ބޮޑު ކުޅި ބޭނުންކޮށްގެން ފައިދާހުރި މަސައްކަތްތަކެއް ކުރަންއެބަޖެހޭ. ރަށުގެ ހުސް ބިންތައް ބޭނުންކޮށްގެން އިގްތިސާދު ދަމަހައްޓަން އެބަޖެހޭ. މިކަންކަން ކުރުމަށް ބޭނުންވަނީ އަޅުގަނޑުމެންގެ ވިސްނުން ބަދަލުކުރަން. ޒަމާނުއްސުރެ ކަންތައްތައްކުރަމުން އައިގޮތް ބަދަލުކުރަން. އެހެންނޫނި ދުނިޔެ ކުރިއަށްދާވަރަކަށް އަޅުގަނޑުމެންދާނީ ފަހަތައް.

ދުނިޔޭގެ ކަންކޮޅުތަކުގައި ކަންހިނގާގޮތަށް ބަލާލާއިރު ފެނިގެން ދަނީ ހުޅުވިފައިވާ ވިޔާފާރި މާހައުލެއްގައި ސަރުކާރައި ރައްޔިތުން ނުވަތަ ކުންފުނި ތައްގުޅިގެން ރައްޔިތުންނަށް ޚިދުމަތްދޭތަނެވެ. ފައިސާގެ ދަތިތަކާއި އުނދަގޫތަކުން ޚިދުމަތް ފުޅާނުކުރެވިވާ ގިނަގުނަ ދާއިރާއަކުން ޚިދުމަތް ފުޅާކުރެވެމުންދާތަނެވެ. މި ފިކުރާއި އިދިކޮޅަށް ވިސްނައިފިނަމަ ފެނިގެންދަނީ ކުރިމަތިވެފައިވާ ދަތިކަން ފިލުވާލުމުން މާދަމާއަށް އިތުރުމައްސަލަތަކެއް ކުރިމަތިކުރުވާތަނެވެ.

އާދެ! އަޅުގަނޑު މިތާހުރެގެން ކިޔާ ކޮންމެ އެއްޗަކީ ތިޔަބޭފުޅުން ގަބޫލުކުރަންޖެހޭ އެއްޗެއްނޫން. އިންސާނުންނަށް ސިކުނޑި ދެއްވާފައިވަނީ އަމިއްލަޔަށް ކަންކަން ހޯދައި ރަނގަޅު ގޮތްތައް އިޚްތިޔާރުކުރުމަށް. އާދެ. މިހިސާބުން އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާނަން.

މިފަދަ އެކުވެރި މާހައުލަކުން ތިޔަބޭފުޅުންނާއި ބައްދަލުކޮށް އެއްޗެއް ދަންނަވާލުމުގެ ފުރުސަތު ލިބުނުކަމަށްޓަކައި މާތްﷲ ހަމްދާއި ޝުކުރުކުރަން. އަޅުގަނޑު އެދެނީ މީދޫގެ އެއްމެހާ ރައްޔިތުންނަށް އުފާފާގަތިކަމާއި ތަނަވަސްކަން މިންވަރުކުރެއްވުން. މާތްﷲ ގެ އިރާދަފުޅާއި ވާގިފުޅުން އަޅުގަނޑުމެން އެއްމެން މިއެދޭ މާދާމާ އިރާދަކުރެއްވިއްޔާ ހާސިލްކުރެވޭނެ. ވައްސަލާމްއަލައިކުމް ވަރަހުމަތުﷲ

  1. No comments yet.
  1. No trackbacks yet.