ދުނިޔޭގެ ކަނޑުތަކުގެ ދުވަސް: މީދޫގެ ބަނދަރު ސާފުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގަންނަވާށެވެ.
މިއަންނަ ހޯމަދުވަހަކީ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރާދުވަހެވެ. މިދުވަސް މުޅި ރާއްޖޭގައި ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. މިދުވަސް ފާހަގަކުރުމުގެ ގޮތުން މިއަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމަކީ އަތޮޅުގެ ހުރިހާ ރަށެއްގެ ބަނދަރު ސާފުކުރުމެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށްޓަކައި އަތޮޅުގެ ހުރިހާ ރަށެއްގެ ބަނދަރުތައް ސާފުކުރުމަށް ޕްރޮވިންސް އޮފީހުން ނިންމަވާފައިވާއިރު މީދޫގެ ބަނދަރު ސާފުކުރުންވެސް ހިމެނޭނެއެވެ. ނަމަވެސް ޤައުމީ ފެންވަރުގައި ހިންގޭ މިފަދަ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ރައްޔިތުންނަށް އެއްމެ އެކަށީގެންވާގޮތަށް ކަމާއިބެހޭ ފަރާތްތަކުން ފޯރުކޮށްދެވިފައި ނުވާކަން ފާހަގަކުރެވެއެވެ. އަދި މިފަދަ ޕްރޮގްރާމްތައް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން ހޯދުމަށް މާބޮޑު މަސައްކަތްތަކެއް ކުރެވިފައި ނުވާކަންވެސް ފާހަގަކުރެވެއެވެ. މިކަމުގެ އެއް މިސާލަކީ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިދިޔަ ހުކުރުދުވަހު ރަށުގެ ގޮނޑުދޮށް ސާފުކުރުމަށް ހިންގި ޕްރޮގްރާމެވެ. ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އެދުވަހު ހެނދުނު 9.00 ފެށިގެން އެއްގަޑިއިރަށް ކުރިއަށްގެންދިޔަ މިޕްރޮގްރާމްގައި އަޅުގަނޑުމެންގެ ރަށުން ބައިވެރިވީ 10 ވަރަކަށް މީހުންނެވެ. އަޅުގަނޑާއި ދިމާވި ގިނަ މީހުން ބުނެފައިވަނީ އެމީހުންނަކަށް އެފަދަ ހަރަކާތެއް ހިންގާކަމުގެ އެއްވެސް މަޢުލޫމާތެއް ލިބިފައިނުވާކަމަށެވެ. އެހެންކަމުން މިފަދަ ޕްރޮގްރާމްތައް ހިންގާއިރު ރަށުގެ ހުރިހާ ރައްޔިތުންނަށް އެކަމާއިބެހޭ މަޢުލޫމާތު ދިނުމަކީ ރަށު ވެރިންގެ ޒިންމާއެކެވެ.
މާދަމާ ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވާހާއި ގުޅިގެން ހިންގާ ޕްރޮގްރާމްގެ އެއްވެސް މަޢުލޫމާތެއް އަދި ރަށުގެ ރައްޔިތުންނަށް ލިބިފައި ނުވެއެވެ. ރައްޔިތުންނަށް މިޕްރޮގްރާމްގެ މަޢުލޫމާތު ނުދެވި ވަނީ ކީއްވެގެން ކަމެއް ނޭނގެއެވެ. ފަހަރުގައި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން ރަށު އޮފީހަހަށް ދުރާލާ މިކަން އެންގިފައި ނެތީކަމަށްވެސް ވެދާނެއެވެ. ނަމަވެސް ވަރަށް ސާފުކޮށް އެނގޭ އެއްކަމެއް ދަންނަވާލާނަމެވެ. މީދޫގެ ބަނދަރު ސާފުކުރަންޖެހެއެވެ. އަދި މީދޫގެ ބަނދަރު ސާފުކޮށް އޮންނަން ބޭނުން ނުވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އެހެންކަމުން ރަށުގެ ރައްޔިތުން އެކައްޗެއްކިޔައި ބަނދަރު ސާފުކުރަން ނިކުންނަންވީއެވެ. މިކަމުގައި ރަށު އޮފީހުން އިސްނަގާތޯ އެމްއެންޑީއެފުން އިސްނަގާތޯ، ނުވަތަ ޕޮލިހުން އިސްނަގާތޯ ބަލަން ތިބުމުގެ ބޭނުމެއްނެތެވެ. އެހެނީ މިކަމަކީ މުޅި ރަށުގެ ރައްޔިތުންނާއި ގުޅުންހުރި ކަމެކެވެ. ރަށުގެ ފަޅުތެރެ ސާފުކޮށް އޮތުމުން އެކަމުގެ ހިތްހަމަޖެހުން ލިބޭނީ ހަމަ އަޅުގަޑުމެންނަށެވެ. ވީމާ ފަޅުތެރެ ސާފުކުރުމަށްޓަކައި އެމީހަކަށް ލިބުނު އެއްޗަކާއިގެން ނުކުންނަންވީއެވެ. އަޅުގަނޑު މިހުރީ ތިޔަބޭފުޅުންނާއެކު މިމަސައްކަތުގައި ނުކުންނަން ތައްޔާރަށެވެ. އަޅުގަނޑުމެންގެ ރަށުގެ ފަޅު ސާފުކޮށް ބޭއްވުމަށްޓަކައެވެ. އަޅުގަނޑުމެންގެ ރަށަށްޓަކައެވެ.
ފަޅު ސާފުކުރުމުގެ މަސައްކަތް ފަށައިގަތުމަށްޓަކައި ބޭނުންވަނީ މިލިޔުންކިޔާ ހަމަކޮންމެ މީހަކުވެސް މިކަމުގައި އިސްނެގުމެވެ. ހޯމަދުވަހު ހެނދުނު އޮންނަ މިޕްރޮގްރާމްގެ ވާހަކަ ތިމާގެ ރަށްޓެހިންނަށް ކިޔައިދީ އެމީހުންގެ ސަމާލުކަން މިކަމަށް ހޯދުމެވެ. އެއަށްފަހު 10 ނުވަތަ 15 މީހުންގެ ގްރޫޕެއް އެކުލަވާލުމަށްފަހު މަންމަމެން ދައްތަމެންގާތު ފަޅުތެރެ ސާފުކުރަންދާވާހަކަ ބުނެލާށެވެ. އެހިސާބުން އެއޮތީ ޖޫހުގެ ކަންތައްތައް ހަމަޖެހިފައެވެ. ފޮރުވިފައިވާ އެއްބައިވަންތަކަން އަލުން އިއާދަވެ، އޭރުގެ ދިގު ފާލަން މަރާމާތުކުރި ދުވަސްދުވަހު ތަޖްރިބާކުރިފަދަ އެއްބައިވަންތަކަމުގެ ލާމަސީލު މަންޒަރެއް ހޯމަދުވަހު މީދޫ ބަނދަރުމަތިން ފެނިގެންދާނެއެވެ.


Recent Comments