ލޯބީގެ ސިޓީއެއް ލިޔާނީ ކިހިނެތް؟
ޖަޒުބާތުން ފުރިފައިވާ ލޯބީގެ ސިޓީއެއް ލިބުމަށްވުރެ ވަކިން އިތުރު ރޮމަންޓިކް އެހެންކަމެއް އޮންނާނެތޯއެވެ؟ ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުމުގެ އިތުރުން މިހާރުވެސް ލޯބިވެރިންގެ މެދުގައި ބަދަލުކުރެވޭ އެއްމެ އަސަރުގަދަ ނޯޓަކީ އަތުން ލިޔެފައި އެކަކު އަނެކަކަށް ފޮނުވާ ލޯބީގެ ސިޓީތަކެވެ.
ލޯބީގެ ސިޓީތަކަކީ ވަކި ދުވަހަކަށް ޚާއްސަކުރެވިގެން ބަދަލުކުރާ އެއްޗެއްނޫނެވެ. ލޯބިވެރިންގެ އިހްސާސްތައް ހިއްސާކުރުމުގައި ލޯބީގެ ސިޓީއަކީ އަހަރުގެ ހުރިހާ ދުވަހަކު ބޭނުންކުރެވޭ އެއްޗެކެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއެކު ލޯބީގެ ސިޓީތައް ބަދަލުކުރުން މިހާރު މިވަނީ މުޅިންހެން ހުއްޓިފައެވެ. ނަމަވެސް އަތުން ލިޔެފައި ފޮނުވާ ލޯބީގެ ސިޓީގައި ހުންނަ ރޮމޭންޓިކް ކަމެއް ޒަމާނީ އާލާތްތައް މެދުވެރިކޮށް ފޮނުވާ މެސެޖްތަކުގައި ނުހުންނާނެއެވެ. މިތަފާތު ތަޖްރިބާ ކުރެވޭނީ ލޯބިވެރިޔާގެ ފަރާތުން ލޯބީގެ އަސަރުގަދަ ސިޓީއެއް ލިބުމުންނެވެ. އަދި ތިމާގެ ލޯބިވެރިޔާއަށް މިތަފާތު އިހްސާސްކުރެވޭނީ ތިބާ އެފަދަ ސިޓީއެއް އެފަރާތައް ފޮނުވުމުންނެވެ. މިލިޔުމުގައި އަޅުގަނޑު މިބަލާލަނީ ލޯބީގެ ސިޓީއެއް ލިޔާއިރު ލޯބީގެ ޝުޢޫރުތައް ފާޅުކުރާނެ ގޮތާއި، ސިޓީގަ ތިބާގެ އިހްސާސްތައް ހިމަނާލާނެ ގޮތުގެ މައްޗަށެވެ.
ލޯބީގެ އަސަރުގަދަ ސިޓީއެއް ލިޔުމަށްޓަކައި ބަހުގެ އަދީބަކަށް ތިބާ ވާކަށްނުޖެހެއެވެ. އާދައިގެ ކަރުދާހަށްވުރެ ތަންކޮޅެއް ބޯކަރުދާސްގަނޑަކާއި ލިޔަން ފަސޭހަ ގަލަމެއް ހޯދާށެވެ. ސިޓީ ލިޔާ ކަރުދާހަކީ މާގިނަ ކުރެހުންތަކާއި ބޯޑަރުތައް ހުންނަ ކަރުދާހަކަށް ކޮންމެހެން ވާކަށް ނުޖެހެއެވެ. ބޯކަރުދާހުގައި ސިޓީ ލިޔަންޖެހެނީ ސިޓީ ރައްކާކޮށްފައި ބޭއްވުމަށް ލޯބިވެރިޔާއަށް އެހީތެރިވުމަށެވެ. ސިޓީލިޔަން ތައްޔާރުވާށެވެ. ލިޔަން ފެށުމުގެ ކުރިން ތިބާގެ ލޯބިވެރިޔާ މަތިން ހަނދާންކޮށްލާށެވެ. އެގޮތައް ކުޑައިރުކޮޅަކު މަޑުކުރުމަށްފަހު ދެން ސިޓީލިޔަން ފަށާށެވެ. މިގޮތައް ލޯބިވެރިޔާގެ މަތިން ހަނދާންކުރުމުން:
1. ލޯބިވެރިޔާގެ ސްޓްރެންގތް ތިބާއަށް އެނގޭނެއެވެ.
2. ލޯބިވެރިޔާއަށް ނުފެންނަ އަދި ނޭނގޭ ސިފަތަކެއް ލޯބިވެރިޔާގެ ފަރާތުން ތިބާއަށް ފެންނާނެއެވެ.
3. ލޯބިވެރިޔާއާއެކު ތިބާ ހޭދަކުރި އެއްމެ ރޮމޭންޓިކް ވަގުތުތައް ހަނދާނަށް އަންނާނެއެވެ.
4. ތިބާއަށް ލޯބިވެރިޔާގެ ފަރާތުން އާއްމުކޮށް ލިބޭ އަޅާލުމާއި އޯގާތެރިކަން ހަނދާނަށް އަންނާނެއެވެ.
5. ތިބާގެ ހިތް އެފަރާތަށް ދޫކޮށްލެވުނު ދުވަސް ހަނދާންވާނެއެވެ.
6. ދެމީހުންގެ ހަނދާނުގައި އެއްވަރަކަށް ބިންވަޅު ނެގިފައިހުރި ކަންތައްތައްތަކުގެ ހަނދާންއާވާނެއެވެ.
ސިޓީލިޔަން ފަށާއިރު “ލޯބިވާ (ލޯބިވެރިޔާގެ ނަން)” މިހެން ލިޔެލުމުން ފުދޭނެއެވެ. ލޯބީގެ ސިޓީތަކަކީ ހަމައެކަނި ދެފަރާތުގެ ހިތުގެ އިހްސާސްތައް ބަދަލުކުރާ އެއްޗެއްކަމުން މާ އޮފިޝަލް ގޮތްތަކެއް ލޯބީގެ ސިޓީގައި ނުހިމެނޭނެއެވެ. ސިޓީ ލިޔާއިރު އެއްމެ މުހިމުކަމެއް ދޭންޖެހޭނީ ތިބާ ބުނަންއުޅޭ އެއްޗެއް ސީދާ ސާދާ ބަހުން ލޯބިވެރިޔާއަށް ކިޔާދިނުމެވެ. ލޯބިވެރިޔާއަކީ ތިބާއަށް ކިހާ އުފާވެރިކަމެއް ގެނެސްދޭ މީހެއްކަން ޔަގީންކޮށްދިނުމެވެ.
މިސާލަކަށް “ކަލާއަށްވުރެ (…..) މީހަކާއި އަހަރެންގެ މުޅި އުމުރުގައިވެސް ދިމަލެއް ނުވޭ.” ނޫނީ “ކަލާ (…..)މުން އެލިބުނު މަސްތުކަމަކީ މީގެ ކުރިން ދުވަހަކުވެސް އަހަރެން އިހްސާސްކުރިކަމެއް ނޫން” މިފަދަ އިބާރާތްތައް ބޭނުންކުރެވިދާނެއެވެ. މިފަދަ އިބާރާތްތަކުން ލޯބިވެރިޔާއަށް ޔަޤީންކޮށްދެނީ ތިބާގެ ޑައިރީގައި އޭނާ ފިޔަވައި ދެވަނަ ނަމެއް ނުވާކަމެވެ. އަދި ލޯބިވެރިޔާ ކޮށްދިން ކަންތައްތަކަކީ ތިބާއަށް ވަރަށް ބޮޑު އުފަލެއް ލިބުނު ކަމެއްކަން މިފަދަ އިބާރާތްތަކުން ހާމަކޮށްދެވޭނެއެވެ. ސިޓީ ކިތައްމެ ދިގުވިޔަސް އަދި ކިތައްމެ ކުރުވިޔަސް ސިޓީގައި ބުނާ ވާހަކަތަކަކީ ތެދުވެރި ހިތެއްގެ ޝުޢޫރު ކަމަށްވަންޏާ މައްސަލައެއް ނެތެވެ. އަބަދުވެސް “ކަލާދެކެ ވަރަށް ލޯބިވޭ” ބުނަން ހަނދާންކުރާށެވެ.
ނިންމާލަމުން ލޯބީގެ ޅެން ބައިތެއް ސިޓީގައި ހިމެނުކަމީ މަޖުބޫރުކަމެއް ނޫނެވެ. ނަމަވެސް ސާދާ ލޯބީގެ ޅެން ބައިތެއް ހަނދާނުގައި ވާނަމަ ހިމަނާލުމަކީ މައްސަލައެއް ނޫނެވެ. “ލޯބީގެ ޖަޒްބާތުތައް ކޮޅުގަޖެހެންދެން އަހަރެންނާއެކު ނަށާލަން އަންނާށެވެ” ޅެމަކަށްވުރެ މޮޅުވާނެއެވެ. ސިޓީ ނިންމާލަމުން ލޯބިވެރިޔާއަށް ދޭ މެސެޖަކީ ވަރަށް މުހިއްމު މެސެޖެކެވެ.


Recent Comments