Home > People > އައްޑުއަތޮޅަށް އުފަން ދެވަނަ ޕްރޮފެސަރ

އައްޑުއަތޮޅަށް އުފަން ދެވަނަ ޕްރޮފެސަރ

ugail projectsސައިންސްގެ ދާއިރާއިން ޕްރޮފެސަރަކަށް ވެވަޑައިގަތް ފުރަތަމަ ދިވެއްސަކީ އައްޑުއަތޮޅަށް އުފަން ހަސަން އުގައިލްއެވެ. ސައިންސްގެ ދާއިރާއިން ޕްރޮފެސަރަކަށް ވެވަޑައިގަތް ފުރަތަ ދިވެއްސަކީ އައްޑުއަތޮޅަށް އުފަން ބޭފުޅަކަށްވީތީ އައްޑުއަތޮޅު ދަރިއެއްގެ ޙައިޞިއްޔަތުން އަޅުގަނޑު ނިހާޔަތަށް އުފާކުރާކަމެކެވެ. މިއީ ޕްރޮފެސަރަކަށް ވެވަޑައިގަތުމުގެ ޝަރަފު ލިބިވަޑައިގެންނެވި ދެވަނަ ބޭފުޅާއެވެ. ރާއްޖޭގައި ފުރަތަމަ ޕްރޮފެސަރަކަށް ވެވަޑައިގެންނެވި ޕްރޮފެސަރ ޢަބްދުﷲ ސަޢީދުއަކީވެސް އައްޑުއަތޮޅުގެ ބޭފުޅެކެވެ. އެއްވެސް ޝައްކެތްނެތްގޮތުގައި މިއީ ދިވެހި ޤައުމަށާއި މިދެބޭފުޅުން ނިސްބަތްވެ ވަޑައިގަންނަވާ އައްޑު އަތޮޅަށް ލިބުނު ވަރަށް މަތިވެރި ޝަރަފަކާއި ކާމިޔާބީއެކެވެ.

އުމުރުފުޅުން 38 އަހަރުގެ ޒުވާން ޕްރޮފެސަރ ހަސަން އުގައިލް ވިދާޅުވެފައިވަނީ ކުރިއަށް އޮތް ތަނުގައި ރިސާރޗްގެ ދާއިރާއިން ކުރިއަށް ދިޔުމަށް ޚިޔާލު ކުރައްވާކަމަށާއި، އެކަޑަމިކް ދާއިރާއިން ހާސިލުކުރައްވަން ބޭނުންފުޅުވި ލަނޑުދަނޑި ހާސިލުވެވަޑައިގެންނެވުމުން ވަރަށް ބޮޑަށް އުފާވެއްޖެ ކަމަށެވެ. “ޕްރޮފްސަރޝިޕްގެ ސަބަބުން ރިސާރޗްގެ ދާއިރާއިން ކުރިއަށް ދިއުމަށް ގިނަ ގުނަ ފަސޭހަތަކެއްވެ, ދުނިޔޭގެ ފެންވަރުގައި ވެސް މަގްބޫލް މީހެއްގެ ގޮތުގައި މިއަދު މިވަނީ ބަލައިގެންފައި” ޔުނިވާސިޓީ އޮފް ބެރޑްފޯޑްގައި ތިއްބެވި އެއްމެ ހަގު ޕްރޮފެސަރުންގެ ތެރޭގައި ހިމެނޭ ހަސަން އުގައިލް ވިދާޅުވި އެވެ.

ޕްރޮފެސަރ އުގައިލް ޕްރައިމަރީ ތަޢުލީމް ހާސިލްކޮށްފައިވަނީ ސ.ހިތަދޫ ނޫރާނީ ސްކޫލުންނެވެ. އޭގެ ފަހުން 1987 ވަނަ އަހަރު ސެކަންޑްރީ ތަޢުލީމް ހާސިލްކުރުމަށްޓަކައި އުގައިލް މާލެއަށް ބަދަލުވިއެވެ. އީ.ޕީ.އެސް އާއި ސީ.އެޗް.އެސް.އީން ސެކަންޑްރީ ތަޢުލީމް ހާސިލްކޮށް އޭލެވެލްގައި ހޯދި މަތީ ކާމިޔާބާއި ގުޅިގެން ލިބިލެއްވި ސްކޯލަރޝިޕެއްގައި ހިސާބު ޢިލްމުން ފަސްޓް ޑިގްރީ ހާސިލްކުރެއްވީ 1995 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ކިންގްސް ކޮލެޖުންނެވެ. އަދި 1996ވަނަ އަހަރު ހަމަ އެކޮލެޖުން ޕީޖީސީއީ ޑިގްރީއެއް ވެސް އޭނާ ވަނީ ފުރިހަމަކުރައްވާފަ އެވެ. ޕްރޮފެސަރ އުގައިލް އެޕްލައިޑް މެތަމެޓިކްސްގެ ދާއިރާއިން ޕީއެޗްޑީ ފުރިހަމަ ކުރެއްވީ 2000 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލީޑްސްއިންނެވެ. އަދި އެއަށް ފަހު ޕޯސްޓް ޑޮކްޓޯރަލް ރިސާޗްފްލޯއެއްގެ ގޮތުގައި 2002 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާއި ހަމައަށް އެޔުނިވަރސިޓީގައި މަސައްކަތްކުރެއްވި އެވެ. އަދި އެއަށް ފަހު ޔުނިވަރސިޓީ އޮފް ބްރެޑްފޯޑްގެ ސީނިއަރ ލެކްޗަރަރ އެއްގެ މަގާމް އެ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާއަށް ލިބިވަޑައިގަތެވެ. އަދި އެޔުނިވަރސިޓީގެ ޑިޕާޓްމަންޓް އޮފް ކޮމްޕިއުޓިންގެ ޗެއަރމަނަކަށް މިހިނގާ 2009 ވަނަ އަހަރު ޕްރޮފެސަރ އުގައިލް ވަނީ ޕްރޮމޯޓްވެވަޑައިގެންފަ އެވެ.

ޕްރޮފެސަރ އުގައިލް ދިރާސާތައް ކުރައްވާފައި ވަނީ ޖިއޮމެޓްރިކް ޑިޒައިންގެ ދާއިރާއިންނެވެ. އޭނާ ދަނީ މިހާރުވެސް ތިން ޕްރޮޖެކްޓެއްގެ މަސައްކަތް ކުރައްވަމުންނެވެ. އެއީ ކޮމްޕިއުޓަރ ގޭމްތަކުގެ ކަރެކްޓަރ މިހާރަށްވުރެ ރިއަލިސްޓިކްކޮށް، ޑިޒައިންކޮށް އުފެއްދުމާއި، އިރުގެ މޫސުމް ދެނެގަންނާނެ ނިޒާމެއް ގާއިމް ކުރުމުގެ އިތުރުން ދޮގުހަދާ މީހުން މިހާރަށްވުރެ ފަސޭހއިން ދެނެގަންނާނެ ނިޒާމެއް ގާއިމް ކުރުމެވެ.

މިފަދަ ތަޢުލީމީ ދަރިން މިއަތޮޅުން އުފެދިގެން ދިއުމަކީ އަޅުގަނޑުމެން ފަޚްރުވެރިވާންޖެހޭ ކަމެކެވެ. މިބޭފުޅުން ތަޢުލީމް ހާސިލްކުރެއްވިގޮތާއި، ތަޢުލީމީ ރޮނގުން ހޯއްދަވަމުން އެގެންދަވާ ކާމިޔާބީތައް ފާހަގަކޮށް މިއަދުގެ ކިޔަވާކުދިން ޢިބްރަތް ލިބިގަންނަން ޖެހޭނެއެވެ. އައްޑު އަތޮޅުގެ ދަރިންނަކީ އަބަދުވެސް ޢިލްމަށް ލޯބިކުރާ ބައެކެވެ.

Categories: People
  1. No comments yet.
  1. No trackbacks yet.